ލިވަޕޫލާ ދެކޮޅަށް ރޭ ވުލްވްސްއިން ކުޅުނު މެޗުގައި ބޮލަށް އަނިޔާވި ވުލްވްސްގެ ގޯލްކީޕަރު ރުއި ޕެޓްރީޝިއޯގެ ހާލު ސީރިއަސް ނޫން ކަމަށް ވުލްވްސްގެ ކޯޗު ނޫނޯ އެސްޕިރިޓޯ ސަންޓޯ ބުނެފިއެވެ.
ރޭ ލިވަޕޫލުން ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ގޯލް ޑިއޭގޯ ޖޮޓާ ކާމިޔާބު ކޮށްދީފައިވާއިރު، ޖޮޓާ ރޭގެ މެޗުގެ ފުރަތަމަ 11 އަށް ނުކުތީ އަނިޔާގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށް ފަހުއެވެ.
މީގެ ކުރިން ވުލްވްސްއިން އާސެނަލްއާ ދެކޮޅަށް ކުޅުނު ލީގު މެޗުގައި ފޯވަޑް ރައުލް ހިމަނޭޒްގެ ބޮލަށް ލިބުނު އަނިޔާއާއެކު، އޭނާ ބޮލުގައި ވަނީ ރެނދު ލާފައެވެ. ހިމަނޭޒްގެ ބޮޑު އަނިޔާއިން އޭނާ ރަނގަޅުވަމުން އަންނައިރު، އަދިވެސް ބައިވެރިވަމުން އަންނަނީ މަދު ތަމްރީނުތަކެއްގައެވެ. ރޭގެ މެޗުގައިވެސް ވުލްވްސްއަށް ކުރިމަތިވީ ނޭވާ ހިފަހައްޓާލަން ޖެހޭ ހާލަތެކެވެ.
ގޯލްކީޕަރު ރުއީ ޕެޓްރީޝިއޯއާއި އަމިއްލަ ޓީމުގެ ޑިފެންޑަރު ކޯނާ ކޯޑީއާ ދެ ކުޅުންތެރިން ޖެހި ޕެޓްރީޝިއޯގެ ފަރާތުން ހަރަކާތް ހުއްޓުނު މަންޒަރު ފެނިގެން ގޮސްފައިވާއިރު، އޭނާ ދަނޑުން ބާލާފައިވަނީ އޮކްސިޖަން ގުޅައިގެންނެވެ. ގިނަ ވަގުތުތަކެއްވެސް އެކަމަށް ނަގާފައިވެއެވެ. މެޗަށްފަހު ކޯޗު ނޫނޯ ބުނެފައި ވަނީ ޕެޓްރީޝިއޯ "އޯކޭ" ކަމަށެވެ.
"ޕެޓްރީޝިއޯގެ މާ ބޮޑު މައްސަލައެއް ނެތް. އޭނާ އޯކޭ. އޭނާއަށް ވާނުވާ އެނގޭ. އޭނާ ހަނދާންވެސް އެބަހުރި މެޗުގައި ކަން ހިނގާ ދިޔަގޮތް. އެންމެ ފުރަތަމަ ހެދި އެސެސްމެންޓް ވަރަށް ޕޮޒިޓިވް. އޭނާގެ ހާލު ރަނގަޅުވާނެ. މިކަހަލަ ކަންކަން މެޗު ތެރޭގައި ވާނެ. ރެފްރީގެ ފަރާތުންވެސް ފެނިގެން ދިޔައީ މަޑު ޖެހުމެއް ނެތި ފިޔަވަޅު އެޅިތަން،" ނޫނޯ ބުނެފައިވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު