(6 މާޗުގެ އަދަދާ ގުޅޭ)
طـاهـــرة ގެ ހިތްޕުޅު ތެޅޭންފަށައިފިއެވެ. أبــو يـعـقــوب އަނެއްކާވެސް ކުޑައިކޮށް މަޑުކޮށްލައްވައިފައި ހިނިފުޅުވަޑުވަމުން ވިދާޅުވިއެވެ. "ދަރިފުޅާ! ބައްޕަ ދަރިފުޅަށް ވަރަށް ރަނގަޅު ޚަބަރެއް ގެނައިން. ބައްޕަގެ ދަރިފުޅަށްޓަކައި ބައްޕައަށް އެދެވޭނެ މިއަށްވުރެ ރަނގަޅު އެހެން އެދުމެއް ނެތް. ދަރިފުޅުގެ ބައްޕަ އުފާކޮށް ފަޚުރުވެރިވަން. އަންދަލުސުގެ އެންމެ ރަނގަޅު ޒުވާނާ ޝުކުރުވެރިވުމުގެ ކަރުނަޔާއެކު ދަރިފުޅުގެ ކާވެނި ގަބޫލުކުރައްވައިފި. ދަރިފުޅާ! އަނެއްކާ ބައްޕަޔަށް މިކުރެވުނީ ރަނގަޅު ކަމެއްތަ؟"
طـاهـــرة އުފާވެރިކަމުގެ ކަނޑެއްގައި ފީނައިވަޑައިގަންނަވަނީއެވެ. ލަދުފުޅުން އޭނާގެ މޫނުފުޅު ދިޔައީ ރަތްވަމުންނެވެ. އޭނާގެ ލޯފުޅު ހުއްޓިފައިވަނީ ބިންމައްޗަށެވެ.
طـاهـــرة ގެ ބައްޕަ ވިދާޅުވިއެވެ. "ކީއްވެތަ ދަރިފުޅު ނުކައި ހުއްޓައިލީ؟"
"އަޅުގަނޑު ކައިފިން. ބައްޕާފުޅާ! طـاهـــرة އެހެން ވިދާޅުވެފައި ތެދުވެވަޑައިގެން އެކޮޓަރީން ނުކުމެވަޑައިގެންފިއެވެ. އޭނާގެ ފައިންޕުޅު ތުރުތުރު އަޅަނީއެވެ. "أحمد! أحمد!" އޭނާ އުފާވެރިކަމުގެ ކަރުނަ ފޮއްސަވަމުން ވިދާޅުވިއެވެ. "ކަލާއަކީ އަޅުގަނޑުގެއެވެ! ކަލާއަކީ އަޅުގަނޑުގެ އެވެ!"
* * * * * * * * * * *
ސަރަޙައްދީ ކިއްލާ އިމާރާތްކޮށްފައިހުރީ ފަރުބަދައެއްގެ ތިރީގައިވާ އުސްގަނޑެއްގެ މަތީގައެވެ. ޤަޞްޠިލާގެ ހަތްސަތޭކަ ސިފައިން އެކިއްލާއަށް އެތައް ޙަމަލަތަކެއް ދީފިއެވެ. އޭގެތެރެއިން އެއްޙަމަލައަކީ އިންތިހާޔަށް ވަރުގަދަ ޙަމަލައެކެވެ. ކިއްލާގެ ފާރަވެރީން ތިބީ އެބައިމީހުންގެ ދިރިތިބުމާމެދު މާޔޫސުވެފައެވެ. ކިއްލާގެ މުޖާހިދުން ތީރުތަކާއި ގާތައް އޮއްސަމުން ގެންދަނިކޮށްވެސް ނަޞާރާއިންގެ ގާތްގަނޑަކަށް ދުއިސައްތަ ވަރަކަށް ސިފައިން ސިޑިތަކުގެ އެހީގައި ކިއްލާގެ ފާރުމައްޗަށް އަރައިގަތެވެ. ކިއްލާގެ މުޖާހިދުންކުރެ ސަތޭކަ ވަރަކަށް މުޖާހިދުންވަނީ ނަޞާރާއިންނާ ހަނގުރާމަކޮށް ޝަހީދުވެފައެވެ. ނަމަވެސް عبـدالمـنعــم މުޖާހިދުންގެ ހިތްވަރު އެލުނަކަ ނުދެއްވިއެވެ. މުޖާހިދުން އެބައިމީހުންގެ އައު ކޮމާންޑަރު ދައްކަވާ ހިތްވަރުފުޅުގަދަ ނަމޫނާއަށް ތަބާވިއެވެ. ހަށީގައި ހޭވެސް ނުބަހައްޓައި ދުޝްމިނުންނާ ދިމާޔަށް އަރައިގަތެވެ. ނަޞާރާއިންގެ ތެރެއިން ކިއްލާއަށް ވަންމީހުންކުރެ ދިރިތިބެ ކިއްލާއިން ނުކުމެވުނީ ދާދި މަދުމީހަކަށެވެ.
ނަޞާރާއިންނަށް ލިބުނު އަފޫރުއްބަ ގެއްލުމަށްފަހު އެބައިމީހުން ކިއްލާއަށް ޙަމަލަދެމުން ގެންދިޔައީ ވަރަށް އާދައިގެ ގޮތަކަށެވެ. އެގޮތުގައި ކުރިޔަށްދަނިކޮށް އެއްރެޔަކު އެބައިމީހުންނަށް ދުއިސައްތަ ސިފައިންގެ އެހީއެއް ލިބިއްޖެއެވެ. އެހެންކަމުން ވިދިގެންއައި ދުވަހުގެ އިރު ފެނުންތޮޅިލުމާއެކު ނަޞާރާއިން ކިއްލާއަށް އެންމެފަހުގެ ޙަމަލަދޭން ފަށައިފިއެވެ. ޤަޞްޠިލާގެ ކޮމާންޑަރު ހުވާކޮށްފައިވަނީ ކިއްލާ ފަތަޙަނުވަނީސް ފަހަތަށް ނުޖެހޭނެކަމަށެވެ. عبـدالمـنعــم ގެ އެކުވެރީންގެ އަތުންވަނީ ދުނި ހުސްވެފައެވެ. އެބައިމީހުން ދުޝްމިނުން ހުއްޓުވޭތޯ މަސައްކަތްކުރަމުން ގެންދިޔައީ ކިއްލާގެ ފާރުމަތީން ހިލައުކައިގެންނެވެ. ފޯރުމާލު މަދުވުމުގެ ސަބަބުން ސިފައިންނަށާއި ޤައިދީންނަށް އިރުކޮއްތު ހަމައަށް ނުލިބޭތާ ހަތަރުދުވަސް ވެއްޖެއެވެ. އެބައިމީހުންނަށް ކާންލިބެނީ ދެއިރު އިރަކު ރޮށިފަޅިއެކެވެ.
އެދުވަހުގެ މެންދުރުވީއިރު ބަނޑުހައިކަމާއި ވަރުބަލިކަމުގެ ސަބަބުން ބުންވަރު އެލިފައިތިބި މުސްލިމުންގެ ހަކަތަކޮޅު ދިޔައީ ހުސްވަމުންނެވެ. މުސްލިމުން ދިޔައީ މަޑުމަޑުން ބަލިވަމުންނެވެ. ދުޝްމިނުންގެ ގެމަތަކެއް ސިޑިތަކުގެ ޒަރީޢާއިން ފާރުމައްޗަށް އަރައިފިއެވެ. ދެބައިމީހުން އެއްބަޔަކު އަނެއްބަޔަކު ސީދާ ކުރިމަތިލައިގެން ހަނގުރާމަކުރާން ފަށައިފިއެވެ. މުސްލިމުންގެ ތެރޭގައި އައުދުވަހެއްގެ އިރު ފެންނާނެކަން ޔަގީންކުރާ މީހަކު ދާދިމަދެވެ.
އެނާޒުކު ވަގުތު ކުއްލިއަކަށް އެއްފަރާތަކުން އަސްތަކެއް ކަޑަބޮއްޖަހައިފައި އަންނަ އަޑާއެކު اللّـه أكبــر ގެ ނައުރާގެ އަޑުއިވޭން ފަށައިފިއެވެ. ބަސްބުނާހައި ކުޑައިރުކޮޅެއްވީތަނާ أحمد بـن عبـدالمـنعــم ގެ ތިންސަތޭކަ ސަވާރުން ނުހަނު ރޭވުންތެރިކަމާއެކު ހަތަރުފަރާތަށް ބެހިލައިގެން ޤަޞްޠިލާގެ ފައުޖާ ޙަމަލަދީފިއެވެ.
ބަރާބަރު އެއްގަޑިއިރުގެ ތެރޭގައި މައިދާން ހުސްވެއްޖެއެވެ. ކިއްލާގެ ވަށަވަށައިގެން އެތައް ހިސާބަކަށް ވިހުރުވިފައިހުރީ ނަޞާރާއިންގެ ހަށިތަކެވެ. أحمد ގެ ސަވާރުން އެތައްހިސާބަކަށް ނަޞާރާއިން ފަހައިދިޔައެވެ. ނަޞާރާއިންގެ ދާދިމަދު މީހަކަށް މެނުވީ ފިލައިގެންދާނެ ފުރުސަތެއް ނުދިނެވެ. ނަޞާރާއިން ފަހައިދިޔަ އަސްވާރުން އެނބުރިއައީ ހަވީރުއަތަށް އެޅިފަހުންނެވެ. އޭރު ކިއްލާގެ ފާރަވެރީންވަނީ ޤަޞްޠިލާގެ ފައުޖުގެ މުޢަސްކަރުން ވަރަށްގިނަ ފޯރުމާލު ކިއްލާއަށް ޖަމާކޮށްފައެވެ. އެތައްމަހަކަށް ފުދޭހައި ފޯރުމާލާއި ހަތިޔާރުގެ އިތުރަށް ސަތޭކަ ފަންސާސް އަހާއި ފަންސާސް ބަޣަލްވެސް ވަނީ ޣަނީމާ ކޮށްފައެވެ.
عبـدالمـنعــم ގެ އެކުވެރީންނަށް ސަވާރުން އެނބުރި އަންނަތަން ފެނުމާއެކު ކިއްލާއިން ނުކުމެ އުފަލުން ނަޢުރާ ކުރަމުން އެމީހުނާ އިސްތިޤުބާލު ކުރިއެވެ. ޠުލައިޠުލާއިން އައި އަސްވާރުންގެ ޒުވާން ކޮމާންޑަރު އަސްމަތީން ފައިބައިވަޑައިގެންނެވުމާއެކު ސުވާލު ކުރެއްވިއެވެ. "ތިޔަބައިމީހުންގެ ކޮމާންޑަރަކީ ކޮންބޭފުޅެއްތޯ؟ އޭނާ ވަޑައިގެންވީ ކޮންތަނަކުތަ؟"
މުސްކުޅިފުޅު މުޖާހިދެއް ޖަވާބު ދެއްވިއެވެ. "އޭނާ ވަޑައިގެންވީ ކިއްލާގެ އެތެރޭގައި. އޭނާގެ މުލައްދަނޑިފުޅުވަނީ ޒަޚަމުވެފައި."
"އަނެއްކާ ނުރައްކާތެރި ޒަޚަމެއްތޯ؟"
"ނޫން. ވަރަށް އާދައިގެ ޒަޚަމެއް. ޙަޤީޤަތުގައި އޭނާ މާބޮޑަށް ވަރުބަލިފުޅުވީ."
"ހިންގަވާ އަޅުގަނޑާއެކު. އަޅުގަނޑު އޭނާއާ ބައްދަލުވާން ބޭނުން!"
