ލުއި ޚަބަރު

އައިޖީއެމްއެޗަށް ވިހެއި ކުއްޖަކު ގަސްދުގައި މަރާލި ކަމުގެ ތުހުމަތާއެކު މައްސަލަ ބަލަނީ!

ރިފާ ހަލީލު

އަލަތު ދަރިފުޅަށް ބަލިވެ އިނީއްސުރެ ދަރިފުޅު އުރާލަން ލިބޭ ދުވަހަކަށް ދިޔައީ އިންތިޒާރު ކުރަމުންނެވެ. ބަރާބަރަށް ޑޮކްޓަރަށް ދައްކަމުން ދިޔަ ނަމަވެސް ސިއްހީ އިތުރު މައްސަލައެއް ހުރި ކަމަކަށް ޑޮކްޓަރުން ނުބުނެ އެވެ. ނަމަވެސް ބަނޑަށް ފަސް މަސް ވީތަނުން ބަނޑުގައި ގަދަ ރިހުމެއް ހުރެ އެވެ. އަލަށް ބަނޑުބޮޑުވުމުން ވީ ކަމެއް ކަމަށް ހިތައި ހުރީ އެވެ. އޭގެ ފަހުން ކެތް ނުވާ ވަރަށް ރިއްސަން ފެށުމުން ޑޮކްޓަރަށްވެސް ދެއްކި އެވެ. ފުރަތަމަ މާ ބޮޑު މައްސަލައެއް ހުރި ކަމަކަށް ނުބުނެ އެވެ. ނަމަވެސް އޭގެ ފަހުން އަނެއްކާވެސް ކެތް ނުވާ ވަރަށް ރިއްސައި ބޮޑުކަމުދިޔުމާއި ކުޑަ ކަމު ދިޔުން ވޭނަކަށް ވުމުން މިއީ އާދައިގެ ރިހުމެއް ނޫންކަން އެނގުނެވެ.

އެހިސާބުން އަނެއްކާވެސް ޑޮކްޓަރަށް ދެއްކި އެވެ. އެތައް ސްކޭނެއް ކުރުމަށްފަހު އެނގުނީ ދަރިފުޅާ އެކީގައި ރަހިމުގައި ބޮޑުވަމުންދާ ފައިބްރޮއިޑެއް ހުރި ކަމެކެވެ. އެހެން ކަމުން ދެން ޖެހުނީ ދަރިފުޅު ވިއްސަންށެވެ. ދުވަސް ނުފުރައި ވިހޭ ކުދިންވެސް ރަނގަޅު ފަރުވާދެވިއްޖެ ނަމަ ފުރާނަ ސަލާމަތްވެ އެވެ.

މިއީ މީގެ ތިންރޭ ކުރިން އައިޖީއެމްއެޗަށް ވިހޭ އަންހެނެއްގެ ވާހަކަ އެވެ.

މިވާހަކަތައް "ވަން" އަށް ކިޔައިދެމުން ނަން ނުޖެހުމަށް ޝަރުތު ކޮށް އެ ކުއްޖާގެ ބޭބެ ބުނީ އޭނާގެ ކޮއްކޮ ވިހެއީ ދުވަސް ނުފުރާ ނަމަވެސް ކުއްޖާގެ ގުނަވަންތައް އޮތީ ފުރިހަމަވެފައި ކަމަށެވެ. ވިހެއި ދަރިފުޅު އެންމެ ފުރަތަމަވެސް ފެނުނީ ފޮތި ގަނޑަކަށް ލާފައި ޓްރޭއެއްގެ ތެރޭގައި ބާއްވާފައި އޮއްވައި ކަމަށެވެ.

"އެންމެ ފުަރަތަމަވެސް އަހަންނަށް އެ ކުޑަކުޑަ ދަރިފުޅު މި ފެނުނީ އާންމުކޮށް ކުދިން ފެންވަރުވަން ގެންދާ ސިންކު ކައިރީގަ ފޮތި ގަނޑަކަށް ލާފަ އޮއްވާ. ދެން އަހަރެން ގޮސް ބަލައިލި އިރު އެކުއްޖާގެ އަތާއި ފައިގެ އިނގިލިތައް ހަރަކާތް ކުރޭ. ވިންދުވެސް ޖަހާ. ދެން އެތާ ތިބި ނަރުހުން ގާތު އެހިން ބޭބީ ކިހިނެއް ހޭ. އެހީމަ ބުނީ ރަނގަޅޭ. ވިންދުވެސް ރަނގަޅެ ނޭވާވެސް ލައޭ. ދެން އެހިން ކީއްވެހޭ މިހެން ބާއްވާފަ އޮތީ. ފަރުވާއެއް ނުދޭ ހެއްޔޭ. ބުނީމަ ބުނީ މަރު ކޮންފާމް ވަންދެކަށޭ ބާއްވާފަ އޮތީ. އިތުރު ފަރުވާއެއް ނުދޭނެ އޭ. ބުނީމަ އަހަރެން އެތާގެ މެނޭޖްމަންޓަށް ގުޅިން. ގުޅީމަ އެތަނުން ނަގައި ހުދު ފޮތި ގަނޑަކަށް ލާފަ ބޭހާއި ފައިލްތަކާ ގެންދާ ޓްރޮލީ ތެރޭގަ ހުރި ޓްރޭއަކަށް ލާފަ ބޭއްވީ." އަސަރާއެކު އޭނާ ބުންޏެވެ.

އޭނާ ބުނީ އެ ޓްރޭ ތެރެއިން ކުއްޖާ ނަގައި ކުއްޖާ އަށް ފަރުވާދިނުމަށް އެދި ރޮއެ އާދޭސް ކުރި ކަމަށާއި މަޖިލީސް މެންބަރުންނަށާއި ހެލްތު މިނިސްޓަރަށާއި ރައީސް އޮފީހުގެ އިސްވެރިންނަށްވެސް ގުޅި ކަމަށެވެ. ނަމަވެސް އެ ކުއްޖާއަށް ލިބުނު އެއްވެސް ފަރުވާއެއް ނެތް ކަމަށެވެ. އެންމެ ފަހުން ކުއްޖާގެ ނޭވާ މަޑު މަޑުން ދަށްވަމުން ދަށްވަމުން ވިންދުވެސް މަޑުމަޑުން ދަށްވީމަ އެތަނުގައި އެވަގުތު ތިބި ޑޮކްޓަރުން ބުނީ ހިތް ފެއިލް ވެއްޖެ ކަމަށް ކަމަށް އޭނާ ބުންނެވެ.

"އަޅުގަނޑުމެންގެ ބޭބީ ގަސްދުގަ މަރާލީ. އަޅުގަނޑުމެން ލޯ ކުރިމަތީގަ. ހާދަ ރަހުމްކުޑަކޮށޭ އެ ކުޑަ ކުޑަ ފުރާނައާ ދޭތެރޭ ކަންތައް ކުރީ. އެމީހުން އެ ކުއްޖާއަށް ފަރުވާ ދިން ނަމަ އެ ކުއްޖާގެ ފުރާނަ ސަލާމަތްވީސް ﷲގެ ހެޔޮ ރަހުމަތުން. އެކަމަކު އެހާވަރަށް އާދޭސް ކުރީމަވެސް އެމީހުން އެކަމަށް ފަރުވާލެއް ނުބެހެއްޓި. އެންމެ ފަހުން އެ ކުއްޖާ އެދިޔައީ ވިހެއިތާ ހަ ގަޑި އިރު ފަހުން އެއްވެސް ފަރުވާއެއް ނުދީ އެތަނަށް އެއްލާލާފަ އޮއްވާ." މަރުވި ތުއްތު ކުއްޖާގެ ބޮޑުބޭބެ ރޮމުން ކިޔައި ދިނެވެ.

މީގެ އިތުރުން އޭނާ ބުނީ މި މައްސަލަ ހުރިހާ އިދާރާއަކަށްވެސް ހުށަހަޅާނެ ކަމަށެވެ.

އައިޖީއެމްއެޗުން މިއަދު "ވަން" އަށް ބުނީ މި މައްސަލަ އެ ހޮސްޕިޓަލުން ބަލަމުން އަންނަ ކަމަަށެވެ. މިކަމާ ގުޅިގެން މިވަގުތު އެއްވެސް އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނީ މިފަދަ މައްސަލައެއް އެ އިދާރާއަށް ހުށަހަޅާފައި ނުވާ ކަމަށެވެ.