މާލޭ މޭޔަރު ކަމަށް އިދިކޮޅު ޕީޕީއެމުން ވާދަކުރައްވާ ކެނޑިޑޭޓު، ކުރީގެ ހޯމް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއާ ދެކޮޅަށް، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން އެންޓި ކެމްޕެއިން ކުރާ ކަމަށް ތުހުމަތުކޮށްފި އެވެ.

މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ، އެންޓި ކެމްޕެއިން ކުރަން އިސްކަން ދެނީ ކީއްވެތޯ ސުވާލު ކުރައްވައިފައެވެ.

މުއިއްޒު މިހެން ވިދާޅުވީ، ހައުސިން މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވައިގެން މާލޭގެ ކަންތައްތައް އޭނާ ކުރިއަށް ގެންދަވާފައިވާ ގޮތާމެދު، އެކި ޕުލެޓްފޯމުތަކުގައި އެމްޑީޕީގެ ފަރާތުން މުއިއްޒުއަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ދިއުމާ ގުޅިގެންނެވެ.

އަދި އެއީ އެންޓި ކެމްޕެއިން ކަމަށް މުއިއްޒު ވިދާޅުވުމުން އޭނާއަށް ރައްދު ދެއްވައި އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެއީ އެންޓި ކެމްޕެއިން ކުރުން ނޫން ކަމަށެވެ.

އެއީ މާލޭ ސީޓީ ކައުންސިލުގެ ހުރިހާ ބާރެއް، މުއިއްޒު ނަންގަވައިގެން ހުރެ، ހަތް އަހަރު ވަންދެން ކޮންމެ ދުވަހަކު މާލެ ހަލާކުކުރި ގޮތް ކިޔައިދިނުން ކަމަށާއި އަދި އެކަން ހަނދާން ކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށް ވެސް ހަސަން ލަތީފު ވިދާޅުވިއެވެ.

މާލޭގެ މޭޔަރު ކަމަށް ޕީޕީއެމުން ޑރ. މުހައްމަދު މުއިއްޒު ވާދަކުރައްވާއިރު އެމްޑީޕީން ވާދަ ކުރައްވަނީ އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބުދުއްސައްތާރެވެ.