މިއަދުން ފެށިގެން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރަން ޓާސްކް ފޯސްއެއް އުފައްދައި ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
މެޓް އޮފީހުން ވަނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައެވެ. އެގޮތުން ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މެޓުން ވަނީ އުތުރާއި މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމުގެ ފުރުސަތު އޮތް ކަމަށް ވެސް ލަފާކޮށްފައެވެ. އަދި 15 މޭލާއި 25 މޭލުގު ބާރު މިނެއްގައި ވައިޖެހި، ވިލާގަނޑުގައި 45 މޭލަށް ވައިޖެހޭނެއެވެ.
އިސްކަންދަރު ކޮށީގައި ފުލުހުންނާއި އެމްއެންޑީއެފް އަދި ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވީ ޓާސްކް ފޯހުގެ ޖޮއިންޓް އޮޕަރޭޝަން މަރުކަޒު ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށީގައި މިހާރު ގާއިމުކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ މޫސުން ގޯސްވުމުގެ ސަބަބުން ރައްޔިތުންނަށް ލިބިދާނެ ގެއްލުންތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ސިފައިން ތިބީ ތައްޔާރަށް ކަމަށެވެ.
"ހަތަރު ސަރަހައްދެއްގައި އެމްއެންޑީއެފްގެ ރީޖަނަލް ކޮމާންޑް ސެންޓަރުތައް އެބަހުރި. މުޅި ރާއްޖެ ކަވަރުކުރުމަށް މަސައްކަތްތައް އަޅުގަނޑުމެން ވަނީ ތަރުތީބުކޮށްފައި. މާލޭގެ ތިން ދިމާލެއްގައި ވެލިބަސްތާ ލިބޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފައި. އެއީ ހެންވޭރު ކުޑަކުދިންގެ ބަގީޗާ އާއި ސަލްމާން މިސްކިތް ކައިރި ސަރަހައްދާއި ރަސްފަންނު ބަގީޗާ ސަރަހައްދު،" ހިލްމީ ވިދާޅުވިއެވެ.
އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ މެޓުގެ އެ އެލާޓާ ގުޅިގެން އާންމުކޮށް ފެންބޮޑުވާ ގެތަކުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން މިހާތަނަށް 57 ގެއަކަށް ބޭނުންވާ ވެލި ބަސްތާ ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ރަށްރަށުގެ އެމަޖެންސީ ރެސްޕޮންސް ޓީމުތަކަށް ވެސް ބޭނުންވާ ތަކެތި ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހިސާން ވިދާޅުވިއެވެ.
"މޫސުމާބެހޭ އިދާރާއިން މިއަދުން ފެށިގެން މިމަހުގެ 18 އާ ހަމަޔަށް މިހާރު ނެރެފައިވާ މޫސުމީ އެލާޓާ ގުޅިގެން ނެޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީގެ އެމަޖެންސީ އޮޕަރޭޝަންސް އެކްޓިވޭޓް ކުރެވި އަޅުގަނޑުމެން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ އެކިއެކި ފަރާތްތައް ތައްޔާރުކުރުމުގެ މަސައްކަތް މިދަނީ ކުރަމުން،" ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ ވިއްސާރައިން ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށް ފަރުދީ ޒިންމާ އަދާކުރުން ވެސް މުހިންމު ކަމަށެވެ.
"ސައިކަލު ރައްކާތެރި ސަރަހައްދުތަކުގައި ޕާކުކުރުން މުހިންމު. ކުދި ވިޔަފާރި އާއި ރެސްޓޯރެންޓާއި ކެފޭތަކުން އަގުބޮޑެތި މުދާތައް ފެން ބޮޑުވެއްޖެނަމަ ގެއްލުން ނުވާނެ ހިސާބެއްގައި ބެހެއްޓުން މުހިންމު. ވައި ގަދަވެގެން ދިމާވެދާނެ ހާލަތަކަށް ތައްޔާރުވުމަކީ ވަރަށް މުހިންމު ކަމެއް. އުދަ އަރައިގެން ލިބިދާނެ ގެއްލުންތަކުން ސަމާލުވުމަށް އެދެން. ދަނޑުބިންތައް ރައްކާތެރިކުރުންވެސް މުހިންމު،" ހިސާން ވިދާޅުވިއެވެ.
ޕްރެސްގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ފުލުހުން ވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި ވިދާޅުވީ ފޮލިސް ޕޯސްޓް ނުހުންނަ ރަށްތަކުގައި ވެސް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތަށް މިހާރު ކަންކަން ބައްޓަންކޮށްފައިވާ ކަމަށެވެ.
ޝުޖާއު ވަނީ ވިއްސާރައިގެ ސަބަބުން ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާ މަގުތަކުގައި އުޅަނދު ނުދުއްވުމަށް އާންމުންގެ ފަރާތުން އެދިވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު