ހޮލެންޑުގެ ކުންފުންޏެއް ކަމަށްވާ ޑަޗް ޑޮކްލޭންޑްސް އިން ރާއްޖޭގައި ހިންގަން އުޅުނު ފްލޯޓިން އައިލެންޑު މަޝްރޫއު ކުރިއަށް ގެންދިއުމަށް ދެވަނަ ފަހަރަށް ސޮއިކޮށް، އެ މަޝްރޫއު މިއަދު އިފުތިތާހުކޮށްފި އެވެ.

"މޯލްޑިވްސް ފްލޯޓިން ސިޓީ"ގެ ނަމުގައި ކުރިއަށް ގެންދާ މި މަޝްރޫއު ހިންގަން ފެށުމުގެ ގޮތުން ސަރުކާރުން ވަނީ އާރަށް ކައިރީގައި އޮންނަ 200 ހެކްޓަރުގެ ފަޅެއް ޑަޗް ޑޮކްލޭންޑް ކުންފުންޏަށް ދީފަ އެވެ. ފްލޯޓިން ސިޓީން މާލެއަށް 10 މިނެޓު ތެރޭގައި ދަތުރު ކުރެވޭނެ އެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި އެންމެ ފުރަތަމަ ސޮއިކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި، 2010 ވަނަ އަހަރުގަ އެވެ. އެ އެއްބަސްވުމުގައި އޭރުގެ ސޮއި ކުރެއްވީ ނަޝީދު ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުހަންމަދު ރަޝީދެވެ. ނަމަވެސް އެ މަޝްރޫއަށް ފަހުން ވީގޮތެއް ނޭނގެ އެވެ. އެ މަޝްރޫއުގައި ދެވަނަ ފަހަރަށް ސޮއިކުރީ 2019 ވަނަ އަހަރު އެވެ.

މި ޕްރޮޖެކްޓް ލޯންޗުކުރުމަށް ޓޫރިޒަމް މިނިސްޓަރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި ރައީސް ނަަޝީދު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި ސިޓީގައި 5000 އަށްވުރެ ގިނަ ގެ ތަރައްގީކުރުމަށް ހަމަޖެހިފައިވާއިރު، މި މަޝްރޫއު ކުރިއަށް ގެންދަނީ 10 އަހަރަށް ބަހާލައިގެންނެވެ. މި މަޝްރޫއުގެ މަސައްކަތް މިއަހަރު ފަހު ކޮޅު ފެށުމަށް އަންނަނީ ތައްޔާރު ވަމުންނެވެ.