އެމެރިކާގައި ވެކްސިންގެ ދެވަނަ ޑޯޒާއެކު ބޮޑެތި ލުއިތަކެއް ދޭން ނިންމައިފިއެވެ.

އެމެރިކާގެ ސެންޓަރ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން އާންމު ކޮށްފައިވާ ގައިޑްލައިންގައި ވާގޮތުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށްފަހު ދެހަފުތާ ފަހުން ވެކްސިން ޖަހާފައިވާ މީހުންނާއެކު މާސްކް ނާޅައި ގައިދުރު ކަމެއް ނެތި އުޅެވޭނެއެވެ.

ވެކްސިންގެ ދެވަނަ ޑޯޒަށްފަހު ދެހަފުތާގެ މުއްދަތަކަށްފަހު ކޮވިޑަށް ޓެސްޓު ކުރުމާއި ކަރަންޓީނު ވާކަށް ނުޖެހޭނެއެވެ. ނަމަވެސް ބަލީގެ އަލާމާތްތައް ފެންނަ ނަމަ ޓެސްޓު ކުރަން ޖެހޭނެއެވެ.

ސީޑީސީން ނެރެފައިވާ ގައުޑްލައިންގައި ވާގޮތުން ވެކްސިންގެ ދެވަނަ ޑޯސް ޖަހައި ދެހަފުތާގެ މުއްދަތަކަށްފަހުވެސް ގިނަ މީހުން އެއްވާ ތަންތަނަށް އެއްވުން މަނާ ވާނެއެވެ. މީގެ އިތުރުން އާންމުތަންތާގައި މާސްކު އެޅުންވެސް މަޖުބޫރުވާނެ ކަމަށް ގައިޑްލައިންގައި ވެއެވެ.

އެމެރިކާ ވެފައިވަނީ ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ކޮވިޑްގެ ހާލަތު އެންމެ ގޯސްވެފައިވާ ގައުމަށެވެ. އެގައުމުން ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ވެކްސިން ޖެހުމުގެ ކާމިޔާބު ޕްރޮގްރާމެއް ކުރިޔަށް ދެއެވެ. މިހާތަނަށް އެގައުމުގެ 30 މިލިއަނަށް ވުރެ ގިނަ މީހުން ވެކްސިން ޖަހާފައިވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ.