ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނުވެއްޓި އޮތީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ސަބަބުން ކަމަށް އިދިކޮޅު ކޯލިޝަން ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން 'ރީލޯންޗް' ކުރުމަށް ރޭ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އޮފީހުގައި ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، އެންމެ ފުރަތަމަ މި އިންތިހާބުގެ ކެމްޕެއިން ފެށުމަށް އެ ފަރާތްތަކުން ވަރުގަދަ ޖަލްސާއެއް ބޭއްވި ކަމަށާއި އެ ޖަލްސާ ފެނިފައި މިއަދުގެ ސަރުކާރުން ފަހަތަށް ޖެހުނު ކަމަށެވެ.
"އޭގެ ފަހުން އެކި ކަންތައް ކުރިމަތި ކުރުވަމުން މި އަންނަނީ. އޭގެ ފަހުން މި ކޮވިޑަކީ ސަރުކާރުން ދަމަހައްޓަން ބޭނުންކުރާ ހަތިޔާރަކަށް ހެދީ. އޭގެ ފަހުން ތަފާތު ގައިޑްލައިންތައް ނެރެމުން ގެންދިޔައީ. އޭގެ ފަހުން އެޗްޕީއޭ އަކީ މި ސަރުކާރުގައި ވިއްދާފައި ހުރި މުޑިއަކަށް ހެދީ. މިސަރުކާރު މިހާރު ނުވެއްޓި އޮތީ އެޗްޕީއޭގެ ސަބަބުން،" އަދުރޭ ވިދާޅުވި އެވެ.
ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ފަހަތަށް ނުޖެހޭނެ ކަން ހާމަކޮށް އަދުރޭ ވިދާޅުވީ، އަމާޒަކަށް އަދި ހިތްވަރަކަށް ވެސް ބަދަލު ނާންނަ ކަމަށެވެ.
"މިސަރުކާރުން އަޅުގަނޑުމެން ކެމްޕެއިން ކުރާކަށް ފުރުސަތެއް ނުދޭ. ގަބޫލުފުޅު ކުރައްވާ! މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ މާހައުލެއް މި ރާއްޖެއަކު ނެތް. އެ ފުރުސަތެއް ސަރުކާރުން ފަހިކޮށްދީފައެއް ނެތް،" އަދުރޭ ވިދާޅުވި އެވެ.
ކެމްޕެއިން ކުރުމަށް ރަށްރަށަށް ދިއުމުގެ ފުރުސަތު ނެތް ކަން ފާހަގަކުރައްވައި އަަދުރޭ ވިދާޅުވީ، ރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް ދަތުރު ކުރަން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ. އެހެން ނަމަވެސް އެ ފުރުސަތު މި ސަރުކާރުން ދޭން ބޭނުން ނުވާ ކަމަށް އަދުރޭ ވިދާޅުވި އެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރައީސް ޔާމީނަށް ދެމުން ގެންދާ އަނީޔާ ކަން އަދުރޭ ވިދާޅުވިއެވެ. އަދި ރައީސް ޔާމީން މިހާރު ޖަލުގައި އެ ހުންނެވީ ދިވެހި ރައްޔިތުންގެ ހައްގުގައި ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ. އޭގެ ބަދަލު ރައްޔިތުން ވޯޓުން ދެއްވުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު