ދުނިޔޭގައި މިހާރު މަގުބޫލުކަން ހޯދަމުން އަންނަ ކޭޕޮޕް ގްރޫޕްތަކަކީ ދިވެހި ޒުވާނުންގެ މެދުގައިވެސް ބޮލީވުޑް އަދި ހޮލީވުޑާއި އެއްވަރަކަށް، ނުވަތަ އެއަށްވުރެވެސް ބޮޑަށް މަގުބޫލުކަން ލިބިފައިވާ ބައެކެވެ.
މިގޮތުން ކޭޕޮޕް ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ ހަބަރަކީ މަޝްހޫރު ގާލްގްރޫޕް ''ބްލެކްޕިންކް''ގެ މެންބަރު ރޯސޭގެ ސޯލޯ އަލްބަމް "އާރް" އަށް ލިބެމުން އަންނަ ކާމިޔާބެވެ.
ރޯސޭގެ މިޔުޒިކް ވީޑިއޯ ''އޮން ދަ ގްރައުންޑް'' ޔޫޓިއުބްގައި ރިލީސްކުރިތާ 24 ގަޑިއިރު ނުވަނީސް އެ ވީޑިއޯއަށް ވަނީ މިހާތަނަށް 39،000،000 ވިއުސް ލިބިފައެވެ. މި ވީޑިއޯ އަންނަނީ މިހާތަނަށް ކޭޕޮޕް އަންހެން ސޯލޯއިސްޓުންގެ ތެރެއިން ރެކޯޑްތައް މުގުރަމުންނެވެ. އެގޮތުން ވީޑިއޯ ރިލީސްކުރި ދުވަހު އެންމެ ގިނަ ވިއުސް ލިބުނު ވީޑިއޯއަށް މިވީޑިއޯ ވެގެން އައިސްފައި ވެއެވެ.
މީގެ އިތުރުން، މި ލަވަ ހިމެނޭ އަލްބަމް ''އާރް'' އަށް ބިލްބޯޑާއި އެމްޓީވީ އޮސްޓްރޭލިއާގެ ރަނގަޅު ރިވިއުސްތައް ވެސް އަންނަނީ ލިބެމުންނެވެ. ''އާރް'' އަށް މިހާތަނަށް 400،000 ކޮޕީސްގެ ޕްރީއޯޑަރު ލިބިފައި ވެއެވެ. މިއީ މިހާތަނަށް އަލަށް ކޭޕޮޕް އަންހެން ސޯލޯއިސްޓަކަށް ލިބުނު ކާމިޔާބެކެވެ.
''އޮން ދަ ގްރައުންޑް'' ވަނީ 51 ގައުމެއްގެ އައިޓިއުން ޗާޓްތަކުގެ އެއްވަނައިގައި ހިމެނިފައެވެ. އަދި ކޮރެއާގެ މިޔުޒިކް ޗާޓްސް ''ބަގްސް'' އަދި ''ޖީނީ'' ގެ އެއްވަނައިގައި އަންނަނީ ފިޔަޖަހަމުންނެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް