މާލޭގައި އޮތް ބިން ދޫކޮށްލާ ފަރާތްތަކަށް ގޯތި ދޫކުރާ މަޝްރޫއެއް ސަރުކާރުން ހިންގާނެ ކަމަށް ރައީސްް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ކުރިއަށް ގެންދާ "ރަށްވެހި ފަތިސް" ކެމްޕެއިންގައި ރޭ މާލޭގެ ކެންޑިޑޭޓުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ މާލޭގައި އޮތް ބިން ދޫކޮށްލާ ފަރާތްތަކަށް ގޯތި ދޫކުރާ މަޝްރޫއެއް ސަރުކާރުން ހިންގާނެ ކަމަށާއި މަޝްރޫއުގެ ތަފްސީލުތައް މިއަހަރު މެދުތެރޭގައި ހާމަކުރެވޭނެ ކަމަށެވެ.
"އަދި އިތުރު މަޝްރޫއެއް ހިންގުމަށް އަޅުގަނޑުމެން ވިސްނާފައި އެބަ އޮތް. އެހިސާބަށް ދިޔައީމަ އަޅުގަނޑުމެން ހާމަކުރަމުން ގެންދާނަން. ގޯތި ވެސް އޭގެ ތެރޭގައި ދޫކުރެވިގެންދާނެ މާލެއިން ބިން ދޫކޮށްލާ ފަރާތްތަކަށް،" ރައީސް ވިދާޅުވި އެވެ.
މީގެކުރިން ވެސް އެމްޑީޕީ ސަރުކާރުން ވަނީ މިފަދަ މަޝްރޫއެއް ކުރިއަށް ގެންގޮސްފަ އެވެ. "ވެށިފަހި މާލެ" ޕްރޮގްރާމްގެ ނަމުގައި އެ މަޝްރޫއު ފެށްޓެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ.
މާލެއިން ބިން ދޫކޮށްލައި ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭނެކަމުގެ ލިޔުންދީފައިވާ ބައެއް ފަރާތްތަކަށް އަދިވެސް ބޯހިޔާވަހިކަން ހަމަޖެހިފައެއް ނުވެއެވެ. ރޭ ބައެއް ކެންޑިޑޭޓުން ވަނީ އެކަން ފާހަގަ ކުރައްވައިފަ އެވެ.
ރައީސް ވަނީ މާލެ ސަހަރައްދަށް ހާއްސަކޮށްގެން ހިންގާ 13،000 އަށްވުރެ ގިނަ ހައުސިން ޔުނިޓްގެ މަޝްރޫއުތަކުގެ ތަފްސީލުވެސް ރޭ ހާމަކޮށްފަ އެވެ. އެގޮތުން 5000 ހައުސިން ޔުނިޓް މިއަހަރު ތެރޭގައި އިމާރާތް ކުރަން ފެށޭނެ ކަމަށާއި ބާކީ ހުރި ހައުސިން ޔުނިޓްތައްވެސް ކުރިއަށް އޮތް އަހަރުތެރޭގައި ހަދަން ފެށޭނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިހާރުވެސް 1000 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އިތުރު 2000 ހައުސިން ޔުނިޓް ހެދުމަށް އިންޑިއާގެ ކުންފުންޏާކާއެކު ސޮއި ކުރެވިފައިވާ ކަމަށެވެ. އަދި އިތުރު 2000 ހައުސިން ޔުނިޓް އިމާރާތް ކުރުމަށް މިއަދު ސޮއި ކުރެވިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ދިވެހި ފަރާތްތަކާ ގުޅިގެން ތަރައްގީ ކުރާ 180 ޔުނިޓެއް އަންނަ މަހު ހަވާލު ކުރެވޭނެ ކަމަށާއި އަދި އިތުރު 33 ޔުނިޓެއް ވަކިން ހަދަން ވެސް އެކުންފުންޏާ ހަވާލު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ 1700 ހައުސިން ޔުނިޓްގެ މަސައްކަތް ޗައިނާގެ ސައިނޯ ހައިޑްރޯ ކުންފުންޏަކާ ހަވާލު ކުރެވިފައިވާ ކަމަށާއި ޗައިނާގެ ސީއެމްސީއާއެކު 1344 ޔުނިޓް މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އަދި ސްރީލަންކާ ޖެޓް ހޯލްޑިންގްސްއާއެކު 850 ޔުނިޓް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.
މީގެ އިތުރުން އިންޑިއާގެ އިތުރު ދެ ކުންފުންޏަކާއެކު 4000 ހައުސިން ޔުނިޓްގެ ހެދުމަށް ވެސް މަޝްވަރާތައް މިހާރު ކުރެވެމުން އަންނަ ކަމަށާއި އުންމީދަކީ މި އަހަރު ތެރޭގައި އެއްބަސްވުންތަކުގައި ސޮއި ކުރެވިގެންދިއުން ކަމަށެވެ. ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ފަރާތުން 115 ހައުސިން ޔުނިޓް މަސައްކަތް ޓެންޑާ ކުރެވިފައިވާ ކަމަށްވެސް ރައީސް ރޭ ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ މި ހައުސިން ޔުނިޓްތަކުގެ އިތުރުން އިތުރު 2000 ހައުސިން ޔުނިޓް ހެދުމަށް ނިންމާފައިވާ ކަމަށާއި އެއާއެކު މާލެ ސަރަހައްދަށް ހާއްސަކޮށް 15،000 ހައުސިން ޔުނިޓް އިމާރާތް ކުރެވިގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު