އުތުރު ތިލަފަޅު ތަރައްގީ ކުރުމަށް ހަދާފައިވާ އެއްބަސްވުމުގައި، އެތަނުގައި ހަތިޔާރު އެޅި ބަޔަކު ތިބޭނެ ވާހަކަ ނޯންނާނެ ކަމަށާއި އެތަނަށް އަރައި ފޭބޭނީ ވެސް ގައުމީ ދިފާއީ ބާރުން ހުއްދަ ދޭ ބަޔަކަށް އެކަނި ކަމަށް ގައުމީ ދިފާއީ ބާރުން ބުނެފި އެވެ.

އެމްއެންޑީއެފުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުތުރުތިލަފަޅުގައި ގާއިމު ކުރަނީ ކޯސްޓުގާޑުގެ ބަނދަރެއްކަން ފާހަގަކޮށް ޗީފް އޮފް ޑިފެންސް ފޯސް އަބްދުالله ޝަމާލު ވިދާޅުވީ، އެ ބަނދަރުގެ މައިގަނޑު އެއް ފެސިލިޓީއަކީ 300 މީޓަރުގެ މަގަތު ފާލަމަކާއި 500 ޓަނުގެ އުޅަނދު ފަހަރު ނެގޭ ވަރުގެ ޑޮކެއް ކަމަށެވެ. އަދި އެއާއެކީގައި ބޭނުންވާ އެސޯސިއޭޓެޑް ސާވިސްތައް ލިބެން ހުންނާނެކަން ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ވަރަށް ސޮރީހަކޮށް ބުނެލަން ބޭނުންވޭ މި ފެސިލިޓީއަކީ 100 ޕަސެންޓު ދިވެހި ދައުލަތުގެ މިލްކެއް. އަދި މިތަން އޮޕަރޭޓް ކުރާނީ ވެސް ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން. އަދި ހަމަ އޭގެ އިތުރުން މިތަނަށް އަންނަ އެއްވެސް ޓެކްނިކަލް ނުވަތަ ތަޖުރިބާކާރު މާހިރަކަށް ވެސް އާދެވޭނީ ދިވެހި ދައުލަތުގެ ހުއްދައާ އެކީގައި ދިވަހި ދައުލަތުން ކަނޑައަޅާ މުއްދަތަކަށް،" ޝަމާލް ވިދާޅުވި އެވެ.

އުތުރުތިލަފަޅު އެއްބަސްވުން ކަމަށް ބުނެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ލީކު ކޮށްލާފައިވާ އެއްބަސްވުމުގައިވާ ގޮތުން އެތަނުގައި އިންޑިއާގެ އަސްކަރިއްޔާއަށް ހަތިޔާރާއެކު ހަރަކާތްތެރިވެވޭނެ އެވެ.

އެކަމަށް ރައްދު ދެއްވަމުން ޝަމާލު ވިދާޅުވީ، އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށެވެ. އަދި ސޮއިކޮށްފައިވާ އެއްބަސްވުމުގައި އަސްކަރީ ބަޔަކު ތިބޭނެ ކަމުގެ ވާހަކައެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.