ޒުވާން ކޮމާންޑަރު މުސްކުޅި މުޖާހިދާ ވާހަކަ ދައްކަވަމުން ވަޑައިގެން ކިއްލާގެ ކޮޓަރިޔަކަށް ވެދެވަޑައިގެންފިއެވެ. عبـدالمـنعــم އޮންނެވީ ލަކުޑި ފިލައެއްގެ މަތީގައި އޮށޯވެވަޑައިގެންނެވެ. ބަޔަކު ހިނގައިފައި އަންނަ އަޑު އިވިވަޑައިގެންނެވުމާއެކު އޭނާ ތެދުވެވަޑައިގެންފިއެވެ.
ޒުވާނާ ކުރިޔަށް ވަޑައިގެން عبـدالمـنعــم އާ މުސާފަހާ ކުރެއްވިއެވެ. އޭނާ ސުވާލުކުރެއްވިއެވެ. "ކަލާގެ ޒަޚަމު ވަރަށް ފުންތޯ؟"
"ނޫން. ވަރަށް އާދައިގެ ކޫރުމެއް. އިށީނދެވަޑައިގަންނަވާ!" عبـدالمـنعــم ޖަވާބު ދެއްވިއެވެ.
ޒުވާން ކޮމާންޑަރު ގޮނޑިޔެއްގައި އިށީނދެވަޑައިގެންފިއެވެ. عبـدالمـنعــم ފިލާގެ މަތީގައި އިށީނދެވަޑައިގަންނަވަމުން ސުވާލުކުރެއްވިއެވެ. "ކަލާ ތިޔަވަޑައިގެންނެވީ ޠުލައިޠުލާއިންތޯ؟"
"އާދެ!"
"އެތާނގެ ހާލު ކިހިނަކުންތޯ؟"
ޒުވާނާ ޖަވާބު ދެއްވިއެވެ. ޠުލައިޠުލާގެ މަސްރަޙު އޮތީ މާކަ ހިތްހަމަޖެހޭކަހަލަ ގޮތަކަށެއް ނޫން. އަލްފާންސޫގެ ސިފައިން ތިންފަރާތުން ރަށާ އެބަކައިރިކުރޭ. އަޅުގަނޑު އެދެނީ ތިޔަބޭފުޅުން ވަގުތުން ކިއްލާ ހުސްކޮށްދެއްވުން."
عبـدالمـنعــم އިރުކޮޅެއްވަންދެން އެޒުވާނާއާ ދިމާޔަށް ވިސްނުންތެރިކަމާއެކު ބައްލަވާން އިންނެވިއެވެ. އޭނާ ކުއްލިޔަކަށް ސުވާލު ކުރެއްވިއެވެ.
"ކަލާއަކީ ޠުލައިޠުލާގެ ބޭފުޅެއްތޯ؟"
"ނޫން. އަޅުގަނޑު އައީ ޣަރުނާޠާއިން."
"އަޅުގަނޑުގެ މަޤުޞަދަކީ ކަލާގެ އަސްލު ވަޒަނަކީ ކޮބައިތޯ؟"
"ޤުރުޠުބާ."
"ކަލާގެ ނަމަކީ أحمد ތޯ؟"
"ޒުވާނާ ސިހިވަޑައިގެންނެވުމާއެކު عبـدالمـنعــم އާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "އާދެ! އެކަމަކު ކަލާއަށް އެކަން އެނގިވަޑައިގެންނެވީ ކިހިނަކުންތޯ؟"
عبـدالمـنعــم ޖަވާބު ދެއްވުމުގެ ބަދަލުގައި ތުންފަތްޕުޅު ފިއްތަވައިގެން ގިސްލެއްވުން މަތަކުރައްވާން މަސައްކަތްޕުޅު ކުރައްވަނީއެވެ. އޭނާގެ ލޯފުޅުން ހުރީ ކަރުނަފޮދު ނީރައިލައިފައެވެ. أحمد އިންނެވީ ވަރަށް ވިސްނުންތެރިކަމާއެކު عبـدالمـنعــم އާ ދިމާޔަށް ބަލަހައްޓަވައިގެންނެވެ.
