އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުގެ ބިލަކާއި ފޮރިން ސަރވިސްގެ ބިލެއް، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން ފޮރިން ސަރވިސްގެ ބިލެއް ހުށަހަޅަނީ، ރާއްޖޭގެ ހާރިޖީ ސިޔާސަތު ހަރުދަނާކޮށް، ބައިނަލްއަގުވާމީގޮތުން ފެންވަރު ރަނގަޅު މިންގަނޑަކަށް ފެއްތުމަށްޓަކައި ބޭނުންވާ ހާއްސަ ތަމްރީނާއި ހުނަރާއި ތަޖުރިބާ ލިބިފައިވާ ޕްރޮފެޝަނަލް ފޮރިން ސަރވިސް ކޭޑަރެއް ބިނާކުރުމަށް ކަމަށް އޭޖީ އޮފީހުން ވަނީ ބުނެފަ އެވެ. އަދި ފޮރިން ސަރވިސްގެ ނަމުގައި ވަކި ހިދުމަތެއް ގާއިމުކޮށް، އެ ހިދުމަތް ރޭވިފައިވާ ގޮތާއި، އެ ސަރވިސް ހިންގުމާގުޅޭ އުސޫލުތަކާއި، އެ ސަރވިސްގެ މުވައްޒަފުންނާގުޅޭ އެންމެހައި އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ގާއިމް ކުރުމުގެ ބޭނުމުގައި ކަމަށް ވަނީ ބުނެފަ އެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ހުށަހަޅަނީ، އެ ގާނޫނުގެ ދަށުން ޓެކްސް ނެގޭ އުޖޫރައިގެ ތެރެއިން އިސްތިސްނާވާ ބާވަތްތައް އިސްލާހުކުރުމަށާއި، ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތްތަކަށް ދައްކަން ޖެހޭ ބޭންކް ކޮމިޝަނާއި، އިންޓަރ ކަނެކްޝަން ޗާޖަސް އަދި ރީއިންޝުއަރަންސް ޕްރީމިއަމްއިން ޓެކްސް ދެއްކުމުން އިސްތިސްނާކުރުމުގެ އިތުރުން ރާއްޖޭގައި ވަޒަންވެރި ވެފައި ނުވާ ފަރާތްތަކުން ދައްކަން ޖެހޭ ވިތުހޯލްޑިންގ ޓެކްސް ދެއްކުމުގެ އުސޫލު އިސްލާހު ކުރުމަށް ކަން އޭޖީ އޮފީހުން ފާހަގަ ކުރިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް ސަރުކާރުގެ ފަރާތުން 33 ބިލެއް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް އޭޖީ އޮފީހުން މީގެ ކުރިން ވަނީ ބުނެފަ އެވެ.