ޓެކްސް ދެއްކުމަށް މަކަރު ހަދައި، ޓެކްސް ދެއްކުމުން އެއްކިބާވާ ފަރާތްތައް ދެނެގަތުމަށާއި، މެންބަރު ގައުމުތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރުމަށާއި، ޓެކުހާ ގުޅޭ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވައިލާފައިވާ މުއާހަދާ "ކޮންވެންޝަން އޮން މިއުޗުއަލް އެޑްމިނިސްޓްރޭޓިވް އެސިސްޓެންސް އިން ޓެކްސް މެޓަރސް،" (އެމްއޭއޭސީ) ގައި ބައިވެރި ނުވެއްޖެ ނަމަ އީޔޫއިން ރާއްޖެއަށް ދޭ އެހީތަކަށް ބުރޫ އަރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީރު މިހެން ވިދާޅުވީ، އެމްއޭއޭސީ މުއާހަދާގައި ރާއްޖޭން ބައިވެރިވުމާ މެދު މަޖިލީހުގެ ލަފާ ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި މައްސަލަ، މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާ ކުރުމަށް އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެ މުއާހަދާއާ ބެހޭގޮތުން މެންބަރުންނަށް މައުލޫމާތު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، އެމްއޭއޭސީ، މި ކޮންވެންޝަންގައި އެއްބަސްވާ ކަންތައްތައް ތަންފީޒު ކުރުމަށް ރާއްޖޭން ސޮއިކުރަން ޖެހޭ ކަމަށެވެ.
މި އެއްބަސްވުމުގައި މިދިޔަ އަހަރުގެ ޖުލައި، އޯގަސްޓް މަސްހާތާ ސޮއިކުރަން ކުރިންވެސް އޮތީ ހަމަޖެހިފައި ކަމަށާއި، ނަމަވެސް ކޮވިޑް 19 ގެ ހާލަތާ ގުޅިގެން އެކަން ކުރެވިފައި ނުވަނީ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ ކޮންވެންޝަންގައި ސޮއި ކުރެވޭ ގޮތަށް ކަމާބެހޭ ގާނޫނުތަކަށް މިހާރު ބަދަލު ގެނެސްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މިއަހަރުގެ އޭޕްރީލްމަހުގެ ނިޔަލަށް އެ ކޮންވެންޝަންގައި ސޮއި ކުރުމުގެ ޔަގީން ކަން ރާއްޖެއިން އީޔޫއަށް ދީފައިވާ ކަމަށެވެ. އެހެން ކަމުން އެއީ ކޮންމެހެންވެސް ރާއްޖޭން ސޮއިކުރަން ޖެހޭ މުއާހަދާއެއް ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މި ކޮންވެންޝަންގައި ރާއްޖެއިން ސޮއި ނުކޮށްފި ނަމަ "ޔޫރަޕިއަން ޔޫނިއަން ލިސްޓް އޮފް ނޮން ކޯޕްރެޓިވް ޖޫރިސްޓިކްޝަން އޮފް ފޯ ޓެކްސް މެޓާސްގައި ދިވެހި ރާއްޖެ ހިމެނިގެންދާނެ،" ކަމަށެވެ.
އެގޮތަށް ނޮން ކޯޕްރެޓިވް ގައުމެއްގެ ގޮތުގައި ރާއްޖެ ލިސްޓު ކޮށްފިނަމަ އީޔޫއިން ރާއްޖެއަށް ވެދެމުން އަންނަ އެހީތަކަށް ބުރޫއަރައި، ޔޫރަޕްގެ ގައުމުތަކުންނާއި ކުންފުނިތަކުން ރާއްޖެއަށް އިންވެސްޓަރުން އައުމަށް ހުރަސް އެޅިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އޭގެ އިތުރުން ބޭރުގެ ޖަމިއްޔާ، ޖަމާއަތްތަކުން ލިބެމުން އަންނަ ފަންނީ އެހީތެރިކަމަށް އުނދަގޫވެގެން ދާނެ ކަމަށާއި، ދުނިޔޭގެ އެކި އެކި މަލްޓިލޭޓްރީ ޑިވެލޮޕްމަންޓް ބޭންކު ތަކާއި ކޮމާޝަލް ބޭންކުތަކުން ލޯނު ހޯދުމުގައި ވެސް ކުރިއަށް އޮތްތަނުގައި ދަތިތަކާ ކުރިމަތިވާނެ ކަން މިނިސްޓަރު އަމީރު ފާހަގަކުރެއްވި އެވެ.
އެމްއޭއޭސީ ގައި ރާއްޖޭން ބައިވެރިވުމުން ލިބޭނެ ފައިދާ ތަކުގެ ތެރޭގައި، ބައިލޭޓްރަލް ޓެކްސް ކޮންވެންޝަންތަކުގައި ބަޔާންކޮށްފައިވާ، މިންގަނޑުތަކަށްވުރެ ފުޅާ ދާއިރާއެއްގައި ޓެކުހާ ގުޅޭ އެހީތެރިކަން ރާއްޖެއަށް ލިބޭނެ ކަމަށާއި، ޓެކްސް ދެއްކުމަށް އެއްކިބާ ވުމުގެ ކުށާއި، މަނީ ލޯންޑަރިން އާއި ޓެކުހަށް މަކަރު ހެދުން އަދި ކޮރަޕްޝަން ފަދަ ކުށްތައް ދެނެގަތުމަށް ރާއްޖެއަށް އެހީތެރިކަން ލިބިގެން ދިއުން ހިމެނޭ ކަމަށްވެސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު