ލައިސެންސް ނެގުން ވަގުތީ ގޮތުން ހުއްޓާލުމާ ގުޅިގެން ޓްރާންސްޕޯޓު އޮތޯރިޓީ ތެރޭގައި ބަޔަކު އިހުތިޖާޖު ކޮށްފި އެވެ.
ޓްރާންސްޕޯޓު މިނިސްޓްރީގެ ރިސެޕްޝަން ސަރަހައްދުގައި ކުރި އިހުތިޖާޖުގައި މި އހުތިޖާކުގެ ބައިވެރީން ވަނީ ޖޫރިމަނާ ކުރާ މިފަދަ ދަނޑިވަޅެއްގައި ލައިސެންސް ދޫކުރުން ހުއްޓައި ނުލުމަށް ގޮވާލައިފަ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އެ މިނިސްޓްރީގައި މިއަދު ކުރިއަށް ދިޔަ މުޒާހަރާގައި އިސްކޮށް އުޅުނީ ޑްރައިވިން ސްކޫލްތަކުގެ މީހުން ކަމަށެވެ. އަދި އެ މީހުން ޝަކުވާ ކުމުން ދިޔައީ ލައިސެންސް ނެގުން ވަގުތީ ގޮތުން ހުއްޓާލުމާ ގުޅިގެން ލައިސެންސް ނެގުމަށް ބޭނުންވާ އެތަށް ބަޔަކަށް ދަތިވަމުންދާ ކަމަށް ބުނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޮފިޝަލު ވިދާޅުވީ ލައިސެންސް ނެގުން މިހާރު ހަމަޖްއްސާފައިވަނީ ޕޯޓަލް މެދުވެރިކޮށް ކަމަށާއި އެކަންވެސް މި ވަގުތު ކޮވިޑް-19 އިން ރައްޖާތެރި ވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން އެކަން މިވަގުތު ހުއްޓާލާފައިވާ ކަމަށެވެ.
މުޒާހަރާގެ ބައިވެރިންނާއި ބައްދަލުކޮށް މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން މި ފެށޭ ހަފުތާ ތެރޭގައި ޕޯޓަލް އަލުން ހުޅުވާނެ ކަމަށާއި އަދި ޑްރައިވިން ސްކޫލްތަކާއި މިނިސްޓްރީއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރާނެ ކަމުގެ ޔަގީން ކަން އެމީހުންނަށް ދީފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
މުޒާހަރާގެ ބައިވެރިން ވަނީ މުޒާހަރާ ހުއްޓާލުމަށްފަހު އެ ސަރަހައްދު ދޫކޮށް މިހާރު ވަނީ ގޮސްފަ އެވެ.