އަހަރެމެން އެންމެހައި މުސްލިމުން، ކޮންމެ އަހަރެއްގެސް ރަމަޟާން މަހާ ބައްދަލުުކުރުމުގެ ފޮނި އުއްމީދުކުރެއެވެ. އެމަހުގެ ބަރަކާތާއި ކަރާމާތުގެ އިތުރުން އާއިލީ ގުޅުން ރަނގަޅުވެ އިޖްތިމާއީ ގޮތުންނާއި ރޫހާނީ ގޮތުންވެސް މީހުންގެ އުޅުމާއި ގުޅުމަށް ގެނުވާ ހެޔޮބަދަލު ފެންނަމުންދެއެވެ.

ރަމަޟާން މަހުގެ ކުރިއަށް އަހަރެމެންނާ ބައްދަލުކުރާ ޝައުބާން މަހަކީވެސް ރޯދަހިފުމާ އަޅުކަންތައްތަކަށް މީހުން ހޭލުންތެރިކުރުވާ މައްސަރެކެވެ. ޝައުބާން މަހުގެ ރޯދައާ ބެހޭގޮތުން ދީނީ އިލްމުވެރިޔާ ޝެއިޚް ޑރ. އިޔާޒް އަބްދުއްލަތީފްގެ ވައިބަރު ކޮމިއުނިޓީ އިސްލާމިކް ނޮލެޖްގައި ކުރި ސުވާލަކަށް އޭނާ ޖަވާބު ދެއްވާފައި ވަނީ އަންނަނިވި ގޮތަށެވެ.

ޝައުބާން މަހު ރޯދަ ގިނަކުރުމަކީ އެދެވިގެންވާ ކަމެކެވެ. ބައެއް ރިއާޔަތްތަކުގައި އައިސްފައިވާ ގޮތުގައި ކީރިތި ރަަސޫލާ ﷺ ޝައުބާން މަސް އެއްކޮށް ރޯދަ ހިއްޕަވައެވެ.

މާތްﷲ ރުއްސުންލެއްވި އުއްމު ސަލަމާގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ﷺ ހަދީސް ކުރެއްވިއެވެ. ޝައުބާން މަހާއި ރަމަޟާން މަސް ފިޔަވައި ވިދިވިދިގެން ދެމަސްދުވަހު ރޯދަ ހިއްޕެވިތަނެއް ތިމަން ކަމަނާ ދެކިވަޑައިނުގަންނަވަމެވެ. (ރިވާހް އަހްމަދު26022، އަބޫދާވޫދު2336، ނިސާއީ2175، އިބްނު މާޖާ1648)

އަބޫ ދާވޫދުގައި އައިސްފައިވަނީ އަންނަނިވި ގޮތަށެވެ. ''ޝައުބާންމަސް ފިޔަވައި އެހެން މަހެއްގައި، މުޅި އަހަރުތެރޭގައިވެސް ރަސޫލާ ﷺ ރޯދައެއް ނުހިއްޕަވައެވެ. އެކަލޭގެފާނު ޝައުބާން މަސް އަދި ރަމަޟާންމަސް އެއްކޮށް ގުޅުއްވާލައްވައެވެ.

އިސްވެދިޔަ ނައްސުތަކުން ދޭހަވަނީ ކީރިތި ރަސޫލާ ﷺ މުޅި ޝައުބާންމަހު އެއްކޮށް ރޯދަ ހިއްޕެވި ކަމަށެވެ. އެހެން ބައެއް ރިވާޔަތްތަކުގައި އައިސްފައިވަނީ، އެކަލޭގެފާނު ޝައުބާންމަހުގެ ބޮޑުބައެއްގައި ރޯދަ ހިއްޕެވިކަމަށެވެ.

އަބޫ ސަލަމާ(ރއ)ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ﷺ ރޯދަ ހިއްޕަވާ ގޮތާ ބެހޭގޮތުން ތިމަންކަލޭގެފާނު އާއިޝާ(ރއ) އާ ސުވާލުކުރީމެވެ. އެކަމަނާ ވިދާޅުވިއެވެ. ''ތިމަންމެން އެކަލޭގެފާނު ރޯދަހިއްޕަވައިފިއޭ ބުނަންދެން ރޯދަ ހިއްޕަވަމެވެ. އަދި ތިމަންމެން އެކަލޭގެފާނު ރޯދަ ވީއްލައިފިއޭ ބުނަންދެން ރޯދަ ނުހިއްޕަވާ ހުންނަވައެވެ. ޝައުބާން މަހަށްވުރެ ގިނައިން އެކަލޭގެފާނު ރޯދަ ހިއްޕެވި މައްސަރެއް ތިމަން ކަމަނާ ނުދެކެމެވެ. ބައެއް ފަހަރު މުޅި ޝައުބާންމަހު އެއްކޮށް ރޯދަ ހިއްޕަވައެވެ. އަދި އަނެއް ބައި ފަހަރު ޝައުބާންމަހުން މަދުބައެއް ފިޔަވައި ރޯދަ ހިއްޕަވައެވެ.''

އިސްވެދިޔަ ދެ ހަދީސް ގުޅުއްވާލައްވައި އިލްމުވެރިން ވިދާޅުވަނީ: ރަސޫލާ ﷺ ބައެއް އަހަރުތަކުގައި މުޅި ޝައުބާންމަހު އެއްކޮށް ރޯދަ ހިއްޕަވައެވެ. އަދި އަނެއްބައި އަހަރުތަކުގައި ޝައުބާންމަހުގެ ބޮޑު ބައެއްގައި ރޯދައަށް ހުންނަވައެވެ.

މާތްﷲ ރުއްސުންލެއްވި އުސާމާ ބިން ޒައިދު، ކީރިތި ރަސޫލާ ﷺ އަށް ދެންނެވިއެވެ. ''ޝައުބާންމަސް ފިޔަވައި އެހެން މައްސަރެއްގައި ކަލޭގެފާނު އެހާ ގިނައިން ރޯދަ ހިއްޕަވަނިކޮށް ތިމަންކަލޭގެފާނު ދެކެވަޑައިނުގަންނަވަމެވެ.'' ހަދީސް ކުރެއްވިއެވެ. ''އެއީ މީސްތަކުން ގާފިލްވެފައިވާ މަހެކެެވެ. އެމަހަކީ ﷲގެ ހަޒްރަތަށް އަޅުތަކުންގެ އަމަލުތައް އުފުއްލެވޭ މައްސަރެކެވެ. އެހެންކަމުން ތިމަން ކަލޭގެފާނުގެ އަމަލުތައް ރޯދައަށް ހުންނަވަނިކޮށް އުފުއްލެވުމަށް ލޯބި ކުރައްވަމެވެ.''

އެހެންކަމުން ޝައުބާންމަހު ރޯދަ ހިފުން ގިނަ ކުރުމަކީ ވަރަށް ބޮޑަށް އެދެވިގެންވާ ކަމެކެވެ. ﷲގެ މަގުގައި ރޯދަ ހިފުމުގެ މާތްކަން ބަޔާންކުރައްވާ ހަދީސްކުރައްވާފައި ވެއެވެ. ''މާތްﷲ ގެ މަގުގައި އެންމެ ދުވަހަކު ރޯދަ ހިފި މީހެއްގެ މޫނު 70،000 ހަރީފުގެ ދުރުމިނަށް ނަރަކައިން ދުރުކުރައްވަވާނެއެވެ.''

ވީމާ މިފުރުސަތުގެ ބޭނުން ނަންގަވައި ނުލައްވާށެވެ!