ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހެދި ހިޔާ ފުލެޓްތަކަށް ވީގޮތް ނޭނގޭ އެއްވެސް ރައްޔިތަކު ނޫޅޭނެ ކަމަށް އެމްޑީޕީ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޓިކެޓުގައި ހުޅުމާލެ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު ރިޒްނާ ޒަރީރުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ "ކޮބާހޭ މަގޭ ފްލެޓު" ކިޔައި އިދިކޮޅުން ވާހަކަ ދައްކާއިރު އެ ފުލެޓުތަކަށް ވީގޮތް އެއްވެސް ރައްޔިތަކަށް ނޯޅޭ ކަމަށެވެ.

އެގޮތުން ހިޔާ މަޝްރޫއުގެ 7000 ފްލެޓަށް އިއުލާނު ކުރުމަށްފަހު އެއިރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު، 2018 ވަނަ އަހަރު ތެރޭގައި 1974 މީހުން ދަފުތަރުގައި ޖެއްސި ކަމަށާއި އެކަން އޭނާ ކޮށްފައިވަނީ ކުއްލިއަކަށް ކަމަށް ވިދާޅުވި އެވެ.

"އާންމު ގޮތެއްގައި 100 އެއްހާ މީހުން މިގޮތަށްޖެހޭ (ދަފްތަރުގައި)، ނަމަވެސް 2018 ވަނަ އަހަރު އޭރުގައި އެ ތިއްބެވި ބޭފުޅުން ހިންގެވި ޖަރީމާއަކީ މި ދެންނެވި 1974 މީހުން މާލޭގެ އެތަން މިތަނުގައި ޖެއްސި. ޖައްސާފައި ދިރިއުޅުމުގެ ހާލަތަށް ނުބަލައި އޭގެ ތެރެއިން އެތައް ބަޔަކަށް ފުލެޓް ދިނީ. އެއީ ކޮބާ މަގޭ ފްލެޓަށްވީ ގޮތް،" ނަޝީދު ވިދާޅުވިއެވެ.

އޭގެ އިތުރުން ހިޔާ މަޝްރޫއުގެ ސިވިލް ސާވިސް ކެޓެގަރީން 1000 މީހުންނަށް ފްލެޓް ދީފައި އޮތީ ދިރިއުޅުމުގެ ހާލަތަށް ނުބަލާ ކަމަށާއި އެއީ މިއަދު ފެންނަން އޮތް ހަގީގަތް ކަމަށް ވެސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވެ ފްލެޓު ކޮމިޓީއެއް އެކުލަވާލައި ފްލެޓު، ލިސްޓު އާންމު ކުރީ ވަރަށް ރަނގަޅަށް ބަލާފައި ކަމަށެވެ. އެގޮތުން އެންމެންގެ ދިރިއުޅުމުގެ ހާލަތު ވެސް ބަލާފައިވާނެ ކަމަށާއި މިހާރު ވެސް ރައްޔިތުންގެ މަޖިލީހާއި ހައުސިން މިނިސްޓްރީން ގުޅިގެން އެކަންކަން ބަލައި އެ ލިސްޓު އިތުރަށް ފުރިހަމަ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުން ވެސް އަދި ހައުސިން މިނިސްޓްރީން ވެސް އެ ގެންދަވަނީ އެ ލިސްޓު ފުރިހަމަކޮށް، ހަގީގަތުގައި ވެސް މި މާލޭ ސަރަހައްދުގައި ބޯހިޔާވަހިކަން ހައްގުވާ މީހުންނަށް އެކަން ކޮށްދެމުން، އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ 7000 ފުލެޓްގެ ކަންތައް ނިިމިގެންދާތަން ތިޔަ ބޭފުޅުންނަށް ފެނިގެންދާނެ". ނަޝީދު ވިދާޅުވި އެވެ.