عبـدالمـنعــم ގެ މުސްކުޅިފުޅު އެކުވެރިޔެއް أحمد އާ ސުވާލު ކުރެއްވިއެވެ. "ކަލާގެ ނަންފުޅަކީ أحمد بـن عبـدالمـنعــم ތޯ؟"
"އާދެ." أحمد ހައިރާންފުޅުވެގެން އެ މުސްކުޅިފުޅު ކޮމާންޑަރާ ދިމާޔަށް ބައްލަވައިލައްވަމުން ޖަވާބު ދެއްވިއެވެ.
عبـدالمـنعــم ގެ މުސްކުޅި އެކުވެރިޔާ އަނެއްކާވެސް ސުވާލު ކުރެއްވިއެވެ. "ކަލާގެ ބައްޕަ ފެނިވަޑައިގެންފިނަމަ އެނގިވަޑައިގަންނަވާނެތޯ؟"
"ކަލާއަށް އޭނާއާ ބެހޭގޮތުން.....؟" أحمد އޭނާގެ ޖުމުލަ ނިންމައިނުލައްވައި އަނެއްކާވެސް عبـدالمـنعــم ގެ މޫނުފުޅާ ދިމާޔަށް އޭނާގެ ނަޒަރު ހުއްޓައިލައްވައިފިއެވެ. އޭނާގެ ހިތްޕުޅުގެ ވިންދު މާޒީގެ އެތަކެއް ފަރުދާތަކެއް ކަހައިލައިފިއެވެ. އިންސާނީ ރީތިކަމުގެ މުޖައްސިމެއް އޭނާގެ ހިތްޕުޅަށް ސިފަވެގެން އަތުވެއްޖެއެވެ. އެނުރަޖަހައިފައިވާ މުސްކުޅި ކޮމާންޑަރުގެ ކަރުނަ ފާއްދައިފައިވާ ދެލޯފުޅު أحمد ގެ އަރިހުގައި ދަންނަވަމުން ގެންދެއެވެ. "ދަރިފުޅާ! ނިކަން ދެކެބަލަ! މިއީ ހަމަ ދަރިފުޅުގެ ބައްޕަ!"
"ބައްޕާފުޅާ! ބައްޕާފުޅާ!" أحمد ގެ އަނގަފުޅުން ވޭނުން ފުރިފައިވާ އަޑުފުޅެއް ނުކުތެވެ. ދެބަފައިކަލުން އެއްފަހަރާ ތެދުވެވަޑައިގެން އެއްބޭފުޅަކު އަނެއްބޭފުޅަކާ އޮޅުލައިވަޑައިގެންފިއެވެ.
ވަރުބަލިވެ ގުނބުހިލިފައިތިބި ސިފައިން އެރޭގެ ޢިޝާނަމާދަށްފަހު ތިބީ ފުން ނިދީގެ ތެރެޔަށް ޣަރަޤުވެފައެވެ. أحمد އާއި عبـدالمـنعــم އާ ދެބައްޕައިކަލުން ތިއްބެވީ ވަކި ކޮޓަރިއެއްގައެވެ. އެއްބޭފުޅެއްގެ މާޒީ އަނެއްބޭފުޅަކާ ހިއްސާކުރައްވަމުން ގެންދަވަނީއެވެ. ފަތިސްދަންމަތިވެ ދަތުރަށް ތައްޔާރުވެވަޑައިގަތުމުގެ ވަގުތު ޖެހުމުން أحمد ވިދާޅުވިއެވެ. "ބައްޕާފުޅާ! އަޅުގަނޑު އެދެނީ ބައްޕާފުޅު ސީދާ ޣަރުނާޠާއަށް ވަޑައިގެންނެވުން. ބައްޕާފުޅު ދިގުމުއްދަތަކަށް އަރާމުކުރައްވާން ޖެހިވަޑައިގަންނަވާނެ!"
"ދަރިފުޅާ! ބައްޕަ މިދަނީ ސީދާ ޣަރުނާޠާއަށް. އެކަމަކު އަރާމު ކުރާކަށެއް ނޫން. މަސައްކަތްކުރާން."
أحمد ވިދާޅުވިއެވެ. "ބައްޕާފުޅާ! އަޅުގަނޑުމެން މިކުރާ ކަމަކީ މުޅި އަންދަލުސަށް އާއްމުވެގެން އަންނަ ޠޫފާނެއް ހުއްޓުވަން ތަންތަންކޮޅުގައި ވަގުތީ ތޮށިގަނޑުގަނޑު ލަނީ. އަންދަލުސުގެ ހުރިހައި މުސްލިމުންގެ އިޖުތިމާޢީ ހަކަތައާއި ބުންވަރު އެކުގައި ބޭނުންކޮށްގެން މެނުވީ އަޅުގަނޑުމެންނަކަށް މި ޠޫފާނަކަށް ހުއްޓުމެއް އަރުވައެއް ނުލެވޭނެ. މި ޠޫފާނުގެ މިސުރާބު ބަދަލުކޮށެއްވެސް ނުލެވޭނެ. އަޅުގަނޑަށް ޔަގީން އަޅުގަނޑުމެން މިކުރާ މަސައްކަތުން قـاضى أبـو جـعـفـر އަށާއި އެކަލޭގެފާނުގެ އެކުވެރީންނަށް އާއްމުން ހޭލުންތެރިކުރެއްވުމުގެ މަސައްކަތްޕުޅަށް ފުރުސަތު ހޯދައިދެވޭނެ. ބައްޕާފުޅުގެ ދިރިއުޅުއްވުމުން އަޅުގަނޑުމެން ހޯދި ފިލާވަޅަކީ މުއުމިނެއްގެ ޤުރުބާނީއަކީ ގެއްލިގެންދާނޭ އެއްޗެއް ނޫންކަން. މީގެ އަހަރުތަކެއްގެ ކުރީން ބައްޕާފުޅު އުފުލައިލެއްވި އަޑުފުޅު މިހާރު މިވަނީ އެތައް ލައްކަ ބައެއްގެ އަޑު ކަމުގައިވެފައި. މުލޫކުއްޠަވާއިފުން އަޅުވެތިކަމުގެ ކަސްތޮޅުއެޅުއްވި އަތްތައްވެސް މިހާރު ޙަރަކާތްކުރެވޭން ފަށައިފި. بـنــو ذوالـنـّون ގެ ދުވަސް ހިނގައްޖެ. އިޝްބީލިއްޔާގައި معـتـمـد ވެރިކަމުގެ ދުވަސްތައްވެސް މިހާރު އެދަނީ ގުނެމުން. އަންދަލުސުގައި ދެން ތިއްބެވި މުލޫކުއްޠަވާއިފުންވެސް އިޞްލާޙުވެވަޑައިނުގެންފިނަމަ މާގިނަދުވަހަކު އާއްމުންނަކަށް ކެއްސެއް ނުދެއްވޭނެ. މިހާރު ދެން ކުރާންޖެހޭނެހައިވެސް ކަމަކީ އާއްމުން ގުޅިފައިވާ އެއްމައިދާނަކަށް ނެރުން. ޠުލައިޠުލާއަށް އަޅުގަނޑު ބޭނުންވާހައި ހިނދަކު އަޅުގަނޑު ހުންނާނީ ޠުލައިޠުލާގައި. ބައްޕާފުޅު ޣަރުނާޠާއަށް ވަޑައިގެންނެވުނުހައި އަވަހަކަށް قـاضى أبـو جـعـفـر އާ ބައްދަލުކުރައްވާތި! އަޅުގަނޑަށް ޔަގީން قـاضى أبـو جـعـفـر އާ ގުޅިވަޑައިގެން ބައްޕާފުޅަށް ލައްކަ މަސައްކަތްޕުޅު ކުރެއްވޭނެ. ބައްޕާފުޅު قـاضى أبـو جـعـفـر ދެނެވަޑައިގަންނަވަމު ދޮގެއްތޯ؟"
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު