(4 މާޗުގެ އަދަދާ ގުޅޭ)
"އަޅުގަނޑުގެ އެކުވެރީންނޭވެ! ތިޔަބޭފުޅުންގެ އަތްޕުޅުތަކުން މިހާރު ތިޔަވަނީ ބިޑި ނައްޓައިލެވިފައި— ތިޔަބޭފުޅުން ތިއްބެވި ޖަލުގެ ވަތްގަނޑުތަކުގެ ދޮރުވަނީ ހުޅުވިފައި. އެކަމަކުވެސް އަޅުގަނޑު ދަންނަވާނީ ތިޔަބޭފުޅުން މިނިވަންވެވަޑައިގެންފިކަމުގައި ހީފުޅުނުކުރައްވާށޭ. އުތުރުފަރާތުން އަލްފާންސޫގެ ޝަޚުޞިއްޔަތާ ގުޅިގެން އުފެދިފައިވާ މާސިންގާ ޠޫފާނާ އަޅުގަނޑުމެން ކުރިމަތިނުލައިފިނަމަ އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ އަމިއްލަ ނަފުސުތައް ފެންނާނީ ކުޑަކުޑަ ޖަލަކުން ނުކުމެ އެއަށްވުރެ މާބޮޑު މާތަނަވަސް ޖަލެއްގައި ހައްޔަރުވެފައި ތިއްބައި. އަންދަލުސުގެ ކޮންމެ މުސްލިމަކު ވާނީ ނަޞާރާއެއްގެ އަޅެއްކަމުގައި. މި ކިއްލާގެ ޙާކިމު ވަނީ އަޅުގަނޑުމެންގެ މިނިވަންކަމުގެ އަމުރު ނެރުއްވައިފައި. އެކަމަކު އަޅުގަނޑުމެން މި ކިއްލާއިން ނުކުމެގެން އަޅުގަނޑުމެންގެ ގޭގެޔަށް ދާންވީ އަޅުގަނޑުމެންގެ އަނބިދަރީންނަށާއި މައިންބަފައިންނަށާއި އުޚުތުންނަށާއި އަޚުންނަށް އަޅުގަނޑުމެންގެ ފަހަތުން ނަޞާރާއިންގެ ޠޫފާނެއް އެބައަންނަކަމުގެ ޚަބަރު ދޭންތޯ؟ އަލްފާންސޫ ޠުލައިޠުލާގެ ސަރަޙައްދީ ކިއްލާތައް އަތުލައްވައިފި. ޠުލައިޠުލާގެ ވަރަށްބޮޑު ބަޔަކަށް ވެރިވެވަޑައިގެންފި. ދެން އޭނާ އަޅުވެތިކުރައްވާނީ ޠުލައިޠުލާގެ ވެރިރަށް. އެއަށްފަހު މި ޠޫފާން މިސުރާބު ޖަހާނީ އަންދަލުސުގެ އެހެނިހެން ރަށްރަށާ ދިމާޔަށް.
އަޅުގަނޑުމެންނަކީ މުސްލިމުން ކަމުގައިވާނަމަ އަޅުގަނޑުމެންގެ މޭތައް އައްޑަނަތަކަކަށް ހަދާންޖެހޭ. އެއީ އަންދަލުސުގެ ބިމުގައި އިސްލާމްދީން އަލުން ނަޞުރުވެރިކޮށް، މާޒީގެ ޢިއްޒަތާއި ޝަރަފާއި ކަރާމާތް މުސްލިމުންނަށް އަލުން ހޯދައިދޭން. އިސްލާމްދީނުގެ ދުޝްމިނުން އަންދަލުސު އަޅުވެތިކުރާ މަންޒަރު ދެކޭން އަޅުގަނޑުމެން ބޭނުން ނުވާނަމަ އަޅުގަނޑުމެން އެންމެން ހިނގާންވީ އެއްމަގަކުން. އަޅުގަނޑުމެން މި ޠޫފާނަށް ފިލަންދުވުމުގެ ބަދަލުގައި، ޠޫފާނާ ކުރިމަތިލާންޖެހޭނެ. އަލްފާންސޫގެ ކުރިއެރުމަކީ ހަމައެކަނި އަޅުގަނޑުމެންގެ މުލޫކުއްޠަވާއިފުންގެ ތެރެއިން ކޮންމެވެސް ބޭފުޅެއްގެ ތާޖާއި ތަޚުތަށް ކުރިމަތިވާ ނުރައްކަލެއްކަމުގައިވީނަމަ، ތިޔަބޭފުޅުންގެ ކުރިފުޅުމަތީގައި މި ތަޤުރީރު ކުރުމުގެ ބަދަލުގައި އަޅުގަނޑުވެސް އަވަސްވެގަތީހީ އަޅުގަނޑުގެ އަންހެނުންނާއި ކުދީންނާއި ރަޙުމަތްތެރީން އެރަށެއްގައި އަޅުގަނޑު އާދޭތޯ މަގު ބަލައިބަލައި ތިބި ރަށާ ދިމާޔަށް. ނަމަވެސް އަޅުގަނޑު ވަރަށް ޔަގީންކަމާއެކު ދަންނަވަން. އަލްފާންސޫގެ ނުރައްކަލަކީ އަންދަލުސުގެ ހުރިހައި މުސްލިމުންނަށް ކުރިމަތިވެފައިވާ އިޖުތިމާޢީ ބިރުވެރިކަމެއް. މިއީ މި ބިމުގައި މުސްލިމުންގެ ގޮތުގައި ދިރިތިބޭން ބޭނުންވާ އެންމެހައި މުސްލިމުންނަށް ކުރިމަތިވެފައިވާ ނުސިޔާނު މައްސަލައެއް. އަޅުގަނޑުމެންގެ ދުޝްމިނުން މައިދާނަށް ނުކުތީ ހަމައެކަނި ޠުލައިޠުލާގެ ކިއްލާތަކެއްގައި ޞަލީބުގެ ދިދަ ވިހުރުވައިލުމުގެ ޢަޒުމަކު ނޫން. އަދި ކީއްތޯ. ޖަބަލުއްޠާރިޤާ ހަމަޔަށް އަންދަލުސުގެ ހުރިހައި ކަންކޮޅުތަކެއްގައި ޞަލީބުގެ ދިދަ ޖެހުމުގެ ޢަޒުމުގައި. އެހެންކަމުން މި ކިއްލާގެ ދިފާޢުގައި މޭފުޅުތައް އައްޑަނަކޮޅުތަކަކަށް ހައްދަވާން އަޅުގަނޑު ތިޔަ ލޮބުވެތި އަޚުންނަށް ދަޢުވަތު އަރުވަން. މި ދަޢުވަތާއިގެން އަޅުގަނޑު މިތެދުވީ އަންދަލުސުގެ އެއްވެސް ރަސްކަލެއްގެ މަޞްލަޙަތަށް އަޅުގަނޑު ވިސްނާތީއެއް ނޫން. މުސްލިމެއްގެ ހައިސިއްޔަތުން ޚުދު އަޅުގަނޑުގެ އަމިއްލަ ނަފުސާމެދު ވިސްނައިފައި. ތިޔަބޭފުޅުންނާމެދު ވިސްނައިފައި. މިކުޑަކުޑަ މައިދާނުގައި އަޅުގަނޑުމެން ކުރާ ހަނގުރާމައަކީ މުޅި އަންދަލުސަށްޓަކައި ކުރާ ހަނގުރާމައެއް— އަޅުގަނޑުމެންގެ ޤުރުބާނީ ގެއްލިގެންނެއް ނުދާނެ. މިތާނގައި އަޅުގަނޑުމެންނަށް ކުޑަދުވަސްކޮޅަކަށް ނަމަވެސް ނަޞާރާއިން ހިފަހައްޓައިލެވުމަކީ ޠުލައިޠުލާގެ އަޚުންނަށް ތައްޔާރުވުމުގެ ފުރުސަތު ހޯދައިދިނުން."
ވަރަށްކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޠުލައިޠުލާގެ އެއްކޮޅުން އަނެއްކޮޅަށް މަޝްހޫރުވީ އަލްފާންސޫގެ ލަޝްކަރު ކުއްލިޔަކަށް ކުރިޔަށްއައިސް ޠުލައިޠުލާގެ ހުޅަނގުއުތުރު ސަރަޙައްދުގެ ޢަސްކަރީ ބައެއް މަރުކަޒުތައް ހިފިވާހަކައެވެ. ނަމަވެސް އޭގެތެރެއިން އެއްކިއްލާއެއްގައި ތިބި މުޖާހިދުންގެ މީސްކޮޅެއް ވަރުގަދަ ޢަޒުމަކާއި ހިތްވަރާއެކު ނަޞާރާއިންނާ ހަނގުރާމަކުރަމުން ގެންދާ ވާހަކައެވެ.
* * * * * * * * * * *
އަލްފާންސޫ ވަނީ يحـيى القــادر ގެ މިއްލަތު ވިއްކައިލެއްވުމުގެ ފައިދާ ހޯއްދަވައިގެން ތުލައިޠުލާގެ އުތުރު ސަރަޙައްދުގެ މުހިންމު ބައެއް ޢަސްކަރީ މަރުކަޒުތައް ހިއްޕަވައިފައެވެ. އޭނާ ވަނީ يحـيى ގެ އަމުރާ ދެކޮޅުހެދި މަރުކަޒުތަކަށް ކުއްލި ޙަމަލަތަކެއް ދެއްވައިފައެވެ. އަލްފާންސޫ ދެކެވަޑައިގަންނަވަނީ يحـيى ތަޚުތުގައި ވަޑުއްވައިދެއްވުމުގެ ކުރީން ޠުލައިޠުލާގެ އުތުރު ސަރަޙައްދުގެ ވަރަށްބޮޑު ބައެއް އޭނާގެ ރަސްކަމުގައި ހިމަނުއްވާން ބޭނުންފުޅު ކަމުގައެވެ.
ޠުލައިޠުލާގެ އަހުލުވެރީން عمــر المـتــوكّـل ގެ ލަޝްކަރަށް އިންތިޒާރުކުރަމުން ގެންދިޔައީ ނުހަނު ކެތްތެރިކަން ކުޑަގޮތެއްގައެވެ. ޠުލައިޠުލާއަށް ކުރިމަތިވެފައިވާ އިޖުތިމާޢީ ނުރައްކަލުގެ އިޙުސާސުވަނީ އާއްމުން އެއްބައިކޮށް އެކަތިގަނޑަކަށް ހަދައިފައެވެ. ސަހަރުގެ ބޮޑުންވަނީ ވަގުތީގޮތުން މީހަކު އަމީރުކަމަށް ޢައްޔަންކޮށްފައެވެ. ހިލޭސާބަހަށް މަސައްކަތްކުރާ ރިޟާކާރުންނަށް ޢަސްކަރީ ތަރުބިޔަތު ދިނުމުގެ މަސައްކަތް ހިނގަމުންދިޔައީ އާދަޔާ ޚިލާފު ޖޯޝަކާއި ފޯރިއަކާ އެކުގައެވެ. ޠުލައިޠުލާގެ ސިފައިންގެ އައު ކޮމާންޑަރުގެ އެދިވަޑައިގަތުމާ ގުޅިގެން أحمد ވަނީ ރަށްބޭރުގެ އަވަށްއަވަށުން ރިޟާކާރުންގެ ލަޝްކަރެއް ތައްޔާރުކުރެއްވުމުގެ މުހިންމަތެއްގެ ވެރިކަން ގަބޫލުކުރައްވައިފައެވެ. ރަށުގެ ކުރިޔަށް ތިއްބެވި ބޮޑުން އޭނާޔަށް އިންތިހާދަރަޖަޔަށް އިތުބާރު ކުރައްވައެވެ. ޢަސްކަރީ މައްސަލަޔަކާމެދު މަޝްވަރާކުރެވޭ ކޮންމެފަހަރަކުވެސް ސިފައިންގެ ވެރިޔާއާއި ޢަސްކަރީ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުންގެ އިތުރަށް أحمد بـن عبـدالمـنعــم ގެ ޚިޔާލުފުޅު އޮތްގޮތެއް ބެއްލެވުމަކީ ކޮންމެހެންވެސް ލާޒިމު ކަމެއްކަމުގައި ރަށުގެ އަޝްރާފުން ދެކެވަޑައިގަންނަވައެވެ.
އެހެންކަމުން ހެނދުނުއްސުރެ ހަވީރާ ހަމަޔަށް އޭނާ އުޅުއްވަނީ ވަރަށް އަވަދިނެތިއެވެ.
شيـخ أبــو يـعـقــوب އަކީ ޠުލައިޠުލާގެ މަޖްލިސުއްޝޫރާގެ މެމްބަރެކެވެ. އެހެންކަމުން އެކަލޭގެފާނުވެސް ކޮންމެ ދުވަހަކުވެސް ހެނދުނު ހެނދުނާ أحمد އާއެކު ވަޑައިގެންނަވަނީ ބޭރަށެވެ. އާއްމުގޮތެއްގައި ދެބޭފުޅުންވެސް މަޣުރިބު ނަމާދު ކުރައްވަނީ އަވަށުގެ މިސްކިތުގައެވެ. أحمد މަޣުރިބު ނަމާދަށްފަހު މޭޒުބާނުގެ އަރިހުގައި ވަޑައިގަންނަވަނީ ގެޔަށެވެ. ބައެއްފަހަރަށް ދިމާވާގޮތަކުން އެއްބޭފުޅަކު ލަސްފުޅުވެއްޖެނަމަ އަނެއްބޭފުޅަކު ފަރީއްކުޅުއްވުމަށްޓަކައި އެބޭފުޅަކަށް އިންތިޒާރު ކުރައްވައެވެ.
ޙަޔާތުގެ ކަނޑުގައި އުފެދުން ވަރުގަދަ ޠޫފާނީ ވިލާގަނޑެއް أحمد އާއި طـاهـــرة އާ ދެބޭފުޅުންވަނީ އެއްބޭފުޅަކު އަނެއްބޭފުޅަކާ ގުޅުވައިފައެވެ. ނަމަވެސް އެ ޠޫފާނީ ކޮޅިގަނޑު މިހާރުވަނީ ލައިގެން ނިމިފައެވެ. އެހެންކަމުން އެދެބޭފުޅުންގެ މެދުގައި މިހާރުވަނީ ފާރުތަކާއި ފަރުދާތައް ހުރަސްއަޅައިފައެވެ. އެފަރުދާތަކާއި ފާރުތަކުގެ ބިއްދޮށުގައި ދެބޭފުޅުންވެސް ގެންދަވަނީ ރީތި ކުލަ ހުވަފެންފުޅުތަކުގެ ވާދީތައް އާބާދުކުރައްވަމުންނެވެ.
شيـخ أبــو يـعـقــوب އެއްރެޔަކު ގެޔަށްވަޑައިގެންނެވީ ތަންކޮޅެއް ލަހުންނެވެ. އެކަލޭގެފާނު ގެޔަށް ވަޑައިގެންފައި ޚާދިމާއަށް ގޮވައިލައްވައިފައި ފަރީއްކޮޅު ގެންނާން ވިދާޅުވެއްޖެއެވެ. އެވަގުތު طـاهـــرة އެކޮޓަރިޔަށް ވެދެވަޑައިގެންފިއެވެ. އޭނާ ޖެހިލުންވެވަޑައިގެން ހުންނަވައި ހުއްޓަހުއްޓަވައިފައި ވިދާޅުވިއެވެ. "ބައްޕާފުޅާ!..... މެހުމާނު އަދިވެސް ވަޑައެއް..... ނުގަންނަވާ!؟"
"އޭނާ މުހިންމަކަށް ފުރައިވަޑައިގެންފި!"
طـاهـــرة ގެ މޫނުފުޅު ކުއްލިޔަކަށް ރީނދޫވެއްޖެއެވެ. އޭނާ ސިކުންތުކޮޅެއްހައިއިރަށް އޭނާގެ ބައްޕާފުޅާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އެއަށްފަހު އަނެއްފަރާތަށް މޫނުފުޅު އަނބުރައިލައްވައިފިއެވެ. އޭނާ ހިތްޕުޅުން ޝަކުވާ ކުރައްވާން ފައްޓަވައިފިއެވެ. "އޭނާ ވަޑައިގެންފިއެވެ. މީހަކު މިތާނގައި މުޅި އުމުރަށް އޭނާ ވަޑައިގަންނަވާތޯ މަގު ބަލަބަލައި ހުންނާނެކަން އޮޅުންފިލުއްވެވުމަކާވެސް ނުލައެވެ."
طـاهـــرة އަށް އޭނާގެ ބައްޕާފުޅުގެ ކުރިފުޅުމަތީގައި ކޮޅަށްހުންނެވުމަކީ ވަރަށް އުނދަގޫފުޅު ކަމަކަށް ވެއްޖެއެވެ. އޭނާ މަޑުމަޑުން ފިޔަވަޅު އަޅުއްވަމުން އެހެން ކޮޓަރިޔަކާ ދިމާޔަށް ވަޑައިގަންނަވާން ފައްޓަވައިފިއެވެ.
أبــو يـعـقــوب ވިދާޅުވިއެވެ. "މަޑުކޮށްލާ ދަރިފުޅާ! ކޮންތަނަކަށްތަ ތިޔަދަނީ؟"
طـاهـــرة ކަންބޮޑުވެވަޑައިގެން ޖަވާބު ދެއްވިއެވެ. "ބައްޕާފުޅާ! އަޅުގަނޑު މިދަނީ ބައްޕާފުޅުގެ އަތްޕުޅު ދޮންނަވާން ފެންބަލައި."
طـاهـــرة އޭނާގެ ބައްޕާފުޅުގެ އަތްޕުޅު ދޮންނަވަނިކޮށް ޚާދިމާ އަތުވެއްޖެއެވެ. އޭނާ طـاهـــرة އާ ސުވާލު ކުރިއެވެ. "ކަލާގެ ފަރީއްކޮޅުވެސް މިތަނަށް ގެންނަންތޯ؟"
أبــو يـعـقــوب ވިދާޅުވިއެވެ. "طـاهـــرة ވެސް އަދި ނުކަނީތަ؟ އެހެންވިއްޔާ އޭނާގެ ކާއެއްޗެހިވެސް ގެނޭ. އަހަރެމެން ދެބަފައިން ކާނީ އެކުގައި!"
ޚާދިމާ ފަރީއްކޮޅު ގެނެސް ވަތްކޮށްފިއެވެ. طـاهـــرة ވެސް ބައްޕާފުޅުގެ އަރިހުގައި ސުފުރާކޮޅުގައި އިށީނދެވަޑައިގެންފިއެވެ. ނަމަވެސް އޭނާ ފަރީއްކުޅުއްވާ ހިތްޕުޅުވަނީ ކެނޑިފައެވެ. ފަރުވާތެރިކަމެއްނެތި ދެތިން ސުވަލެއް ނަންގަވައިފައި ހުއްޓައިލައްވައިފިއެވެ. شيـخ أبــو يـعـقــوب އިންނެވީ ހަނުހިމޭންކަމާއެކު طـاهـــرة އާ ދިމާޔަށް ބަލަހައްޓަވައިގެންނެވެ. އެންމެފަހުން أبــو يـعـقــوب ވިދާޅުވެއްޖެއެވެ. "أحمد ވަރަށް އަވަހަށް ވަޑައިގެންފާނެ!"
طـاهـــرة ގެ މޫނުފުޅު އަނެއްކާވެސް ފިނިފެންމަލެއްހެން ފޮޅިގެން ހިނގައްޖެއެވެ. އޭނާ ހިތްވަރުކުރައްވައިފައި ވިދާޅުވިއެވެ. "ބައްޕާފުޅާ! ކޮންތަނަކަށްތޯ އޭނާ ވަޑައިގެންނެވީ؟"
أبــو يـعـقــوب ވިދާޅުވިއެވެ. "މީގެ ކުރީދުވަހަކު ބައްޕަ ދަރިފުޅަށް ކިޔައިދިނިން. އިންޤިލާބުގެ ކުރީން يحـيى ވަނީ ޠުލައިޠުލާގެ ޤައިދީންތަކެއް އުތުރުއިރުމަތީ ސަރަޙައްދުގެ މުހިންމު ކިއްލާއަކަށް ބަދަލުކުރައްވައިފައި. އެބޭފުޅުން ގެންދަވަނީ ކިއްލާ ދިފާޢުކުރާންތިބި ސިފައިންނާ ބައިވެރިވެވަޑައިގެން ނަޞާރާއިންނާ ހަނގުރާމަ ކުރައްވަމުން. މީގެ ހަތަރުދުވަސް ކުރީން ޚަބަރު ލިބުނުގޮތުގައި ކިއްލާގެ ކޮމާންޑަރ ޝަހީދުވެއްޖެއެވެ. އޭނާގެ މަގާމާ ހަވާލުވެވަޑައިގެންފައިވަނީ ޤައިދީއެއް. އަނެއްކޮޅުން عمــر المـتــوكّـل ވަޑައިގަންނަވާތީ އަލްފާންސޫގެ ސަމާލުކަން އެންމެބޮޑަށް ހުއްޓިފައިވަނީ ހުޅަނގުއުތުރުގެ މައިދާނަށް. އެހެންވެ ބައްޕަމެން އުންމީދުކޮށްގެންތިބީ އަލްފާންސޫގެ ފިއްތެވުން އެކިއްލާއަށް މާކަބޮޑެއް ނުވާނެކަމަށް. މިރަށުގެ ލަޝްކަރު ރަށަށް އައުމުން ރިޟާކާރުންގެ ގެމަތަކެއް ކިއްލާއަށް ފޮނުވާން. ނަމަވެސް މިއަދު ކުއްލިޔަކަށް ޚަބަރު ލިބުނީ އަލްފާންސޫ އައު ލަޝްކަރެއް ފޮނުއްވައި އެކިއްލާއަށް ފޯރުމާލު ލިބޭންހުރި ހުރިހައި މަގުތަކެއް ބަންދުކުރައްވައިފި ކަމަށާއި، ކިއްލާގައި ތިބި މީހުންގެ ހާލު ވަރަށް ނާޒުކު ކަމަށް. ދެދުވަހެއްގެ ތެރޭގައި އެބައިމީހުންނަށް އެހީ ނުފޮނުވިއްޖެނަމަ އެންމެން މަރުވެދާނެކަމަށް. އެކިއްލާގައި ތިބީ ހަމައެކަނި އާއްމު ސިފައިން ކަމުގައިވީނަމަ މަޖްލިސުއްޝޫރާއިން އެކަމާ މިހައިބޮޑަށް ކަންބޮޑުވެވަޑައިނުގެންނެވުމަކީ އެކަށީގެންވާ ކަމެއް. އެކަމަކު އެކިއްލާގައި ތިއްބެވި ޤައިދީންގެ ތެރޭގައި މިރަށުގެ ވަރަށް ނުފޫޒުހުރި ބޭފުޅުންވެސް އެބަތިއްބެވި. އެހެންކަމުން މަޖްލިސުއްޝޫރާއިން ނިންމެވީ ތިންސަތޭކަ އަސްވާރުން ވަގުތުން އެކިއްލާއަށް ފޮނުވަން. މަޖްލިސުއްޝޫރާގައި أحمد ވެސް ބައިވެރިވެވަޑައިގެންނެވި. އެމުހިންމަތުގެ ޤާއިދެއްގެ ސުވާލު އުފެދުމާއެކު ހުރިހައި މެމްބަރުންގެވެސް ނަޒަރު ހުއްޓުނީ أحمد އާ ދިމާޔަށް.
طـاهـــرة ވިދާޅުވިއެވެ. "އެކަމަކު އެންމެ ތިންސަތޭކަ މީހުންނަށް އެކިއްލާ ދިފާޢުކުރެވޭނީ ކިހައިދުވަހަކުތޯ؟"
أبــو يـعـقــوب ޖަވާބު ދެއްވިއެވެ. "ކޮމާންޑަރ އިން ޗީފް މިހާރު ވަނީ އެކިއްލާ ދިފާޢުކުރެއްވުމުގެ ޚިޔާލު ދޫކޮށްލައްވައިފައި أحمد އަށް ދަންނަވައިފައިވަނީ ކިއްލާގައިތިބި ސިފައިންނާއި ޤައިދީން ކިއްލާއިން ނެރުއްވައިގެން ގެންނަވަން. މިވަގުތު އަޅުގަނޑުމެންނަކަށް ޠުލައިޠުލާގެ ދިފާޢަށް ނުރައްކަލެއް ކުރިމަތިވިޔަނުދީ މާދުރުގައިހުރި މަރުކަޒެއް ޙިމާޔަތްކުރެވޭކަށެއް ނެތް."
طـاهـــرة ވިދާޅުވިއެވެ. "ބައްޕާފުޅާ! މިއީ އަނެއްކާ ވަރަށް ނުރައްކާތެރި މުހިންމަތެއްތޯ؟"
"ދަރިފުޅާ! ސިފައިންގެ މީހެއްގެ ކޮންމެ މުހިންމަތަކީވެސް ނުރައްކާތެރި މުހިންމަތެއް. އަނެއްކާ أحمد އަކީ ނުރައްކާތެރި ކޮންމެ ދަނޑިވަޅެއްގައި އެންމެ ކުރީސަފުގައި ހުންނަވާ ބޭފުޅެއް."
شيـخ أبــو يـعـقــوب އިރުކޮޅަކު ހިމޭނުން އިންނަވައިފައި ވިދާޅުވިއެވެ. أحمد އަކީ ޞާލިޙު އަދި ހިތްވަރުގަދަ ޒުވާނެއް މިއަދު އޭނާ ފުރައިވަޑައިގެންނެވުމުގެ ކުރީން ދަރިފުޅުގެ މުސްތަޤުބަލާ ބެހޭގޮތުން ބައްޕަ އޭނާއާ ވާހަކަ ދައްކައިލިން."
طـاهـــرة ގެ ހިތްޕުޅު ތެޅޭންފަށައިފިއެވެ. أبــو يـعـقــوب އަނެއްކާވެސް ކުޑައިކޮށް މަޑުކޮށްލައްވައިފައި ހިނިފުޅުވަޑުވަމުން ވިދާޅުވިއެވެ. "ދަރިފުޅާ! ބައްޕަ ދަރިފުޅަށް ވަރަށް ރަނގަޅު ޚަބަރެއް ގެނައިން. ބައްޕަގެ ދަރިފުޅަށްޓަކައި ބައްޕައަށް އެދެވޭނެ މިއަށްވުރެ ރަނގަޅު އެހެން އެދުމެއް ނެތް. ދަރިފުޅުގެ ބައްޕަ އުފާކޮށް ފަޚުރުވެރިވަން. އަންދަލުސުގެ އެންމެ ރަނގަޅު ޒުވާނާ ޝުކުރުވެރިވުމުގެ ކަރުނަޔާއެކު ދަރިފުޅުގެ ކާވެނި ގަބޫލުކުރައްވައިފި. ދަރިފުޅާ! އަނެއްކާ ބައްޕަޔަށް މިކުރެވުނީ ރަނގަޅު ކަމެއްތަ؟"
طـاهـــرة އުފާވެރިކަމުގެ ކަނޑެއްގައި ފީނައިވަޑައިގަންނަވަނީއެވެ. ލަދުފުޅުން އޭނާގެ މޫނުފުޅު ދިޔައީ ރަތްވަމުންނެވެ. އޭނާގެ ލޯފުޅު ހުއްޓިފައިވަނީ ބިންމައްޗަށެވެ.
(ނުނިމޭ)
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