ރާއްޖޭގެ ކަނޑުގެ ސަރަހައްދީ އިން ކައިރީގައި ގައުމުގެ މިނިވަންކަމަށް ނުރައްކާވާ ފަދަ ގިނަ ކަންތައްތަކެއް ކޮންމެ ވަގުތަކުވެސް ހިނގަމުންދާކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވެއްޖެއެވެ.

ހުޅުމާލެ، އެމްޕީއެލް ސަރަހައްދުގައި މިރޭ ބޭއްވި އޮސްޓްރޭލިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދިވެހި އަސްކަރިއްޔާއަށް ހަދިޔާކުރި "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ރަސްމީކޮށް ކޮމިޝަންކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހިލްމީ ވިދާޅުވީ ރާއްޖޭގެ ސަރަހައްދީ ރައްކާތެރިކަމަށް މިއަދު އޮތް ނުރައްކާތައް ބަދަލުވެ، އެ ނުރައްކާތަކުގެ އަސަރު ގައުމުގެ އެތެރެއަށްވެސް ފޯރަމުންދާ ކަމަށެވެ. މީގެ އިތުރުން، ބޭރުން ކުރިމަތިވާ ގޮންޖެހުންތަކަށްވެސް މިއަދު ސަމާލުވާން ޖެހިފައިވާ ކަމަށާއި، އެފަދަ ނުރައްކާތަކާ ކުރިމަތިލެވޭނެ ފަދަ އަސްކަރީ ގާބިލުކަމެއް ސިފައިންގެ ކިބައިގައި ހުރުން މުހިންމު ކަމަށެވެ.

"ދިވެހިރާއްޖޭގެ މިިނިވަންކަމާއި ސަލާމަތަށް ނުރައްކާވާ އެތައް ކަމެއް ދިވެހިރާއްޖޭގެ ބައުންޑަރީ ލައިން ކައިރީގައި ކޮންމެ ވަގުތަކު ދަނީ ހިނގަމުން، އަދި އެ ނުރައްކާތައް މި ވަނީ ރާއްޖޭގެ ސަރަހައްދުގެ އެތެރެއަށް ކުރިމަތިވެފައި،" ހިލްމީ ވިދާޅުވިއެވެ.

ހިލްމީ ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަރުދަނާ ސިޔާސަތުގެ ދަށުން، ރާއްޖޭގެ ސިޔާދަތު ރައްކާތެރިކުރުމަށްޓަކައި ދިވެހި އަސްކަރިއްޔާ ޒަމާނީ ވަސީލަތްތަކުން ވަރުގަދަކުރަމުންދާ ކަމަށެވެ. އެގޮތުން، ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި އަންނަ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ ކުރިން 20 އިންޓަސެޕްޓަރު އުޅަނދު ހޯއްދަވާނެ ކަމަށާއި، ކަނޑު އަޑިއާއި ކަނޑުމަތީގެ އޮޕަރޭޝަންތަކަށް ހާއްސަ "ސްޕެޝަލް ބޯޓު ސްކޮޑްރަން" އެއް މިހާރު އުފައްދަވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އަލަށް ހިދުމަތަށް ނެރުނު އިމާދުއްދީން މަނަވަރަކީ އޮސްޓްރޭލިއާގެ އޮސްޓަލް ލިމިޓެޑުން ބަނދެފައިވާ، އެންމެ ފަހުގެ ޓެކްނޮލޮޖީ އެކުލެވޭ މުޅިން އާ އުޅަނދެކެވެ. މި މަނަވަރަކީ ކަނޑުމަތީގައި ދިވެހި އަސްކަރިއްޔާގެ ހައިބަތާއި ގާބިލުކަން ދައްކުވައިދޭނެ މުހިންމު ވަސީލަތެއް ކަމަށާއި، ބޭރުގެ ކަނޑުތަކުގައި ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރުމުގައި މި މަނަވަރުގެ ބޭނުން ހިފާނެކަމަށް ހިލްމީ ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި އެމްއެންޑީއެފްގެ ކޯސްޓްގާޑުން އެއްވެސް ބިރެއް ނެތި ސާބިތުކަމާއެކު ދެމިއޮންނާނެކަމަށް ހިލްމީ ވިދާޅުވިއެވެ.