(2 އޮކްޓޯބަރުގެ އަދަދާ ގުޅޭ)
ޚާދިމާ ދެންނެވިއެވެ. "އަޅުގަނޑުމެންނާ މެދު މަނިކުފާނުގެ އަމުރުފުޅަކީ ކޮބައިތޯއެވެ؟"
"ކޮން ކަހަލަ އަމުރެއް ހެއްޔެވެ؟"
"އަޅުގަނޑުމެން މިތާނގައި ތިބުމާ މެދުގައެވެ."
"ކަލޭމެން މިތާނގައި ތިބޭން ގަސްތު ކުރާ ނަމަ، އަހަރެން އުފާ ވާނެއެވެ."
ޚާދިމާ ހެޔޮ ދުޢާ ކުރަމުން އެ ކޮޓަރީން ބޭރަށް ނުކުމެއްޖެއެވެ.
އައު މަންޒިލް
ނިރުމަލާ ފުރައިވަޑައިގެންނެވިތާނ ހައެއްކަ ދުވަސް ފަހެވެ. އެއް ދުވަހަކު ރަންބީރާއި ރާމްނާތާ ދެ ބޭފުޅުން ތިއްބެވީ ގަނޑުވަރުގެ ގޯތިތެރޭގައި ހުރި ގަހެއްގެ ހިޔަލުގައި، ވާހަކަ ދައްކަވާށެވެ. އިރުކޮޅެއްގެ ފަހުން ރާމްނާތު މަޑުމަޑުން ލަވަ ވިދާޅުވާން ފައްޓަވައިފިއެވެ.
ރަންބީރު ވިދާޅުވިއެވެ. "ރާމްނާތެވެ! ތަންކޮޅެއް ބާރަށް ތިޔަ ލަވަ ވިދާޅުވެބައްލަވާށެވެ."
ރާމްނާތު ޖަވާބު ދެއްވިއެވެ. "ލަވަ ކިޔޭނީ ކިހިނަކުންތޯއެވެ؟ މިހާރަކު ކަރުތެރެޔަކުން އަޑެއް ބޭރެއް ނުވެއެވެ."
ދެ ބޭފުޅުން ކުޑަ އިރުކޮޅަކު ހިމޭނުން ތިއްބަވައިފައި ރަންބީރު ވިދާޅުވިއެވެ. "ރާމްނާތެވެ! މަނިކުފާނު މިތާނގައި ހުންނަވާށެވެ. އަޅުގަނޑު ގަސްތު ކުރަނީ ސޫމްނާތަށް ގޮސްލައިފައި އަންނާންކަމަށެވެ."
"މަނިކުފާނު ގިނިކަންޏާ އެތަނަށް ވަޑައިގެން ކުރައްވާނީ ކޮން ކަމެއްތޯއެވެ؟"
"އަޅުގަނޑު އެތަނަށް ދިޔުމުން މަނިކުފާނާ ރޫޕަވަތީއާ ބައްދަލު ކުރެވޭނެ ގޮތެއް އޮޅުން ފިލާ ގޮތް ވުމަކީ އެކަށީގެންވާ ކަމެކެވެ."
ރާމްނާތު ޖަވާބު ދެއްވިއެވެ. "ތިޔައީ ވަރަށް އުނދަގޫ ކަމެކެވެ. މަނިކުފާނަށް ގޮތެއް ހޯއްދެވުނު ކަމުގައި ވިޔަސް، އަޅުގަނޑުގެ ފުރާނަޔަށް ބިރުން އަޅުގަނޑު މަނިކުފާނު އެތަނަށް ވަޑައިގެންނެވިޔަދިނުމަކީ ކިހިނަކުން ވާނެ ކަމެއްތޯއެވެ؟ މިހާރު ކަން ހުރި ގޮތުން މަނިކުފާނު އެންމެ ފުރަތަމަ އުޅުއްވާން ވީ މަނިކުފާނުގެ ކޮއްކޯފުޅު ހޯއްދަވާށެވެ."
ރަންބީރު ހިތާމަވެރި ރާގަކަށް ވިދާޅުވިއެވެ. "އަޅުގަނޑުގެ ކޮއްކޯފުޅު ގުނޫޖުގެ ސަރަޙައްދުގައި އިންނެވި ނަމަ، މިހާރު އަޅުގަނޑަށް އޭނާގެ ޚަބަރެއް ވެއްޖައީސްކަން ޔަޤީނެވެ. އޭނާ ދިރި އިންނެވިކަން ނުވަތަ އަވަހާރަ ވީ ކަމެއް ވެސް އަޅުގަނޑަށް ކަނޑައެޅިގެން އެނގޭނެ ގޮތެއް ނުވިއެވެ."
ރާމްނާތު ދޮރާއްޓާ ދިމާޔަށް އިޝާރާތް ކުރައްވައިފައި ވިދާޅުވިއެވެ. "ބައްލަވާށެވެ. ޝަމްބޫނާތު އެބަ އާދެއެވެ."
ޝަމްބޫނާތު މާ ދުރުގައި ހުއްޓައި ރަންބީރު ވިދާޅުވެއްޖެއެވެ. "ބޮޑުބޭބެ ޝަމްބޫއެވެ! ތިޔަ އައީ އޭނާ ގެންގޮސް ލައިފައި ހެއްޔެވެ؟"
"އާދޭހެވެ! މާތް ސާހިބާއެވެ!" ޝަމްބޫނާތު ދެ އަތް ޖޯޑު ކޮށްގެން ކުރިޔަށް އަންނަމުން ޖަވާބު ދިނެވެ.
"ދަތުރުފުޅުމަތީގައި އޭނާއަށް އެއްވެސް އުނދަގޫފުޅެއް ލިބިވަޑައެއްނުގަންނަވާ ހެއްޔެވެ؟"
"އާދޭހެވެ! ސާހިބާއެވެ!"
"ޖޭކްރިޝަނާ ބައްދަލު ވިހެއްޔެވެ؟"
"ނޫނެކެވެ! ސާހިބާއެވެ! އޭނާ ވީ ކޮންމެވެސް ކަމަކު ބޭރަށް ވަޑައިގެންނެވެ. ގޭގައި އުޅުއްވަނީ ނިރުމަލާގެ މާބެއެވެ. އޭނާ ވިދާޅުވިއެވެ. "އަހަރެން ގަދަ ވެހުރި ނަމަ، ކަލޭމެންގެ އަމީރުގެ ފައިވާންޕުޅުގައި ބޮސް ދޭން ދިޔައީމުހެވެ." އޭނާގެ ވާހަކަފުޅުން ހީ ވި ގޮތުގައި އޭނާ ޖޭކްރިޝަނަށް ވަރަށް ނަފުރަތު ކުރައްވައެވެ. ނިރުމަލާ މަނިކުފާނަށް ސިޓީފުޅެއް ދެއްވިއެވެ." ޝަމްބޫނާތު އެހެން ބުނެފައި ޖީބަށް އަތް ބާނައިފައި ސިޓީއެއް ނަގައި ރަންބީރަށް އަރުވައިފިއެވެ. ރަންބީރު އެ ސިޓީ ކަނޑުއްވައިގެން ވިދާޅުވި އިރު، ނިރުމަލާ ލިޔުއްވައިފައި ވެއެވެ.
"މަނިކުފާނަށް ޝުކުރު އަދާ ކުރުމުގެ ގޮތުން ސިޓީފުޅެއް ލިޔާން އަޅުގަނޑުގެ މާބެ އަޅުގަނޑަށް އަންގަވައިފިއެވެ. ބައްޕާފުޅު މިތާނގައި ހުންނެވި ނަމަ، މާބެ މި ސިޓީ ލިޔުއްވީހީ ބައްޕާފުޅު ލައްވައެވެ. މަނިކުފާނު އަޅުގަނޑާ މެދު ބެހެއްޓެވި މުރުއްވަތްތެރިކަމާއި ހެޔޮފުޅުކަމަށް ޓަކައި މާތްކަލާނގެ މަނިކުފާނަށް ރަނގަޅު ބަދަލު ދެއްވާނެއެވެ. އަޅުގަނޑަށް އެކަން ޔަޤީނެވެ. އަޅުގަނޑުގެ މާބެގެ ގެއަށް އަޅުގަނޑަށް އާދެވުނު ފަދައިން، ކޮންމެވެސް ދުވަހަކުން މަނިކުފާނުގެ ކޮއްކޯފުޅަށް ވެސް މަނިކުފާނުގެ އަރިހަށް ވަޑައިގެންނެވޭނެއެވެ. މަނިކުފާނު އޭނާ ހޯއްދެވުމުގެ މަސައްކަތްޕުޅު ކުރިޔަށް ގެންދަވާށެވެ. އަޅުގަނޑު އަދިވެސް އެއް ފަހަރު މަނިކުފާނަށް ޔަޤީން ކޮށްއަރުވަމެވެ. މަނިކުފާނުގެ ކޮއްކޯފުޅު ގެއްލުމުގައި އަޅުގަނޑުގެ ބައްޕާފުޅުގެ އެއްވެސް އަތްޕުޅެއް ނުވެއެވެ.
އަޅުގަނޑުގެ ޢާއިލާ އާއި މަނިކުފާނުގެ ޢާއިލާއާ ދެމެދު އުފެދިފައި ވާ ނަފްރަތުގެ ފާރު ގިރާ ކުރުމަކީ އަޅުގަނޑަށް ކުޅަދާނަ ވާ ވަރުގެ ކަމެއް ނޫނެވެ. އެހެންކަމާ އެކު ވެސް، އަޅުގަނޑު އަބަދުވެސް ކަލާނގެ ޙަޟުރަތަށް ދުޢާ ކުރާނަމެވެ. މަނިކުފާނުގެ ކޮއްކޯފުޅު މަނިކުފާނަށް އަވަހަށް ފެނިވަޑައިގަތުން އެދިއެވެ.
ނިރުމަލާ"
ރަންބީރު ސިޓީފުޅު ވިދާޅުވެ ނިންމެވުމަށް ފަހު ރާމްނާތަށް ދެއްވައިފައި ފުން ވިސްނުންފުޅެއްގެ ތެރެޔަށް ގެއްލިވަޑައިގެންފިއެވެ. އިރުކޮޅެއްގެ ފަހުން ރާމްނާތު ސިޓީފުޅު އަނބުރައި ދެއްވައިފައި ވިދާޅުވިއެވެ. "އަޅުގަނޑުގެ ރަޙުމަތްތެރިޔާއެވެ. މި ސިޓީފުޅުގެ ކޮންމެ ލަފުޒެއް ސާބިތު ކޮށްދެނީ އޭނާ މަނިކުފާނު ދެކެ ލޯބިފުޅު ވާކަމެވެ."
ރަންބީރު ތަންކޮޅެއް ނުގަބޫލުފުޅު ވުމާ އެކު ވިދާޅުވިއެވެ. "ރާމްނާތެވެ! އޭނާއަށް ކުށްހީފުޅެއް ކުރެއްވުނީއެވެ. އޭނާއަށް ހީފުޅު ވީ އަޅުގަނޑު އޭނާގެ ވާހަކަފުޅުގެ ޖާދޫގައި ޖެހިގެން އަޅުގަނޑުގެ ބައްޕާފުޅުގެ ޤާތިލު ހަނދާން ނައްތައިލައިފާނެ ކަމުގައެވެ. ޖޭކްރިޝަން ކަހަލަ ހިލަ ހިތެއްގެ ވެރިޔަކާ މެދު އަޅުގަނޑުގެ ކޮއްކޯފުޅު އޭނާގެ އަތްޕުޅު ދަށުގައި ވިނަމަ ކޮއްކޯފުޅާ މެދު ރަނގަޅު ޚުލްޤުފުޅެއް ބަހައްޓަވާނެ ކަމަށް ބެލެވޭނީ ކިހިނަކުންތޯއެވެ؟ އޭނާގެ އަތްޕުޅު އަޅުގަނޑުގެ ވައިނޮޅިޔާ ހަމަޔަށް ފޯރި ވަގުތު ހެއްދެވި ގޮތް އަޅުގަނޑު ހަނދާން ނެތޭނީ ކިހިނަކުންތޯއެވެ؟ ޖޭކްރިޝަން ކަށިކުނބުރު ގަސްތަކެއް އިންދަވައިފައި ވާ ބިމަކުން އަޅުގަނޑު ފިނިފެންމާ ހޯދާން އުޅޭންވީ ކީއްކުރާންތޯއެވެ؟ މަނިކުފާނު އަޅުގަނޑުގެ ކުރިމަތީގައި އޭނާގެ ލޯބީގެ ވާހަކަ ދެއްކެވުމަކީ ރަނގަޅު ކަމެއް ނޫނެވެ. އެ ވާހަކަފުޅުން އަޅުގަނޑުގެ ހިތުގައި ޣީރަތްތެރިކަން އިތުރު ވެއެވެ. އަޅުގަނޑު ނިރުމަލާއާ މެދު ހެޔޮކޮށް ހިތީ އެއްވެސް ޙާލެއްގައި ނިރުމަލާގެ ބައްޕަޔާ ދިމާޔަށް ރަޙުމަތްތެރިކަމުގެ އަތް ދިއް ކޮށްލުމުގެ ގޮތަކުން ނޫނެވެ."
ރާމްނާތު ވަރަށް ދެރަފުޅު ވެފައި ވިދާޅުވިއެވެ. "މާފު ކުރައްވާށެވެ! އަޅުގަނޑަށް ކުށެއް ކުރެވުނީއެވެ."
ރަންބީރު ޝަމްބޫނާތާ ދިމާޔަށް އެނބުރިވަޑައިގެންފައި ވިދާޅުވިއެވެ. "ބޮޑުބޭބެ ޝަމްބޫއެވެ! ކަލޭ ދެން ގޮސް އަރާމު ކުރާށެވެ."
ޝަމްބޫނާތު ހިނގައްޖެއެވެ. ރަންބީރާއި ރާމްނާތު އިރުކޮޅެއް ވާންދެން ހިމޭނުން ތިއްބެވުމަށް ފަހު، ރާމްނާތު ވިދާޅުވިއެވެ. "މަނިކުފާނު ދެން ހައްދަވާނީ ކިހިނަކުންތޯއެވެ؟"
ރަންބީރު ޖަވާބު ދެއްވިއެވެ. "އަޅުގަނޑު ގަސްތު ކުރަނީ ގުނޫޖުގެ އިރުމައްޗާއި ދެކުނުގެ ރަށްރަށަށް ގޮސް ޝަކުންތަލާ ފެނޭތޯ އަލުން މަސައްކަތް ކޮށްލާށެވެ. އެއަށްފަހު ބަދަލު ކޮށްގެން ކަލަންޖަރަށް ދާށެވެ. އެތާނގެ ކޮންމެވެސް ފައްޅިއެއް ނުވަތަ ބުރަހުމަނުން ތިބޭ ގެއެއްގައި އަޅުގަނޑުގެ ކޮއްކޮ އިންނެވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ."
+ + + +
އޭގެ އަނެއް ދުވަހު ރަންބީރާއި ރާމްނާތު ނޯކަރުންގެ ބަޔަކާ އެކު ގުނޫޖުގެ އިރުމަތީ ސަރަޙައްދާ ދިމާޔަށް ދަތުރު ފައްޓަވައިފިއެވެ. ގާތްގަނޑަކަށް ތިން ހަފުތާގެ ތެރޭގައި އެ ބޭފުޅުން ވަރަށް ގިނަ ރަށްރަށާއި އަވަށްއަވަށް ހޯއްދެވިއެވެ. ނަމަވެސް ޝަކުންތަލާގެ އެއްވެސް ޚަބަރެއް ލިބިވަޑައެއްނުގެންނެވިއެވެ. ހަތަރުވަނަ ހަފުތާގައި އެ ބޭފުޅުން ދަތުރުފުޅު ކުރެއްވީ ދެކުނުގެ ރަށްރަށާއި އަވަށްއަވަށުގައެވެ. ދަތުރުފުޅުމަތީގައި ރާމްނާތަށް އާލާސްކަންފުޅެއް ޖެހިވަޑައިގެންފިއެވެ. ރަންބީރު އޭނާ އަވަށެއްގައި މަޑު ކުރުއްވައިފައި އޭނާގެ ޙާލުކޮޅު ބަލާން ޝަމްބޫނާތު ބަހައްޓަވައިފައި ދަތުރުފުޅު ގެންދެވީ ކުރިޔަށެވެ.
ރަންބީރު ފަނަރު ދުވަހުގެ ތެރޭގައި ވަރަށް ބޮޑު ސަރަޙައްދެއްގައި ދަތުރު ކުރެއްވިއެވެ. ރަންބީރު އެނބުރި ވަޑައިގެންނެވި އިރު، ރާމްނާތުގެ ހުންފުޅު ވިހެލައިފިއެވެ. އޭނާ ރަންބީރާ އެކު ކަލަންޖަރަށް ވަޑައިގަންނަވާން ތައްޔާރަށް ހުންނެވިކަން ހާމަ ކުރެއްވިއެވެ. ނަމަވެސް ރަންބީރު އޭނާއަށް ވިސްނައިދެއްވިއެވެ. "މަނިކުފާނުގެ ވަރުފުޅު އަދިވެސް ވަރަށް ދެރައެވެ. އަޅުގަނޑުގެ މި ދަތުރަކީ ވަރަށް އުނދަގޫ ދަތުރެކެވެ. އަޅުގަނޑު ދާނީ ސަންނިޔާސީ (ދުނިޔެ އަޅައިފައި ތިބޭ ފަގީރު އަޅުވެރީން) އެއްގެ ހެދުމުގައެވެ. އަޅުގަނޑަށް ދުވާލަކު އެތައް ކޯހަކަށް ފައިމަގުގައި ހިނގާން ޖެހޭނެއެވެ. ޝަމްބޫނާތު ފިޔަވައި އިތުރު އެހެން ނޯކަރަކު ވެސް ގެންދާކަށެއް އަޅުގަނޑު ގަސްތެއް ނުކުރަމެވެ. މަނިކުފާނު ދެން ތިބި ނޯކަރުން ގޮވައިގެން އަޅުގަނޑުމެންގެ ގެއަށް ވަޑައިގަންނަވާށެވެ. ގެޔަށް ވަޑައިގެން އަރާމު ކުރައްވާށެވެ. އަޅުގަނޑު އެނބުރި އައިސް މަޑު ނުވެ ސޫމްނާތަށް ދާނަމެވެ." ރާމްނާތު ރަންބީރުގެ އަރިހުގައި ވަޑައިގަންނަވާން ވަރަށް ބޮޑަށް އުޅުއްވިއެވެ. ނަމަވެސް ރަންބީރު ދެން ތިބި ނޯކަރުންގެ ޙަވާލުގައި އޭނާ ރަށަށް ފޮނުއްވައިލެއްވީއެވެ.
(ނުނިމޭ)
އަބްދުﷲ ފާރޫގް ހަސަން
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
ކޮމެންޓް