ކުރިއަށް އޮތް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ސްކޮޑު އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެ ކްލަބުން ވަނީ އަލަށް ޓީމާ ގުޅުނު މިޑްފީލްޑަރު އިއްޔެ އިއުލާން ކޮށްފައެވެ. ފިލިޕީންސް ލީގުގައި ކުޅެފައިވާ ޖަޕާނުގެ މިޑްފީލްޑަރެއް ކަމަށްވާ ޓަކާޝީ އޮޑަވާރާ މާޒިޔާއާ ގުޅުނުކަން ކްލަބުން އިއުލާން ކޮށްފައިވާއިރު، އުމުރުން 28 އަހަރުގެ ޓަކާޝީ ވަނީ މާޒިޔާގެ މިހާރުގެ ކޯޗު ސާބިއާގެ ރިސްޓޯ ވިޑަކޮވިޗްގެ އިރުޝާދުގެ ދަށުން ފިލިޕީންސް ލީގުގެ ސެރެސްއަށް ކުޅެފައެވެ.

ޓޯކިޔޯ ޔުނިވާސިޓީ ޓީމުގައި ޔޫތު ކެރިއަރު ހޭދަކުރި ޓަކާޝީ އެންމެ ފުރަތަމަ ކުޅުނީ 2015-2017 އަށް ފިލިޕީންސް ލީގުގެ ޖޭޕީވީ މަރިކީނާ އަށެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ފިލިޕީންސް ލީގުގެ ޑަވާއޯ އަގީއަސް އަށް ކުޅުމަށް ފަހު 2019-2020 ގައި ކުޅުނީ ސެރެސް އަށެވެ. މާޒިޔާ އަށް ބަދަލުވުމުގެ ކުރިން އޭނާ އެންމެ ފަހުން ކުޅެފައިވަނީ އިންޑޮނީޝިއާގެ ޕާސިބް ބަންޑުން އަށެވެ. އެ ޓީމާ އެކު އޭނާ ވަނީ އޭއެފްސީ ޗެމްޕިއަންސް ލީގުގެ ޕްލޭއޮފްގައި ކުޅެފައެވެ.

މާޒިޔާ އިން މި ސީޒަން ފެއްޓީ ބިދޭސީ ތިން ކުޅުންތެރިންނާ އެކުއެވެ. އެއީ ސެއިންޓް ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓާއި ސާބިއާގެ ކީޕަރު ނިކޮލަ ވުޔަނަކް އަދި އެ ޓީމުގެ ޑިފެންޑަރު ޕީޓަ ޕްލަނިޗެވެ. މާޒިޔާއިން ބިދޭސީ ކުޅުންތެރިންނަށް ބަދަލުތަކެއް ގެންނާނެ ކަމަށް ބެލެވިފައިވާއިރު، އޭއެފްސީއަށް ބިދޭސީ ކުޅުންތެރިންގެ ތެރެއިން ބައެއް ކުޅުންތެރިން އާކުރާނެ ކަމަށް ބެލެވެއެވެ.

ލޯކަލް ކުޅުންތެރިންގެ ތެރެއިންވެސް އެންމެ ވަރުގަދަ ސްކޮޑެއް އޮތް މާޒިޔާއިން މިދިޔަ ސީޒަންގެ އޭއެފްސީ ކަޕަށްވެސް ނުކުތީ ވަރަށް ރަނގަޅަށް ތައްޔާރުވެގެންނެވެ. އޭއެފްސީ ކަޕްގެ ޕްލިމިނަރީ ބުރުގައި އިންޑިއާގެ ވަރުގަދަ ބެންގަލޫރު އެފްސީވެސް ކަޓުވާލައި މާޒިޔާއިން ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދާފައިވާއިރު، ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިއުމަށް މާޒިޔާއަށް ރަނގަޅު ފުރުސަތެއް ވެސް އޮތެވެ.

ކޮވިޑް 19އާ ގުޅިގެން މިދިޔަ އަހަރުގެ އޭއެފްސީ ކަޕް ކެންސަލް ކޮށްފައިވުމާއެކު މާޒިޔާއަށް ބޮޑެތި ގެއްލުންތަކަކާވެސް ކުރިމަތިވެފައިވާއިރު، މިއަހަރުގެ އޭއެފްސީ ކަޕް ގްރޫޕް ޑީގެ މެޗުތައް ރާއްޖޭގައި ހޯސްޓް ކުރުމަކީ ލިބޭނެ ހިތްވަރެކެވެ. ކޮންމެ ގްރޫޕެއް ވަކި ގައުމެއްގައި ސެންޓްރަލައިޒްކޮށްގެން ކުޅެން އޭއެފްސީން ނިންމާފައިވާއިރު، ޕްލިމިނަރީގައި ކުޅެގެން ކޮލިފައިވެއްޖެ ނަމަ، ކްލަބު އީގަލްސްވެސް ކުޅެން ޖެހޭނީ އެ ގްރޫޕްގައެވެ.

ކޮވިޑްގެ ހާލަތު ގޯސްވެ، ރާއްޖޭގެ ލީގު މެދުކަނޑާލާފައިވާއިރު އަލުން ލީގު ފެށުމަށް ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ވެކްސިން ޖަހައި މިހާރު ވަނީ ފަރިތަކުރުންތައް ފަށާފައެވެ. ލީގު ފެށުމުގެ އިތުރުން އޭއެފްސީ ކަޕަށް މާޒިޔާއިން ތައްޔާރުވަމުންނ އަންނައިރު، އެޓީމުން މިދިޔަ ސީޒަންގައިވެސް ޓާގެޓް ހިފީ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިޔުމަށެވެ.