މިސްކިތްތަކުގައި މިހާރު ހަދަމުންދާ ސަފުތަކަކީ ޝަރުއީ މިންގަނޑަށް ނުފެތޭ ސަފުތަކެއް ކަމަށާއި އަވަހަށް ގުރުއާނާއި ސުންނަތަށް ރުޖޫއަ ވުމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ގޮވާލައްވައިފި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރާއިރު ދުރު ދުރުގައި ނަމާދު ކުރުމަށް ވަނީ ނިންމާފަ އެވެ.

މިކަމާ ގުޅިގެން ޑރ. އިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާރު މިސްކިތްތަކުގައި ހަދަމުންދާ ސަފުތަކަކީ ޝަރުއީ މިންގަަނޑަށްވެސް އެޗްޕީއޭގެ މިންގަނޑަށް ވެސް ނުފެތޭ ސަފުތަކެއް ކަމަށެވެ.

"ގިޔާމަތް ދުވަހު ތިމަންނާ މިވެނި ބަޔަކަށް ފޮލޯ ކުރީ އޭ ބުނެ ސަލާމަތެއް ނުވެވޭނެ. އަވަހަށް ގުރުއާނާއި ސުންނަތަށް ރުޖޫއަ ވެލައްވާ!." އިސްލާމިކް މިނިސްޓްރީ ޓެގް ކުރައްވައި ޑރ. އިޔާޒް ކުރެއްވި ޓުވީޓުގައި ވިދާޅުވި އެވެ.

މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރާއިރު ގައިދުރުކޮށް ޖަމާއަތް ހަދަން ނިންމީ މިމަހުގެ އެއްވަނަ ދުވަހު އެވެ.