ރައްޔިތުންގެ މަޖިލިހުގެ ވަޓްސްއަޕް ގްރޫޕުގައި ބޭއަދަބީ ބަހުން މުހާތަބު ކުރައްވާފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބުދުﷲ އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނަސޭހަތް ދެއްވައިފިއެެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވަކި ހިސާބަކުން މަޖިލިސް ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުގެ ބައެއްް މެންބަރުންނަށް އަމާޒުކޮށް، ނޮޅިވަރަމު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބުދުﷲ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުުގައި ބޭ އަދަބީ ބަހުން މުހާތަބު ކުރައްވާފައިވާކަމަށެވެ.

އެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާގޮތުގެމަތިން، މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން އެ މެންބަރަށް ލިއުމުން ނަސޭހަތް ދެއްވުމަށް ލަފާ ދެއްވާފައިވާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން މަޖިލީހުގެ ގަދަރާއި ޝަރަފާއި ކަރާމަތާއި އަބުރު ދެމެހެއްޓޭނޭހެން މެންބަރުގެ އަމަލުތައް ބެހެއްޓުމަށްޓަކައި، އެފަދަކަމެއް ތަކުރާނު ނުކުރެއްވުމަށް މެނބަރު ނަޝީދަށް ނަސޭހަތްތެރިވެ ވަޑައިގަންނަވާ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. އަދި އެކަމާބެހޭ ލިއުން މެންބަރަށް ފޮނުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި މައްސަލައިގައި މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުގައި މެންބަރު ދެއްކެވީ ބޭއަދަބީ ކޮން ވާހަކައެއް ކަމަށް ވިދާޅެއް ނުވެއެވެ.