މަޖީދީމަގުގައި ހުންނަ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައެއް ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ 17:49 އެހައިކަންހާއިރު ފުލުހުންނަށް ހުށަހެޅުނު، މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ވައްކަން ކޮށްފައިވާ މައްސަލައިގެ ތަހުގީގުކުރަމުންދާ ކަމަށެވެ.

އެ ވައްކަމުގައި ޖުމުލަ 4،000،000 (ހަތަރު މިލިއަން) ރުފިޔާ ވަގަށް ނަގާފައިވާ ކަމަށާއި އެ ފައިސާގެ ތެރެއިން ހޯދިފައިވަނީ 50،000 ރުފިޔާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ފަސް މީހަކަށް ތުހުމަތުކުރެވޭ ކަމަށާއި އޭގެ ތެރެއިން ހަތަރު މީހަކު ހައްޔަރުކޮށް، މިވަގުތު ބަންދުގައި ތިބި އިރު، އެކަކު ހޯދުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކަސްތޫރިމާގެ / ޅ. ނައިފަރު، މުޙައްމަދު ނޫރު އަހުމަދު (40އ) އާއި މޫންލައިޓްވިލާ / ސ. މީދޫ، މުހައްމަދު އަފްރާހު (40އ) އާއި ދާރުލް އައްވަލް / ރ. މަޑުއްވަރި، އިސްމާއީލް އާސިފް (36އ) އަދި މ. އޭސިއާ / މާލެ، އަޙްމަދު ފާރިސް (39އ) އެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ އިރު، ތަހުގީގު މަރުހަލާ މުޅިން ފުރިހަމަކޮށް، މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.