ކުރިންވެސް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ކުޅެފައިވާ ސީރިއާ ގައުމީ ޓީމުގެ ގޯލްކީޕަރު މަހުމޫދު އަލް ޔޫސުފް އަލުން އެ ކްލަބާ ގުޅިއްޖެއެވެ.

އޭއެފްސީ ކަޕަށް ޓީމު އިތުރަށް ވަރުގަދަ ކުރުމަށް މާޒިޔާއިން ބިދޭސީ ކުޅުންތެރިންނަށް ބަދަލުތަކެއް ގެންނަމުންދާއިރު، އެޓީމުގައި ކުރިން ހުރީ ސާބިއާގެ ކީޕަރު ނިކޮލަ ވުޔަނަކެވެ. ދިވެހި ޕްރިމިއާލީގުގެ ކްލަބުތަކަށް ކުޅެ، އިތުބާރުވެސް ހޯދާފައިވާ މަހުމޫދު ވަނީ ކުރިން ވިކްޓަރީއާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށްވެސް ކުޅެފައެވެ.

2016 ވަނަ އަހަރު ޔޫވީން ރާއްޖެއަށް ތައާރަފު ވެގެންދިޔަ މަހުމޫދު އޭގެ ފަހުން ވިކްޓަރީއަށް ކުޅެފައިވާއިރު، އޭނާ ކުރިން މާޒިޔާއަށް ބަދަލުވީ 2017 ވަނަ އަހަރު ސީޒަންގެ މެދުތެރެއިންނެވެ. އެ ސީޒަން ނިންމައި މަހުމޫދު އަނެއްކާވެސް ދެން ކުޅެފައި ވަނީ ސައުދީ އަރަބިއްޔާގެ ލީގަށެވެ. އަލް-ޖަބަލައިންގެ އިތުރުން ސައުދީ އަރަބިއްޔާގެ ފުރަތަމަ ޑިވިޝަނުގެ ކްލަބް އަލް-މުޖައްޒަލްއަށް މަހުމޫދު ކުޅެފައިވާއިރު، ދޭތެރެއަކުން އޭނާ ވަނީ ސީރިއާގެ އަލް ޖައިޝް އަށްވެސް ކުޅެފައެވެ.

އޭއެފްސީ ކަޕަށް ސްކޮޑު ވަރުގަދަކުރުމުގެ ގޮތުން މާޒިޔާއިން ވަނީ މިހާރު ޖަޕާނުގެ މިޑްފީލްޑަރެއް ކަމަށްވާ ޓަކާޝީ އޮޑަވާރާ ލައްވައި ވެސް ސޮއިކޮށްފައެވެ. އޭނާއަކީ ފިލިޕީންސް ލީގުގައިވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ.

ކޮވިޑް 19އާ ގުޅިގެން މިދިޔަ އަހަރުގެ އޭއެފްސީ ކަޕް ކެންސަލް ކޮށްފައިވުމާއެކު މާޒިޔާއަށް ބޮޑެތި ގެއްލުންތަކަކާވެސް ކުރިމަތިވެފައިވާއިރު، މިއަހަރުގެ އޭއެފްސީ ކަޕް ގްރޫޕް ޑީގެ މެޗުތައް ރާއްޖޭގައި ހޯސްޓް ކުރުމަކީ ލިބޭނެ ހިތްވަރެކެވެ. ކޮންމެ ގްރޫޕެއް ވަކި ގައުމެއްގައި ސެންޓްރަލައިޒްކޮށްގެން ކުޅެން އޭއެފްސީން ނިންމާފައިވާއިރު، ޕްލިމިނަރީގައި ކުޅެގެން ކޮލިފައިވެއްޖެ ނަމަ، ކްލަބު އީގަލްސްވެސް ކުޅެން ޖެހޭނީ އެ ގްރޫޕްގައެވެ.

ކޮވިޑްގެ ހާލަތު ގޯސްވެ، ރާއްޖޭގެ ލީގު މެދުކަނޑާލާފައިވާއިރު އަލުން ލީގު ފެށުމަށް ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ވެކްސިން ޖަހައި މިހާރު ވަނީ ފަރިތަކުރުންތައް ފަށާފައެވެ.