(5 އޮކްޓޯބަރުގެ އަދަދާ ގުޅޭ)

ހަމައެޔާއެކު ތިމާގެ ޢަމަލުތަކަށް ބަދަލުލިބުމަށް ޤުދުރަތުން ރާއްވަވައިފައިވާ ޤާނޫނާމެދު ބިރުވެތިވުމަށް ހަނދާންކޮށްދެއްވައި އިންޒާރު ކުރެއްވިއެވެ. ސުވަރުގޭގެ ދާއިމަށް ދެމިތިބޭ ދިރިއުޅުމުގެ އުފާވެރި ޚަބަރުވެސް ދެއްވަމުން ގެންދެވިއެވެ. ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ވާހަކަފުޅު ބައެއް ޤަބީލާތަކުގެ މީހުން އަޑުއަހައެވެ. އެވާހަކަފުޅުން އެމީހުންނަށް އަސަރުވެސް ކުރެއެވެ. ނަމަވެސް އެބައިމީހުންނަކަށް ޝިރުކާއި ބުދަށް އަޅުކަންކުރުމުގެ މުސްކުޅި އާދަ ދޫކޮށްލާކަށެއް އެއްބަހެއް ނުވެވެއެވެ. އޭގެ އެއްސަބަބަކީ ޢަރަބީންގެ ކަށީގައި ހިފައިފައިވާ ކާބަފައިންނަށް އަޅުދާސްވުމުގެ އާދައެވެ. ޢަރަބީންގެ ޤަބީލީ ނިޒާމުގައި ޤަބީލާގެ ރައީސުގެ ބަހަކީ ފަހުބަހެވެ. އޭނާގެ އަމުރަކީ އެންމެފަހުގެ ނިޔާއެވެ. އެއަމުރާ ޚިލާފުވުމަކީ މީހެއްގެ ތަޞައްވުރަށްވެސް ގެނެވޭފަދަ ކަމެއްނޫނެވެ. މުނިފޫހިފިލުވުމުގެ މަހެފިލްތަކުގައިވެސް ހަނގުރާމައިގެ މައިދާންތަކުގައިވެސް އަމީރަށް ކިޔަމަންވުމަކީ އެބައިމީހުންގެ ޝިޢާރެވެ. މޮޓޯއެވެ. އެބައިމީހުންގެ އެއްބައިވަންތަކަމާއި، ވެރިކަމުގެ ނިޒާމާއި އާރާއި ބާރުގެ ސިއްރަކީ އެއީއެވެ. އެދުވަސްވަރުގެ ސިޔާސީ މަސްރަޙުގައި އެބައިމީހުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ޖާމިނަކީވެސް އެއީއެވެ. މިދެންނެވި "މާތް ކާބަފައިންނާއި އިޙުތިރާމު ލިބިގެންވާ ބޮޑުން" ގެ ޢަޤީދާ ވަނީ އެބައިމީހުންގެ ގާތުގައި ވަރަށް މުޤައްދަސް ޢަޤީދާއަކަށް ވެފައެވެ. އެބައިމީހުންގެ ދިރިއުޅުމާ ވަކިނުކުރެވޭނެ ބަޔަކަށްވެފައެވެ.

ޢަރަބީން އިސްލާމީ ތަޙުރީކުގައި ބައިވެރިކުރެއްވުމަށްޓަކައި އިސްލާމްދީނުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ދެއްވަމުންގެންދެވީ ތައުޙީދުގެ ދަޢުވަތެވެ. އިންސާނުންނަށްޓަކައި އަރަހުށި މާތް اللّــــه ކަނޑައަޅުއްވައިފައިވާ ދީނަކީ ތައުޙީދުގެ ދީނެވެ. ޖަހާލަތުންނާއި، ވަހުމުތަކުންނާއި، ޝިރުކުގެ ވަބާއިންނާއި، اللّــــه ނޫން އެހެނިހެން ފަރާތްތަކުގެ އަޅުވެތިކަމުން އިންސާނުން ސަލާމަތްކޮށްދެނީ ތައުޙީދެވެ. އިންސާނާ އޭނާގެ އިލާހުވަންތަ ރަސްކަލާނގެ ރަސްކަންފުޅާ ގުޅުވައިދެނީ އެއްކައުވަންތަކަމުގެ ޢަޤީދާއެވެ. އިންސާނީވަންތަކަމުގެ އިޙުތިރާމު ލިބިގެންވާ މަތިވެރި މަގާމަށް އޭނާ އުފުލައިދެނީ ތައުޙީދެވެ. އިންސާނެއްގެ ފިކުރީ ދުނިޔެއާއި ޢަމަލީ ޙަޔާތުގެ ބަޔަކަށް އެއްކައުވަންތަކަމުގެ ޢަޤީދާ ހަދައިލެވިއްޖެ ކަމުގައިވާނަމަ އޭނާގެ ބަހާއި ޢަމަލުގެ ސަމުގާގެ މާގަނޑު ހުއްޓޭ ގަހާއަކަށްވާނީ މާތް اللّــــه ގެ ރުހިވޮޑިގަތުން ހޯދުމެވެ. އެކަލާނގެ އަމުރުފުޅާ އެއްގޮތަށް ދިރިއުޅުމެވެ. އޭނާގެ އުންމީދުތަކާއި އޭނާގެ ލޯތްބާއި އޭނާގެ އަޅުކަން ގުޅިފައިވާ ނާރެހަކަށް ވާނީ اللّــــه ގެ ޒާތުފުޅެވެ. އިންސާނާ މާތް اللّــــه އަށް އަޅުވެތިވުމުގެ އެންމެ މަތީދަރަޖަޔަށް ވާސިލުވެއްޖެކަމުގައިވާނަމަ، އޭނާއަށް އެ ވާސިލުވެވޭ މަންޒިލަކީ މާތް اللّــــه އާ ކުއްތަންވުމުގެ ތަޢުބީރުން ހަނދާންކުރެވޭ މަތިވެރި މަގާމެވެ.

މާތް اللّــــه އާ ކުއްތަންވުމުގެ ޒަރީޢާއިން އިންސާނާގެ ކިބައިގައި އުފެދެނީ އީމާންކަމުގެ ވަރުގަދަ ބާރެވެ. އީމާންކަމުގެ ބާރަކީ އެހެން އެއްވެސް ބާރަކަށް އެބާރެއްގެ މައްޗަށް ފަތަޙަ ނުހޯދޭފަދަ ބާރެކެވެ. އީމާންކަމުގެ ސަބަބުން އިންސާނާ ރޯފިލައިފައިވާ އައުދާނަ މީހަކަށްވެއެވެ. ބުއްދިވެރިޔަކަށްވެއެވެ. އުޅުންތެރި ޚުލުޤުހެޔޮ މީހަކަށްވެއެވެ. އިސްލާމްދީން ދެކޭގޮތުގައި އިންސާނީ ޙަޔާތުގެ މަޤުޞަދަކީ އެއީއެވެ. އިންސާނާގެ ވެރިރަސްކަލާނގެ އެދިވޮޑިގެންވާ ގޮތަކީވެސް އެއީއެވެ. އިތުރު ސާހިބާގެ ދަޢުވަތުގެ ޙަޤީޤީ މަޤުޞަދަކީވެސް އެއީއެވެ. ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم މި މޭރުމުން ދެއްވާ ދަޢުވަތުގައި ދައްކަވާ ވާހަކަފުޅުތަކުގެ ކުރު ޚުލާޞާއެއް ތިރީގައި މިވަނީއެވެ.

"އޭ މިވެނި ޤަބީލާއެއްގެ މީހުންނޭވެ! އަހުރެންނަކީ އަރަހުށި މާތް اللّــــه ތިޔަބައިމީހުންގެ ގާތަށް ފޮނުއްވި ރަސޫލަކީމެވެ. އެކަލާނގެ އަމުރުކުރައްވަނީ ހަމައެކަނި އެކަލާނގެ ރަސްކަންފުޅަށް އަޅުކަންކުރާށެވެ. އެކަލާނގެ ރަސްކަންފުޅާ އެހެން އެއްވެސް ފަރާތެއް ޝަރީކު ނުކުރާށެވެ. އެކަލާނގެ ރަސްކަންފުޅު ފިޔަވައި ތިޔަބައިމީހުން އަޅުކަންކޮށްއުޅޭ ތަކެއްޗާއި އެކަލާނގެ ރަސްކަންފުޅުގެ ބަދަލު ކަމުގައި ތިޔަބައިމީހުން ހަދައިގެން ތިޔަގެންގުޅޭ ތަކެތި ދޫކޮށްލާށެވެ. ތިޔަބައިމީހުން އަހުރެންނަށް އީމާންވާށެވެ. ތިޔަބައިމީހުންގެ ތެރެޔަށް އަހުރެން ގެންގޮސް އަހުރެން ޙިމާޔަތްކޮށްދޭށެވެ. އަހުރެން އެކަންކަމާއިގެން ފޮނުއްވި ހުރިހައި ކަމެއް މީސްތަކުންނަށް ސާފުސާފުކޮށް ބަޔާންކޮށްދީފުމަށް ދާންދެނެވެ."

إبـــن إسحـــاق رحـمــه اللّــــه ވަނީ ލޮބުވެތި ޙަބީބު صــلّـــــى اللّــــه عــلـيــــه وســلّـــــم ރަޙްމަތުގެ ތަޙްރީކުގެ ދަޢުވަތުދެއްވި ބައެއް ޤަބީލާތަކުން އެމާތް ސާހިބާއަށް އެރުވި ޖަވާބުވެސް ނަކަލު ކުރައްވައިފައެވެ. ތިރީގައި މިވަނީ އޭގެތެރެއިން ބައެއް ޤަބީލާތަކުން އެރުވި ޖަވާބުގެ ކުރު ޚުލާޞާއެވެ.

1. بـــنـــو كــلــب: ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ވަޑައިގެންނެވީ ކްލަބުވަންހައިގެ ގޮތްޕެއް ކަމުގައިވާ بـــنـــو عــبـــد اللّــــه ގެ މީހުންގެ ގާތަށެވެ. އެމާތް ސާހިބާ އެބައިމީހުންނަށް މާތް اللّــــه ގެ މަގަށް ދަޢުވަތު ދެއްވިއެވެ. އެބައިމީހުންނާ ދެއްކެވި ވާހަކަފުޅުގެ ތެރޭގައި މިދަންނަވާ ގޮތަށްވެސް ވިދާޅުވިއެވެ. "އޭ بـــنـــو عــبـــد اللّــــه އެވެ. މާތް اللّــــه ތިޔަބައިމީހުންގެ ކާފައިގެ ނަމެއްކަމުގައި ލައްވައިފައިވަނީ ކިހައި ރަނގަޅު ނަމެއް ހެއްޔެވެ؟" އެ ޤަބީލާގެ މީހުންވެސް ހެޔޮކަމުގެ ދަޢުވަތު ޤަބޫލެއް ނުކުރިއެވެ.

2. بـــنـــو حـنــيــفـــة: ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެބައިމީހުންގެ ފޭލިގެތަކަށް ފައިންޕުޅު ބީއްސަވައި ރަޙްމަތުގެ ދީނަށް ގޮވައިލެއްވިއެވެ. އެމާތް ސާހިބާގެ ޒާތުފުޅު އެބައިމީހުންނަށް ހުށަހެޅުއްވިއެވެ. އެކަމަކު އެބައިމީހުން އެމާތް ސާހިބާޔަށް އެރުވީ ޢަރަބި އެހެން އެއްވެސް ޤަބީލާއަކުން ނާރުވާފަދަ ހުތުރު ޖަވާބެކެވެ. ތަންކޮޅެއްފަހުން ނަބީކަމަށް ދަޢުވާކުރި ކައްޒާބެއް ކަމުގައިވާ مُسَيـلـمـة އަކީ އެވަންހައިގެ ރައީސެވެ.

3. بـــنـــو عـــامــــــر بـــن صعــصعــة: ކައުސާހިބާ އެބައިމީހުންނާ ބައްދަލުކުރައްވައި މާތް اللّــــه ގެ ދީނަށް ގޮވައިލެއްވިއެވެ. އެބައިމީހުންނަށް އެމާތް ސާހިބާގެ ޒާތުފުޅު ހުށަހެޅުއްވިއެވެ. ޖަވާބުގައި އެ ޤަބީލާގެ މީހެއްކަމުގައިވާ بُحـَــيـــــرَا بــــن فــــــراس އޭނާގެ އެކުވެރީންގާތު ބުންޏެވެ. "ކަލާނގެ ރަސްކަންފުޅު ގަންދެމެވެ. އަހަރެންނަށް قـــــريـش ވަންހައިގެ މިޒުވާނާ ލިބިއްޖެކަމުގައިވާނަމަ މީނާގެ ޒަރީޢާއިން އެންމެހައި ޢަރަބީން ކައިލާނަމެވެ." އެއަށްފަހު އޭނާ ކައުސާހިބާއާ މުޚާޠަބުކޮށް ދެންނެވިއެވެ. "އަޅެ އެންމެ ރަނގަޅެވެ. އަޅުގަނޑުމެން ކަލޭގެފާނަށާއި ކަލޭގެފާނުގެ ތިޔަ ދީނަށް ބައިޢަތު ހިފައި، މާތް اللّــــه ކަލޭގެފާނުގެ ދެކޮޅުވެރީންގެ މައްޗަށް ކަލޭގެފާނަށް ގަދަކަން ދެއްވައިފިކަމުގައިވާނަމަ ކަލޭގެފާނަށްފަހު ވެރިކަމުގެ ލަގަން އަޅުގަނޑުމެންނަށް ލިބޭނެތޯއެވެ؟" ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ޖަވާބުދެއްވިއެވެ. "ވެރިކަމުގެ ލަގަން އޮންނާނީ اللّــــه ގެ ޔަދުޤުދުރަތްޕުޅުގައެވެ. އެކަން ޙަވާލުކުރައްވާނީ އެކަލާނގެ އެދިވޮޑިގެންވާ ފަރާތަކާއެވެ." بُحـَــيـــــرَا ދެންނެވިއެވެ. "ކަލޭގެފާނު ޙިމާޔަތްކުރާން އެންމެހައި ޢަރަބީންގެ ކުރިމަތީގައި އަޅުގަނޑުމެންގެ މޭމަތިތައް އައްޑަނަތަކަކަށް ހަދައިގެންއުޅެ ކަލޭގެފާނަށް ފަތަޙަ ލިބިވަޑައިގެންނެވުމުންވެސް ވެރިކަމުގެ ލަގަން އޮންނާނީ އެހެންބަޔަކަށް ކަމުގައިވާނަމަ އަޅުގަނޑުމެންނަކަށް ކަލޭގެފާނުގެވެސް ކަލޭގެފާނުގެ ދީނުގެވެސް ބޭނުމެއްނެތެވެ." بـــنـــو عـــامــــــر ވަންހައިގެ މީހުން އެބައިމީހުންގެ ހެޔޮނަސީބަށް ދިނީ ފުރަގަހެވެ. ރަޙްމަތުގެ ތަޙްރީކުގެ ދަޢުވަތު ޤަބޫލެއް ނުކުރިއެވެ.

އެ ޤަބީލާގެ މީހުން ޙައްޖުގެ ކަންތައް ނިންމައިފައި އެބައިމީހުން ދިރިއުޅޭ ސަރަޙައްދަށް އެނބުރިގޮސް މީހުންނަށް ކިޔައިދިން ވާހަކަތަކުގެ ތެރޭގައި މި ހާދިސާގެ ވާހަކަވެސް ހިމެނެއެވެ. އެމީހުން ވާހަކަ ކިޔައިދިނެވެ. "އަހަރެމެންގެ ގާތަށް قـــــريـش ވަންހައިގެ بـــنـــو عــبــدالمطّــلــب ގެ ޒުވާނަކު އައެވެ. އޭނާ ބުނިގޮތުގައި އޭނާއަކީ ނަބީއެކެވެ. އޭނާ އަހަރެމެންނަށް އޭނާގެ ދީނަށް ދަޢުވަތުދިނެވެ. އަހަރެމެންގެ ތެރެއަށް އޭނާ ގެނެސް އޭނާ ޙިމާޔަތްކޮށްދޭން އެދުނެވެ." އެވާހަކަ އަޑުއިވުމުން އެޤަބީލާގެ ހަރުމީހުންކުރެ މުސްކުޅިކަމާހުރެ ޙައްޖަށް ނުދެވިހުރި މީހަކު ދެއަތުން ބޮލުގައި ހިފަހައްޓައިލައިފައި ބުންޏެވެ. "އޭ بـــنـــو عـــامــــــر އެވެ! ތިޔަކަންތައް އަނބުރައިގެނެސް ގެއްލުން ފޫބެއްދޭނެގޮތެއް އެބައޮތްހެއްޔެވެ. ފާއިތުވެ ހިނގައްޖެކަމެއް އަލަކުން ދެނެއް ހޯދައެއް ނުގަނެވޭނެއެވެ. އަހަރެންގެ ފުރާނަ އެފަރާތްޕުޅެއްގެ ބާރުފުޅުގެ ދަށުގައިވާ ފަރާތް ގަންދީ ބުނަމެވެ. إسمـــــاعـــيــــل ގެފާނުގެ ދަރިކޮޅުގެ މީހަކު މިހައިތަނަކަށް ނަބީކަމުގެ ދޮގު ދަޢުވާ ކޮށްފައެއް ނެތެވެ."

4. بـــنـــوشــيــبــان: ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ދަޢުވަތު ދެއްވި ޤަބީލާތަކުގެ ތެރޭގައި ޝައިބާނު ވަންހަވެސް ހިމެނެއެވެ. ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެބައިމީހުންގެ ފޭލިގެޔަށް ފައިންޕުޅު ބީއްސެވިއިރު އެވަންހައިގެ ރައީސުންކުރެ مــفــــــروق بـــن عــمــــــرو އާއި، هـــانــــى بـــن قُـبَــيْــصَــة އާއި مــثــــنـّــى بـــن حـــارثـــة އާއި نـعـمــان بـــن شـــــريــك އާވެސް ފޭލިގޭގައި ތިއްބެވިއެވެ. ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެބައިމީހުންގެ ގާތަށް ވަޑައިގެންނެވީ أبـــوبــكـــر الصّــدّيـــق رضـــــى اللّــــه عــنـــــه ވެސް ގޮވައިގެންނެވެ. އެންމެފުރަތަމަ އެމީހުނާ ވާހަކަ ދެއްކެވީ أبـــوبــكـــر الصّــدّيـــق رضـــــى اللّــــه عــنـــــه އެވެ. أبـــوبــكـــر الصّــدّيـــق رضـــــى اللّــــه عــنـــــه، مــفــــــروق އާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ.

"ނަބީކަމަށް ދަޢުވާކުރައްވާ ބޭކަލެއްގެ ޚަބަރު ތިޔަބޭކަލުންނާ ހަމަޔަށް އައިސްފައިވޭތޯއެވެ. އެބޭކަލަކީ މިހުންނެވީއެވެ."

مــفــــــروق ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "އޭ قـــــريـش ވަންހައިގެ އަޚާއެވެ. ކަލޭގެފާނު ގޮވާލައްވާ ކަންތައްތަކަކީ ކޮބައިތޯއެވެ؟ ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ޙަދީސުކުރެއްވިއެވެ. "މާތް اللّــــه އެއްކައުވަންތައެވެ. އަހުރެންނަކީ އެކަލާނގެ ފޮނުއްވި ނަބީއަކީމެވެ." އެހެން ވިދާޅުވުމަށްފަހު ތިރީގައި މާނަ މިލިޔާ އާޔަތް ކިޔަވައި ވިދާޅުވިއެވެ.

"ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އަންނާށެވެ! ތިޔަބައިމީހުންގެ މައްޗަށް ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަރާމްކުރެއްވި ކަންތައް ކިޔައިދެއްވާހުށީމެވެ. ތިޔަބައިމީހުން، އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރާށެވެ! އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ! އަދި ފަޤީރުކަމުގެ ސަބަބުން ތިޔަބައިމީހުން ދަރީން ނުމަރާށެވެ! ތިޔަބައިމީހުންނަށާއި އެދަރީންނަށް ރިޒުޤު ދެއްވަނީ، ތިމަންރަސްކަލާނގެއެވެ. އަދި ފާޙިޝް ކަންތައްތަކާ ތިޔަބައިމީހުން ކައިރި ނުވާށެވެ! އޭގެތެރެއިން ފާޅުވެގެންވާ ކަންތަކާއި ވަންހަނާވެގެންވާ ކަންތަކެވެ. އަދި اللّــــه ޙުރުމަތްތެރި ކުރައްވައިފައިވާ ނަފުސެއް ޙައްޤަކާ ނުލައި ނުމަރާށެވެ! އެކަންތައްތަކާމެދު، އެކަލާނގެ ތިޔަބައިމީހުންނަށް ވަޞިއްޔަތްކުރެއްވީ ތިޔަބައިމީހުން ވިސްނުމަށްޓަކައެވެ." (ســـــورة الأنــعـــام: 151)

(ނުނިމޭ)