އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އާޒިމް މިރޭ "ވަން" އަށް ވިދާޅުވީ އޭނާ ކޮވިޑަށް ޕޮޒިޓިވެފައިވާ ކަމަށާއި އެކަން އެނގުނީ ރޭގެ ވަގުތެއްގައި ކަމަށެވެ.

ނަމަވެސް އާޒިމް މިވަގުތު ހުންނެވީ ކަރަންޓީނުގައި ކަމެއް އަދި ހުންނެވީ ކޮންތަނަކު ކަމެއް އަދި ނޭނގެ އެވެ. އަދި އޭނާގެ ކޮންޓެކްޓު ޓްރޭސިންގެ ތެރެއިން އިތުރު އެއްވެސް މަޖިލިސް މެމްބަރަކު ކަރަންޓީނަށް ވަޑައިގެންނެވި ކަމެއް ވެސް ސާފެއް ނުވެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވީ މާލެ ސަރަހައްދުން 98 މީހަކާއި އަތޮޅުތެރެއިން ފަސް މީހަކާއި އޮޕަރޭޝަނުގައި ހުރި ރިސޯޓުތަކުން 12 މީހުން ކަމަށެވެ.

އަދި ހޮސްޕިޓަލުތަކުގައި 165 މީހަކު ތިބިއިރު، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 64 މީހަކު ވަނީ މަރުވެފައެވެ. އެއީ 57 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސްގެ މީހެކެވެ.