މުނާފިގު ސޫރަތަކީ ކީރިތި ގުރުއާންގައި ހިމެނޭ ސޫރަތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅު ވެއްޖެއެވެ.
މަޖިލިސް ރައީސް މިހެން ވިދާޅުވީ، ފަތުރުވެރިކަން ކުރިއެރުވުމަށް ފަހިވާގޮތަށް ކޮވިޑް 19 ގެ ގަވާއިދު ތަކާއި އުސޫލުތައް ބަދަލު ކުރުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލިހުގެ ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފު މަޖިލިހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި، ކުއްލި މައްސަލައިގެ ބަހުސްގައި އެމަނިކުފާނަށް ނިސްބަތް ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބުދުﷲ ކީރިތި ގުރުއާނުގެ މުނާފިގޫން ސޫރަތުގެ އާޔަތެއްގެ މާނަ ވިދާޅުވާ މުޅިގެންނެވެ.
އެ މައްސަލައަށް ބަހުސް ފައްޓަވަމުން މެންބަރު ނަޝީދު ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދީ މައި ތަނބަކީ، ފަތުރުވެރިކަމަށް ވާއިރު ޓޫރިޒަމް އިންޑަސްޓްރީ ބަލިކަށީ ވެ ގައުމު މިހާލަތަށް ގޮސްފައި ވަނީ، ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ކަމަށެވެ. އަދި ރާޖެއަަށް ކޮވިޑް އައިސް ގިނަ ބަޔަކަށް އެބަލި ޖެހިފައިވަނީވެސް ސަރުކާރުގެ އެ ދޯހަޅި ސިޔާސަތުގެ ސަބަބުން ކަމަށް ޝައްކު ނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ކޮވިޑްގެ ހާލަތުގައި ރަށްރަށަށްދިޔަ ގިނަ ދިވެހިންނަށް ވަޒީފާތަކަށް ނާދެވިފައި ވާއިރު ގިނަ ބިދޭސީންތަކަކަށް، ހާއްސަކޮށް އިންޑިއާ މީހުންނަށް އެ ވަޒީފާތައް ދެމުން އަންނަ ކަމަށް ވެސް މެންބަރު ތުހުމަތު ކުރެއްވިއެވެ.
މެންބަރު ނަޝީދު އިތުރަށް ވިދާޅުވީ، "މިއަދު މި މަޖިލިސް ތެރޭގައި، ކޮވިޑަކީ މާ ނުރައްކާތެރި ބައްޔަކަށް ވެގެން އުޅުނު ނަމަވެސް، ރާއްޖެއަށް ކޮވިޑް އައުމުގެ ކުރީން، ކޮވިޑަކީ ފެންތައްޓެއް ބޯލާފަ ކަރުކެހިލީމަ ރަނގަޅުވާ އެއްޗެއް ކަމަށް މި މަޖިލިސް ތެރޭގައި މިތިބި އިއްޒަތްތެރިކަމަށް ހެދިގެން އުޅޭ މެންބަރުންތައް ދެއްކި، އިއްޒަތްތެރި ވަނީ ވަކި ވަގުތެއްގައެއް ނޫން، މިތާ އެ ތެރޭގައި މިތާގަ އިއްޒަތްތެރި މެންބަރެއްގެ ގަޔަށް މަކުނުތަކެއް، ދޮންކެޔޮ ގަނޑަކަށް އަރުވާހެން މިތާނގައި އިންނެވި ރައީސް އެރުވިއިރު އެދުވަހު ކޮބައިތޯ މަޖިލީހުގެ އިއްޒަތާއި މަޖިލީހުގެ ކަރާމާތް،" ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމުގެ ނަން އިއްވަވައި މަޖިލީހުގެ ޖަލްސާއަކުން ނިކުތުމަށް އެންގުމުން ނުނިކުމެގެން، އެމްޑީޕީ މެންބަރުންތަކެއް ވެގެން އެ މެންބަރު ޖަލްސާއިން ނެރުނު ހާދިސާއަށް އިޝާރާތް ކުރައްވައި މެންބަރު ނަޝީދު ވިދާޅުވިއެވެ.
މެންބަރުގެ އެ ވާހަކައާ ގުޅިގެން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ނިޒާމީ މައްސަލައެއް ނަންގަވައި، މަޖިލީހުގެ އިއްޒަތާއި ކަރާމާތް ދެމެހެއްޓުމަކީ މަޖިލިސް ރައީސްގެ ޒިންމާއެއް ކަމަށާއި މެންބަރުން މަޖިލިސް ރައީސާ މުހާތަބު ކުރަން ޖެހޭނީ، ގަވައިދާ އެއްގޮތަށް ކަމަށް ވިދާޅުވިއެވެ.
މެންބަރު ޝިފާއުގެ ނިޒާމީ މައްސަލަ ބަލައި ގަންނަ ކަމަށް ވިދާޅުވެ، މަޖިލިސް ރައީސް ވިދާޅުވީ އެ ނިޒާމީ ނުކުތާ ބަލައިގަންނަ ކަމަށާއި މެންބަރުން ވާހަކަ ދައްކަވަން ފައްޓަވާއިރު އިއްޒަތްތެރި ރައީސަށް ކަމަށް ވިދާޅުވެ އެމަނިކުފާނަށް މުހާތަބު ކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.
އެކަމާ ގުޅިގެން ވާހަކަ ފައްޓަވަމުން މެންބަރު ނަޝީދު ވިދާޅުވީ، "އިއްޒަތް ވަނީ ﷲ އާއި ރަސޫލާ އާއި މުއުމިނުންތަކުންނަށޭ، އެކަމަކު އެކަމެއް މުނާފިގުންނަކަށް ނޭނގޭނެއޭ، މުނާފިގު ސޫރަތުގެ އަށްވަނަ އާޔަތް ބައްލަވާލައްވާ! މީ އަޅުގަނޑުގެ ވާހަކައެއްނޫން،" ކަމަށެވެ.
އެހިސާބުން މެންބަރު ނަޝީދުގެ ވާހަކަ ހުއްޓުވުމަށްފަހު މަޖިލިސް ރައީސް ވިދާޅުވީ، މަޖިލީހުގައި ގުރުއާނުގެ އާޔަތްތައް ނުކިޔުއްވުމަށް ކުރީ ދުވަހުވެސް މެންބަރަށް ދަންނަވާފައިވާނެ ކަމަށެވެ.
ދެން މެންބަރު ނަޝީދު ވިދާޅުވީ، "ގުރުއާނުގެ އަޑު ޖެހުނީމަ ޝައިތާނާއަށް ވަރަށް ބޮޑަށް އުނދަގޫ ވާނެ، އަޑުއަހަން ވެސް އުނދަގޫވާނެ، ގުރުއާނުގެ ވާހަކަ ދެއްކީމަ ބޮލަށް އެނބުރުން އަރާގޮތް ޝައިތާނާއަށް ވާނެ، އެހެން ވީމާ ހަޖަމް ނުވެގެން މިއަދު ތިޔަ އުޅެނީ،" ކަމަށެވެ.
އެހިސާބުން މެންބަރު ޝިފާއު އަނެއްކާވެސް ނިޒާމީ މައްސަލައެއް ނެންގެވިއެވެ. ވިދާޅުވީ އެގޮތަށް ބޭ އަދަބީ ބަހުން މަޖިލީހުގައި މުހާތަބު ނުކުރެވޭނެ ކަމަށެވެ.
އެންމެ ފަހުން މަޖިލިސް ރައީސް ވިދާޅުވީ، މެންބަރު ނަޝީދު ފާހަގަ ކުރެއްވީ ގުރުއާނުގައިވާ ސޫރަތެއް ނޫން ކަމަށެވެ.
"އަޅުގަނޑު ޖެހޭނީ ރަނގަޅު ކޮށްދޭން، އިއްޒަތްތެރި މެންބަރު ދެންމެ ތިޔަ ފާހަގަ ކުރެއްވީ ގުރުއާނުގައިވާ ސޫރަތެއް ނޫން، އިއްޒަތްތެރި މެންބަރު ގުރުއާނަށް އެހެން ނަހައްދަވާ!، އިއްޒަތްތެރި މެންބަރު ގުރުއާން ބޭނުން ގޮތަކަށް ބޭނުން ނުކުރައްވާ!، އަޅުގަނޑުމެން މި މަޖިލީހުގެ ގިނަ އިއްޒަތްތެރި މެންބަރުންނަށް ގުރުއާން ސާފުވާނެ އަދި ގޯސްކޮށް ކިޔަވާ ވިދާޅުވީމާ އަޅުގަނޑުމެންނަށް އެނގޭނެ އިއްޒަތްތެރި މެންބަރު އެހެން ނުހައްދަވާ!، އަޅުގަނޑު ތަކުރާރުކޮށް އިލްތިމާސް މި ކުރަނީ، މާތްވެގެންވާ އިސްލާމް ދީނުގެ އެންމެމަތީ އިސްމުފުޅަށް އެހެން ނުހައްދަވާ!" މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން މެންބަރު ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް ތެރޭގައި އެ އާޔަތް ޖަހައިލުމުން އެއީ ގުރުއާނުގައި ހިމެނޭ އާޔަތެއްކަން ސާފުވާނެ ކަމަށެވެ. އެހިސާބުން ނަޝީދަށް ދެއްވާފައިވާ ވަގުތު ހަމަވިއެވެ.
އެއަށްފަހު އިތުރު މެންބަރުންނަށް ފުރުސަތު ދެއްވުމަށްފަހު، ހެނދުނު ސަޔަށް މަޖިލިސް ޖަލްސާ މެދު ކަނޑުއްވައި ލައްވަމުން މަޖިލިސް ރައީސް ވިދާޅުވީ، އެއީ ކޮން ސޫރަތެއްކަން މެންބަރު ނަޝީދަށް އޮޅުން ފިލުއްވައި ދެއްވުމަށް ބޭނުންފުޅުވާ ކަމަށާއި އެ ސޫރަތަކީ، މުނާފިގޫން ސޫރަތް ކަމަށެވެ.
"އަޅުގަނޑު މިހާރު ސަޔަށް މި ހުއްޓާލަނީ ހުއްޓާލުމުގެ ކުރީގައި ނޮޅިވަރަމު ދާއިރާގެ އިއްޒަތްތެރި މެންބަރަށް ސާފުކޮށްލަދޭނަން، އެ ސޫރަތަށް ކިޔަނީ މުނާފިގު ސޫރަތެއްނޫން، މުނާފިގޫން، އެއީ އިނގިރޭސި ބަހުން ހިޕޮކްރެޓިސް، ދިވެހިން އެއަށް ދެފުށްކެހެރިވެސް ކިޔާ އެނގިވަޑައިގަންނަވާނެ، މައްކާގައި އަބުދުﷲ ބުނި އުބެއިހާ ގުޅިގެން އެ ސޫރަތާ ގުޅޭ އާޔަތްތައް ބާވައިލެއްވީ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް