ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް އިތުރުކުރާ އިމާރާތުގެ ބިންގާ އަޅައިފި އެވެ.
އެކަމަށްޓަކައި އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހޮސްޕިޓަލަށް އިތުރުކުރާ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމް އާއި ކުރީގެ ހެލްތު މިނިސްޓަރު އަނީސާ އަހުމަދު އެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެލިއާ ކޮންސްޓްރަކްޝަންއާ އެވެ. އެ މަސައްކަތް އެލިއާއާ ހަވާލުކުރީ 72.1 މިލިއަން ރުފިޔާއަށެވެ. އެއީ 239 ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
މި ޕްރޮޖެކްޓުގެ ދަށުން 10 ބެޑުގެ ފުލްފްލެޖް އީއާރަކާއި ދެ އޮޕަރޭޝަން ތިއޭޓަރު ކޮމްޕްލެކްސް އާއި ލެބޯޓަރީއަކާއި ޕްރައިވެޓް ރޫމާއި ރޭޑިއޮލޮޖީ ޑިޕާޓްމަންޓެއް ހަދާނެއެވެ. އެ ޑިޕާޓްމަންޓުގައި އެކްސްރޭ، ސްކޭން، ސީޓީ ސްކޭން އަދި އެމްއާރުއައި ހެދޭނެ އެވެ. އޭގެ އިތުރުން ސީއެސްއެސްޑީ ހެދިގެންދާ އިރު، އެތަނުގައި 150 ކިލޯ ވޯޓުގެ ސޯލާ ހަރުކުރެވިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.
ރާއްޖޭގެ ފަސް ސަރަހައްދުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތަކެއް ތަރައްގީކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން މި އަހަރުގެ ބަޖެޓުގައި ފަސް ރަށެއްގައި ޓާޝަރީ ހޮސްޕިޓަލް ހެދުމަށް 191 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ. އޭގެ އިތުރުން ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ޕްރޮޖެކްޓަށް 34 މިލިއަން ރުފިޔާ އާއި ލ. ގަމުގައި ކެންސަރު ހޮސްޕިޓަލް އިމާރާތްކުރުމަށް 98 މިލިއަން ރުފިޔާ ހިމަނަފައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު