ޚަބަރު

މާލެ އާއި އަތޮޅު ތެރޭގައި ވޯޓުފޮށި ބަހައްޓާ ބައެއް ތަންތަނަށް ބަދަލު ގެނެސްފި

ރިފާ ހަލީލު

މާލެ އާއި އަތޮޅު ތެރޭގެ ބައެއް ސަރަހައްދު ތަކުގައި ވޯޓުފޮށި ބަހައްޓާ ތަންތަނަށް ބަދަލު ގެނެސްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި މާލެ ސިޓީގައި ބެހެއްޓުމަށް އިއުލާންކުރި ވޯޓު ފޮށިތަކުގެ ތެރެއިން ވޯޓުފޮށްޓެއް ބަހައްޓާތަނަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

މި ބަދަލާއެކު މާލޭގެ އަލިކިލެގެފާނުމަގާއި މަޖީދީމަގު ގުޅޭ ނުކުތާއިން ފެށިގެން މަޖީދީމަގުން ހުޅަނގަށް، ފާށާނާކިލެގެމަގުން ދެކުނަށް، ބޮޑުރަސްގެފާނު މަގުން އިރަށް، އަލިކިލެގެފާނުމަގުން އުތުރަށް ގޮސް އަލިކިލެގެފާނުމަގާއި މަޖީދީމަގު ގުޅޭ ނުކުތާއަށް ހުރި ގޭގޭގެ ރަޖިސްޓްރީވެފައިވާ ރައްޔިތުން ވޯޓުލާން ޖެހޭނީ އިމާދުއްދީން ސްކޫލްގެ މިއުޒިކީ ހިނގުމުން ތިން ނަންބަރު ގޭޓުން ވަދެގެން ދާއިރު ހޯލުގެ އިރުމަތީކޮޅުގައި ބަހައްޓާފައިވާ ގަލޮޅު މެދު ވޯޓު ފޮއްޓަަށް ކަމަށް އިލެކްޝަނުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އަތޮޅުތެރޭގެ 20 ރަށެއްގެ ވޯޓުފޮށި ބަހައްޓާ ތަންތަނަށް ބަދަލު ގެނެސްފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ. އެގޮތުން ހއ. ދިއްދޫ ދެ ނަންބަރު ވޯޓު ފޮއްޓާއި، ހދ. ކުޅުދުއްފުށީ އުތުރު ދެ ނަންބަރު ވޯޓު ފޮއްޓާއި، ކުޅުދުއްފުށި ހުޅަނގު އުތުރު އެއް ނަންބަރު ވޯޓު ފޮއްޓާއި، ކުޅުދުއްފުށި މެދު އުތުރު އެއް ނަންބަރު ވޯޓު ފޮއްޓާއި، ދެ ނަންބަރު ވޯޓު ފޮއްޓާއި، ކުޅުދުއްފުށި މެދު ދެކުނު އެއް ނަންބަރު ވޯޓު ފޮއްޓާއި ދެ ނަންބަރު ވޯޓު ފޮއްޓާއި، ކުޅުދުއްފުށި އިރު ދެކުނު އެއް ނަންބަރު ވޯޓު ފޮއްޓާއި ދެ ނަންބަރު ވޯޓުފޮށި ބަހައްޓާފައިވާ ތަންތަނަށް ވަނީ ބަދަލު ގެނެސްފަ އެވެ.

މީގެ އިތުރުން ށ. ފޯކައިދޫ ދެ ނަންބަރު ވޯޓު ފޮއްޓާއި، ނ. ކުޑަފަރީ އެއް ނަންބަރު ވޯޓު ފޮއްޓާއި، ރ. މަޑުއްވަރީ އެކެއް އަދި ދެ ނަންބަރު ވޯޓު ފޮއްޓާއި، ބ. ދަރަވަންދޫ އެއް ނަންބަރު ވޯޓު ފޮއްޓާއި އެއަތޮޅު އޭދަފުށި ތިން ނަންބަރު ވޯޓު ފޮއްޓާއި، ކ. ގާފަރު ދެ ނަންބަރު ވޯޓު ފޮއްޓާއި، މާފުށީ ދެ ނަންބަރު ވޯޓު ފޮއްޓާއި، އއ. ތޮއްޑު އެއް ނަންބަރު ވޯޓު ފޮއްޓާއި، އދ. އޮމަދޫ އެއް ނަންބަރު ވޯޓު ފޮއްޓާއި މަންދޫ އާއި ދަނގެތީގެ އެއް ނަންބަރު ވޯޓު ފޮށި ބަހައްޓާ ތަންތަނަށް ވަނީ ބަދަލު ގެނެސްފައެވެ. އަދި ވ. ތިނަދޫ އެއް ނަންބަރު ވޯޓު ފޮއްޓާއި މ. ކޮޅުފުށި އެއް ނަންބަރު ވޯޓު ފޮއްޓާއި، ލ. ގަމުގެ އެއް ނަންބަރު ފޮއްޓާއި، ގއ. ދާންދޫގެ އެކެއް އަދި ދެ ނަންބަރު ފޮއްޓާއި، ގދ. ތިނަދޫ ހަތަރު ނަންބަރު ވޯޓު ފޮއްޓާއި ގދ. ގައްދޫ ދެ ނަންބަރު ވޯޓު ފޮށި ބަހައްޓާފައިވާ ތަންތަނަށް ވަނީ ބަދަލު ގެނެސްފަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހުގެ 10 ވަނަ ދުވަހު އެވެ.