ޚަބަރު

މިންތީގެ ހަމަހަމަކަން އެދެވޭ ގޮތުގައި ހާސިލުކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ: ރައީސް

މުއާވިޔަތު އަންވަރު

މިންތީގެ ހަމަހަމަ ކަން ނުވަތަ އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަކަން އެދެވޭ ގޮތެއްގައި ހާސިލު ކުރުމަށް އަދިވެސް ގިނަ ގުނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ އަންހެނުންގެ ދުވަހާއި ގުޅިގެން އދ. ގެ ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑުގެ ރާއްޖޭގެ ގޮފި މެދުވެރިކޮށް ރައީސް ދެއްވި ހިތާބެއްގައި ވިދާޅުވީ، އިސްމަގާމުތަކުގައި އަންހެނުންގެ އަދަދު އިތުރުކުރުމަށް އަދި މުޖުތަމައުގެ ކަންކަން ނިންމެވުމުގައި އަންހެނުންގެ ދައުރު ފުޅާ ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

"މުޖުތަމައުގައި އަންހެނުން އަދާކުރާ މުހިންމު ދައުރުގެ އަގު ވަޒަން ކުރުމަށް މިދުވަސް ފާހަގަކުރާއިރު މިންތީގެ ހަމަހަމަކަން އެދެވޭ ގޮތުގައި ހާސިލް ކުރުމަށް އަދިވެސް ގިނަ ގުނަ މަސައްކަތްތަކެއް ކުރަން ޖެހޭކަން އަޅުގަނޑުމެން ގަބޫލު ކުރަން،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުގެ ހުރިހާ ފަންތިއެއްގައި އަންހެނުންގެ ބައިވެރިވުން މިހާރަށް ވުރެ އިތުރުކުރުމަށް މަސައްކަތް ކުރައްވާނެ ކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، މުޖުތަމައުގައި އަންހެނުންގެ ބާރުވެރިކަން އިތުރުކުރުމަށްޓަކައި ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތައް ސަރުކާރުން މިހާރު ވާނީ ތަސްދީގު ކުރައްވާފައި ކަމަށެވެ

އެ އެބަދަލު ތަކުގެ ސަބަބުން ކޮންމެ އަތޮޅު ކައުންސިލަކާއި ކޮންމެ ރަށު ކައުންސިލެއްގެ ތިންބައިކުޅަ އެއްބައި ގޮނޑި އަންހެނުންނަށް ހާއްސަވެގެން ދާނެ ކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބާއި އެކު އެކަން ހަގީގަތަކަށް ވެގެން ދާނެ ކަމަށް ވެސް ރައީސް ފާހަގަކުރެއްވި އެވެ.

އަންހެނުންގެ ދުވަހާއި ގުޅިގެން ރައީސް ކުރެއްވި ޓްވީޓް

"ގާނޫނީ ގޮތުން ގެނައި ބަދަލުގެ ސަބަބުން އެމީހަކު ދިރިއުޅޭ މުޖުތަމައެއްގެ ކަންކަން އިދާރީ ގޮތުން ރާވައި ހިންގުމުގައި އަންހެން ކައުންސިލަރުންގެ އަމަލީ ބައިވެރިވުން ލިބޭނެ ކަން ކަށަވަރުވެގެން ދާނެ،" ރައީސް ވިދާޅުވި އެވެ.

އަންހެން ވިޔަފާރިވެރިންނަށް އެހީތެރިވެދިނުމުގެ ގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހިންގާ އަންހެނުންނަސް ފަސޭހައިން ލޯނު ލިބޭނެ މަގު ފަހިކޮށްދިނުމަކީ ސަރުކާރުގެ ވަރަށް މުހިންމު ވައުދެއް ކަން ފާހަގަކޮށް ރައީސް ވިދާޅުވީ، މިންތީގެ ގޯނާ ފަދަ އަންހެނުންނާއި ނުއެކަށޭނެ މައްސަލަތަކާއި ދެކޮޅަށް މަސައްކަތް ކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ކަށަވަރުކޮށްދިނުމަކީ ވެސް ސަރުކާރުގެ ވަރަށް މުހިންމު ވައުދެއް ކަމަށެވެ.