ރެސްޓޯރެންޓް އެސޯސިއޭޝަން އާއި މޯލްޑިވްސް އީސްޓާސް ޔޫނިއަންގައި ބައިވެރިވާ ކެފޭތަކާއި ރެސްޓޯރެންޓްތައް 48 ގަޑިއިރަށް ބަންދުކޮށް، ހަޅުތާލަކަށްދާން ނިންމައިފިއެވެ.

މޯލްޑިވްސް އީސްޓާސް ޔޫނިއަން އިން މިރޭ ކުރި ޓުވީޓެއްގައި ވަނީ އާދޭސް ދެންނެވިއްޖެ ކަމަށާއި ވަގުތު ދެވިއްޖެ ކަމަށެވެ. ދެން އޮތީ ގާނޫނުތަކަށް ބޯނުލެނބުން ކަމަށެވެ.

"ރެސްޓޯރެންޓް އެސޯސިއޭޝަން އާއި މޯލްޑިވްސް އީސްޓާސް ޔޫނިއަން އިސްނަގައިގެން މާލެ ސަރަހައްދު ކެފޭ އަދި ރެސްޓޯރެންޓްސްތައް 48 ގަޑިއިރަށް ނުވަތަ އެއަށްވުރެ ވެސް އިތުރަށް ބަންދު ކުރަން ވަނީ ނިންމައިފަ. ހަމަ ހަމަ ފުރުސަތު ލިބެންދެން ބަންދުކޮށްފައި ބަހައްޓަން،" މޯލްޑިވްސް އީސްޓާސް ޔޫނިއަން އިން ބުންޏެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް އިތުރުވުމާ ގުޅިގެން ކެފޭ އަދި ރެސްޓޯރެންޓްތައް ރޭގަނޑު 8:00 އިން ފެށިގެން ބަންދު ކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އަންގައިފަ އެވެ. ނަމަވެސް ރޭގަނޑު 10:30އާ ހަމައަށް ޑެލިވަރީގެ ހިިދުމަތް ދެވެއެވެ.

އެޗްޕީއޭ އިން އެގޮތަށް ނިންމުމާ ގުޅިގެން ކެފޭ އަދި ރެސްޓޯރެންޓްގެ ހިދުމަތްދޭ ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި ބައެއް ވިޔަފާރިތައް ބަނގުރޫޓް ވަމުން އަންނަ ކަމުގެ ޝަކުވާތައްވެސް ދަނީ ކުރަމުންނެވެ.