ގަވާއިދާއި ހިލާފަށް ރާއްޖޭގެ އިގްތިސޯދީ ސަރަހައްދަށް ވަދެ އުޅެނިކޮށް ހުސްވި މަހު އަތުލައިގަތް މަސް ބޯޓުގައި ތިބި މީހުން ދޫކޮށްލަންް ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ އެމީހުން ދޫކޮށްލުމުގެ ބަދަލުގައި ފިޔަވަޅުއަޅާން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގެވެ.
މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން ތޯރިގު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުން، ގާނޫނާ ހިލާފަަށް ހަރަކާތްތެރިވާ ބޭރުގެ މަސްބޯޓުތައް ގިނަ އަދަދަކަށް ފެންނަމުންދާތީ އާއި އުތުރުގެ އަތޮޅުތަކާ ދިމާލުން، ފެންނަ އެފަދަ ބޯޓު ފަހަރު އިތުރު ވެ، ރާއްޖޭގެ މަސްވެރިކަމަށް އިންތިހާއަށް ނުބައި އަސަރުތައް ކުރަމުން ދާ ކަމަށެވެ.
ދާ އަޅާއިގެން ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގައި މަސްވެރިކަން ކުރުމަކީ ގާނޫނާ ހިލާފު ކަމަކަށް ވާއިރު، ބޭރުގެ ބޯޓުތަކާމެދު އިތުރަށް ފަރުވާތެރިވެ އިގްތިސޯދީ ސަރަހައްދު ބެލެހެއްޓުމަށް އިތުރު ސަމާލުކަމެއް ދިނުމަށް ތޯރިގު ސަރުކާރަށް ގޮވައިލެއްވިއެވެ.
ތޯރިގު ވިދާޅުވީ، "ހުސްވި ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ނ. އަތޮޅުން 30 މޭލު ބޭރުން ކަންނެލި މަސައްކަތްކުރާ ދެ ދޯންޏަކުން ރިޕޯޓުކޮށް ދިވެހި ސިފައިން އަންނަންދެން އެ ދެ ދޯނިން އެ ބޯޓަށް ފާރަވެރިވެ، އެންމެފަހުން ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގައި ދާ އެޅުމުގެ މަސައްކަތްކުރި އެބޯޓު ކޯސްޓްގާޑުން ގެންދިއުމުން، އެ ބޯޓާމެދު އެއްވެސް ފިޔަވަޅެއް ނާޅައި ދޫކޮށްލުމަށް ސަރުކާރުން ނިންމާފައި ވާ ކަމަށް މައުލޫމާތު ލިބޭ،" ކަމަށެވެ.
އެ ބޯޓުގައި ތިބި މީހުންނަށް ދައުވާ ނުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ނިންމާފައިވާތީ، އެފަދަ ބޯޓުފަހަރަށް ފިޔަވަޅެއް ނާޅައި ރާއްޖޭގެ ގާނޫނުތަކާ ހިލާފަށް ދާ އެޅި މީހުންނާ މެދު ދައުވާ ކުރުމެއް ނެތި ދޫކޮށްލުމަކީ އެފަދަ ބޯޓުފަހަރާއި މީހުންނަށް ލިބޭ އިތުރު ފުރުސަތެއް ކަމަށްވެސް ތޯރިގު ވިދާޅުވިއެވެ.
އެކަމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑު ގެއްލުންތަކެއް ލިބޭ ކަމަކަށް ވާތީ، އެފަދަ ބޯޓުތަކަށް ފިޔަވަޅު ނޭޅުމަކީ ސަރުކާރުން މަސްވެރިކަމުގެ ސިނާއަތާމެދު ވާ އިހުމާލެއް ކަމަށް ވިދާޅުވެ، އެފަދަ ބޯޓުތަކާ މެދު ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އެޅެން ހުރި ފިޔަވަޅުތައް ވަގުތުން އެޅުމަށާއި، ރާއްޖޭގެ އިގްތިސޯދީ ސަރަހައްދު ބެލެހެއްޓުމުގައި އިތުރަށް ސަމާލުވުމަށް ވެސް އެ މައްސަލައިގައި ވަނީ ގޮވާލައިފައެވެ.