ބާޒާރު މަތީގެ ގިނަ އަދަދެއްގެ ފިހާރަތަކެއް ފަޅާލައި ވައްކަން ކޮށްފި އެވެ.
ފުލުހުން ބުނީ ބާޒާރުމަތީގެ ގިނަ ފިހާރަތަކެއް ފަޅާލައި ވައްކަން ކޮށްފައިވާ ކަމުގެ ރިޕޯޓު މިއަދު ހެނދުނު 7:30ގައި ލިބިފައިވާ ކަމަށެވެ.
ބާޒާރުގެ ފިހާރަތަކެއް ފަޅާލައި ވައްކަން ކޮށްފައިވާ ކަމުގެ ތުހުމަތު ކުރެވޭތީ އެ ސަރަހައްދުގައި ފުލުހުން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު މިއަދު "ވަން" އަށް ވިދާޅުވީ މިހާތަނަށް މައުލޫމާތު ލިބިފައިވަނީ ފަސް ފިހާރައެއް ފަޅާލައި ވައްކަން ކޮށްފައިވާ ކަމަށެވެ.
މިފިހާރަތަށް ފަޅާލާފައިވަނީ ފުރާޅުން ޓިނު ނަގައިގެން ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ. ނަމަވެސް ވަގަށް ނަގާފައިވަނީ ކޮން އެއްޗެއް ކަމެއް އަދި ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ނޭނގެ އެވެ.