ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމްގެ މައްޗަށް ދައުލަތުން ކުރި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފަށް ހުށަހެޅުމަށް ފަހު ދައުލަތުން މައްސަލަ އަނބުރާ ގެންގޮސްފި އެވެ.

ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި ޝިޔާމްގެ މައްޗަށް ދައުވާ ކުރަނީ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި އޭނާ ހުންނެވިއިރު ކ. ވިލިނގިލީގައި ހުންނަ ކޯސްޓްގާޑްގެ މެރިޓަމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު ހުންނަ ބިމުގައި ހުރި ވީއައިޕީ ގެއެއްގައި، 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ތެރޭގައި އެއް އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަކަށް އޭނާގެ ބައްޕަ ދިރިއުޅުމަށް ބަހައްޓައި، އެ މުއްދަތުގައި އޭނާގެ ބައްޕަ ބެލެހެއްޓުމުގެ ކަންކަން ސިފައިންގެ ޕްރައިވެޓް އޮފިސަރަކާ ހަވާލުކުރި މައްސަލައިގައި ކަމަށެވެ.

އެ މައްސަލައިގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ އޮކްޓޫބަރު މަހުގެ އެއް ވަނަ ދުވަހު ވަނީ ހުކުމް ކޮށްފައެވެ. އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރީ މިދިޔަ ޖެނުއަރީގައެވެ.

ނަމަވެސް ޕީޖީ އޮފީހުން އެދިގެން މިދިޔަ މަހުގެ 30 ވަނަ ދުވަހު އެ މައްސަލަ ވަނީ ބާތިލުކޮށްފައެވެ. އިސްތިއުނާފުގެ މައްސަލައިގެ ދައުވާ ފޯމު ބާތިލުކޮށް ހައި ކޯޓުން ނެރުނު ރިޕޯޓްގައި ބުނެފައިވަނީ، ދައުވާ ފޯމު ބާތިލުކޮށްދިނުމަށް ދައުލަތުން އެދިފައިވަނީ އެ މައްސަލައަކީ ދިގުލައިގެން ގޮސްފައިވާ މައްސަލައެއްކަމުން އެ މައްސަލަ އިތުރަށް ކުރިއަށްގެންދިއުމުގެ މަސްލަހަތު ނެތަތީ ކަމަށެވެ. އެގޮތުން އެ މައްސަލައިގެ ހާދިސާއަށް ހަތް އަހަރުވެފައިވާ ކަމަށް އެ ފޯމުގައިވެއެވެ.

މީގެ އިތުރުން އިސްތިއުނާފު ބާތިލުކުރި ސަބަބެއްގެ ގޮތުގައި ޕީޖީން ވަނީ ޝިޔާމަށް ތުހުމަތު ކުރެވޭ އިތުރު މައްސަލައެއްވެސް އެ އޮފީހުގައި ނެތުމުން ކަމަށް ބުނެފައެވެ.

ޝިޔާމްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅީ 2020 ވަނަ އަހަރު އެވެ.