ކުޅިވަރު

ފުރުސަތުގެ ބޭނުން ހިފާ ރެއާލްއިން އެތުލެޓިކޯއާ ކައިރިކޮށްފި

މުޙައްމަދު ޝަމްޢޫން

ސްޕެނިޝް ލަލީގާގެ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑުން ކުޅުނު މެޗު އެއްވަރުވުމުގެ ފައިދާ ނަގައި، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައާ ގާތަށް ޖެހިލައިފިއެވެ.

ރޭ އެތުލެޓިކޯ މެޑްރިޑުން ގެޓާފޭއާ ދެކޮޅަށް ކުޅުނު މެޗު 0-0 އިން އެއްވަރުވެގެން ނިމިފައިވާއިރު، މެޗުން ލިބުނު ޕޮއިންޓާއެކު އެޓީމު އެއްވަނައިގައި އޮތީ 27 މެޗުން 63 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި މިވަގުތު އޮތް ރެއާލް މެޑްރިޑުން ރޭ އެލްޗޭއާ ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވާއިރު، އެޓީމަށް 27 މެޗުން ލިބިފައި ވަނީ 57 ޕޮއިންޓެވެ. ތިންވަނައިގައި ބާސެލޯނާ އޮތީ 26 މެޗުން 56 ޕޮއިންޓާއެކުގައެވެ.

ރޭ ރެއާލް އިން ކުޅުނު މެޗަށް އެޓީމުން ނުކުތީ އެންމެފަހުން ކުޅުނު ދެ މެޗުންވެސް އެއްވަރު ވެފައި އޮތުމުން އެކަމުގެ މާޔޫސް ކަމުގައެވެ. ލީގަށް ވާދަކުރުމަށް ރޭގެ މެޗުން ކޮންމެހެންވެސް މޮޅެއް މަޖުބޫރުވެފައި އޮތްއިރު، މެޗުގެ ފުރަތަމަ ގޯލް 61 ވަނަ މިނެޓުގައި ޖެހީ އެލްޗޭ އިންނެވެ. ޑެނީ ކަލްވޯގެ އެގޯލާއެކު ބަދަލުތަކެއް ގެންނަން ކޯޗު ޒިދާނަށް މަޖުބޫރު ވެ، އެއްފަހަރާ ތިން ބަދަލު ބޭނުން ކޮށްފައި ވެއެވެ.

ރާމޯސްގެ ބަދަލުގައި ރޮޑްރީގޯ ކުޅެން ނެރެފައިވާއިރު، ފެޑްރީކޯ ވަލްވާޑޭ ބާލައި، ޓޯނީ ކްރޫސްވެސް ދަނޑު މައްޗަށް ނެރުނެވެ. އަދި ސެންޓާ މިޑްފީލްޑަރު ލޫކާ މޮޑްރިޗް ބާލައި، އިސްކޯވެސް ޒިދާން ވަނީ ކުޅެން ނެރެފައެވެ.

ބަދަލުތަކާއެކު ރެއާލްގެ ކުޅުން އެޓޭކަށް ބަދަލު ވެ، ފުލުފުލުގައި ދެ ގޯލް ޖެހިއެވެ. އެ ދެގޯލްވެސް ޖަހައިދިނީ ކަރިމް ބެންޒެމާ އެވެ. އޭނާ ރެއާލް މޮޅުކޮށްދިން ދެވަނަ ގޯލް ޖެހީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައެވެ.