މިއަހަރުގެ ޔޫރޯއަށްފަހު ޖަރުމަނުގެ ކޯޗުކަން ޔޮކިމް ލޯވް ދޫކޮށްލާ ނަމަވެސް، އެމަގާމާ ހަވާލުވުމުގެ ވިސްނުމެއް ނެތް ކަމަށް މިހާރު ލިވަޕޫލްގެ ކޯޗުކަމުގައި ހުރި ޔާގަން ކްލޮޕް ބުނެފިއެވެ.

ޖަރުމަނާއެކު ކާމިޔާބީތަކެއް ހޯދުމަށްފަހު އެގައުމުގެ ކޯޗުކަން ދޫކޮށްލާނެކަން ލޯ އިއުލާން ކުރީ އިއްޔެއެވެ. ޖަރުމަނުގެ ފެޑަރޭޝަނުން ބުނެފައި ވަނީ މި ސީޒަންގެ ޔޫރޯއަށްފަހު ލޯވް ގައުމީ ޓީމު ދޫކޮށްލާނެ ކަމަށެވެ. ލޯވް ވަކިވާން އިއުލާން ކުރުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ ދެން އެމަގާމަށް އަންނާނެ ކޯޗަކީ ޖަރުމަނަށް އުފަން ކްލޮޕް ކަމަށް ބުނެފައެވެ.

ޑޯޓުމަންޑާއި ލިވަޕޫލްގައިވެސް ކާމިޔާބީތަކެއް ހޯދާފައިވާއި ކްލޮޕް ބުނެފައި ވަނީ ޖަރުމަނުގެ ކޯޗުކަމަށް ދިޔުމުގެ ވިސްނުން ނުގެންގުޅޭ ކަމަށާއި، މިވަގުތު ވިސްނަނީ ލިވަޕޫލްގައި ބާކީ އޮތް ތިން އަހަރު ދުވަހަށް ކަމަށެވެ.

"ޖަރުމަނުގައި ވަރަށް ރަނގަޅު ގިނަ ކޯޗުންތަކެއް އެބަތިބި. އެހެން ރަނގަޅު ކޯޗެއް ޖަރުމަނުގެ އެފްއޭއިން ހޯދާނެކަން ޔަގީން. ޖަރުމަނުގެ ކޯޗުކަމަށް އަހަރެންގެ ވިސްނުމެއް ނެތް. ލިވަޕޫލްގެ ކޮންޓްރެކްޓްގައި ބާކީ ތިން އަހަރު އެބައޮތް. އަހަރެންގެ އުސޫލަކީ ކޮންޓްރެކްޓެއް ހަދައިފިއްޔާ އެ ކޮންޓްރެކްޓަކާ އެއްގޮތަށް އަމަލުކުރުން،" ކްލޮޕް ބުނެފައިވެއެވެ.

ޖަރުމަނާއެކު ކޯޗު ލޯވް ވަނީ ވޯލްޑް ކަޕްވެސް ކާމިޔާބު ކޮށްފައެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުން ޖަރުމަނު ހިތްދަތިކޮށް ކަޓައިގެން ދިޔުމާއި، ޓީމުގެ ބައެއް ކުޅުންތެރިންނާ ޖެހުނު މައްސަލަތަކާއެކު ކޯޗު ލޯވް ޖަރުމަނު ދޫކޮށްލާނެ ކަމަށް ކުރިން ބެލެވިފައި އޮތްއިރު، އެ ނިންމުން ނިންމީ މިދިޔަ ހަފުތާގައެވެ.