މެންބަރު އީވާ އަބްދުﷲ

ވަކިވަކި ކުންފުނިތަކާއި އޮފީސްތަކުން ބޯހިޔާވަހިކަން ދޫކުރަން ދީގެން ނުވާނެ: އީވާ

އިބްރާހިމް ޒަކީ

2

މާލޭގައި ބޯހިޔާވަހިކަން ދޭނެ މީހުން އެންމެ ރަނގަޅަށް އެނގޭނީ މާލޭ ސީޓީކައުންސިލަށް ކަމަށާއި، ވަކިވަކި ކުންފުނިތަކާއި އޮފީސްތަކުން ބޯހިޔާވަހިކަން ދޫކުރަން ދީގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވިދާޅުވެއްޖެއެވެ.

އީވާ މިހެން ވިދާޅުވީ، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުން ފެށި ހިޔާ މަޝްރޫއުގެ ދަށުން، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް، އެ ކުންފުނިތަކާ ހަވާލުކުރި މަޝްރޫއުތަކުގެ ތެރެއިން، ސްޓެލްކޯ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް އެކުންފުނިން ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން ފްލެޓް ދޫކޮށްފައި ވަނީ ގޯހުން ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން މަޖިލިސް ތަޅުމަށް ހުށަހެޅި ރިޕޯޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

އީވާ ވިދާޅުވީ، އެ މައްސަލަ ބަލައި ކޮމިޓީން މަޖިލިސް ތަޅުމަށް ހުށަހަޅާފައި ވަނީ، ބޯހިޔާވަހިކަން ދިނުމަށް، ސަރުކާރުން ގެންގުޅޭ މައިގަނޑު ނިޒާމުގެ ތެރެއަށް ގެނެސް، ފްލެޓް ހައްގުވާ ފަރާތްތަކަށް އަނެކާވެސް ފްލެޓް ދިނުމަށް ކަމަށެވެ.

މާލެ ފަދަ ބިމަށާއި، ގޯއްޗަށް ދަތިވެފައިވާ ތަނެއްގައި އަދި ބިމާއި ގޯއްޗާއި ބޯހިޔާވަހިކަމަށް މީހުން އެހާ ބޭނުންވެފައިވާ ތަނެއްގައި ވަކިވަކި ކުންފުނިތަކުން ނިޒާމުތަކާއި އުސޫލުތައް ކަނޑައަޅައިގެން ވަކި ބަޔަކަށް ފްލެޓްދޭ ގޮތް ވުމުން އެންމެ ބޮޑަށް ބޯހިޔާވަހިކަން ބޭނުން ވެފައިވާ މީހުންނަށް އެ ފުރުސަތު ނުލިބޭ ކަމަށްވެސް އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ ބޯހިޔާވަހިކަމަކީ ވަކި ތަނެއްގައި އުޅޭތީ ލިބެން ޖެހޭ އެއްޗެއް ނޫން ކަމަށާއި، އެ ލިބެން ޖެހޭނީ ޖުމުލަ ގޮތެއްގައި ރަށުތެރެއަށް ބަލައިގެން އެކަމަށް އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ކަމަށެވެ.

"އެހެން މިދަންނަވާ ސަބަބަކީ މިސާލަކަށް ސްޓެލްކޯގައި މަސައްކަތްކުރިއޯ 25 އަހަރު އެސްޓީއޯގައި މަސައްކަތްކުރިއޯ 30 އަހަރު، އެކަމަކު މާލޭގަ އެބައޮތް ތިން ގޯތި، ހަތަރު ގޯތި، ފަސް ގޯތި، އެހެން ކަމަށް ވަންޏާ އެމީހާއަށް ލިބިގެނެއް ނުވާނެ ބޯހިޔާވަހިކަން، އެއީ ސްޓެލްކޯގައި އުޅުނަސް ރައްޔިތުންގެ މަޖިލީހުގައި އުޅުނަސް ފޮރިން މިނިސްޓްރީގައި އުޅުނަސް، ސިވިލްސާވިސްގައި އުޅުނަސް ބޯހިޔާވަހިކަމަށް ބޭނުންވާ މީހުން އަންނަން ޖެހޭނީ މައިގަނޑު އެއް ސިޔާސަތެއްގެ، އެއް ލިސްޓެއްގެ އެއް ޕްލޭނެއްގެ، އެއް ޕްރޮގްރާމެއްގެ ތެރެއިންނޭ ލިބެން ޖެހޭނީ،" އީވާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެމީހަކު މަސައްކަތްކުރާ ތަނެއްގެ ސަބަބުން އެމީހަކަށް ބޯހިޔާވަހިކަން ދޭން ޖެހިގެން ނުވާނެ ކަމަށެވެ.

"ބާޑްސް އައި ވިއުއަކުން މާލެއަށް ބަލައިގެން ބޯހިޔާވަހިކަން ދޭން ޖެހޭނީ މާލޭ ސިޓީކައުންސިލަށް އެންމެ ރަނގަޅަށް އެނގެން ޖެހޭނީ މާލޭގައި ބޯހިޔާވަހިކަން ލިބެން ޖެހޭ މީހުން، ކުންފުނިތަކުގެ އެމްޑީންނަށާއި ޗެއާމަނުންނަކަށް ނޭނގޭނެ،" އީވާ ވިދާޅުވިއެވެ.