ލިވަޕޫލަށް ގަދަ ހަތަރަކުން ޖާގަ ގެއްލުނު ނަމަވެސް، ކުރިއަށް އޮތް ސީޒަނުގައި އެ ކުލަބުގެ ތަރިން ކުލަބު ދޫކޮށް ނުދާނެ ކަމަށް ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.

އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް ބަލިވެ، ލިވަޕޫލުން ލީގު ތަށި ދިފާއު ކުރުމަށް ކުރަމުން އައި މަސައްކަތަށް ވަނީ މާޔޫސްކަން ކުރިމަތިވެފައެވެ. މިހާރު އެޓީމަށް ގަދަ ހަތަރެއްގެ ޖާގައަކަށް މަސައްކަތް ކުރަން ޖެހިފައިވާއިރު، އެންމެ ފަހުން ކުޅުނު މެޗުގައި ޗެލްސީ އަތުން ބަލިވެ، ލިވަޕޫލް މިވަގުތު އޮތީ ލީގު ތާވަލުގެ ހަތް ވަނައިގައެވެ.

ޗެލްސީ މެޗުގައި ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހް ބޭލުމުން އޭނާގެ މޫނު މަތިން ހިތްހަމަނުޖެހުން ފެނިފައިވާއިރު، އެކަމާ ގުޅޭ ގޮތުން ކްލޮޕް ވަނީ މީޑިއާގައި ވާހަކަ ވެސް ދައްކައިފައެވެ. ކްލޮޕް ބުނެފައިވަނީ ގޮތް ނިންމާނީ އޭނާ ކަމަށާއި ހުރިހާ ކުޅުންތެރިން ވެސް ޕްރޮފެޝަނަލީ ވިސްނަންޖެހޭ ކަމަށެވެ. އެކަހަލަ މައްސަލަތައް ކުލަބުގައި ނުހުންނާނެ ކަމަށާއި ކުޅުންތެރިން ކުލަބަށް ވަފާތެރި ވާނެ ކަމަށް ވެސް ކްލޮޕް ބުންޏެވެ.

"ކުޅުންތެރިންގެ ލޯޔަލްޓީ އެބަ އޮތް. ޗެމްޕިއަންސް ލީގުގައި ޓީމު ނުކުޅޭނަމަ ޓީމު ދޫކޮށްލާނެ ކަމަށް ބުނާ ކަހަލަ ހާލަތެއް ނޫން މިއީ. ކުޅުންތެރިންގެ ހުރިހާ ކަމެއް އެއަށްވުރެ ރަނގަޅަށް އެނގޭ،" ކްލޮޕް ބުނެފައިވެއެވެ.

ލިވަޕޫލަށް ދެން ކުރިމަތިލާން އޮތީ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގެ މެޗެވެ. ފުރަތަމަ ލެގުގެ މެޗުގައި އާރްބީ ލެއިޕްޒިގް 2-0 އިން ބަލިކޮށް ލިވަޕޫލުން އުންމީދު އާކޮށްފައިވާއިރު، ދެން އޮތް ހޯމް ލެގު ވެސް އޮންނާނީ ނިއުޓްރަލް ސްޓޭޑިއަމް އެއްގައެވެ. ފުރަތަމަ ލެގު ވެސް ބުޑަޕެސްޓްގައި ކުޅެފައިވާއިރު، ދެވަނަ ލެގު ވެސް އޮންނާނީ ޕުސްކާސް އެރީނާގައެވެ.

ކްލޮޕް ބުނެފައިވަނީ މިހާރު ލިވަޕޫލް އޮތް ހާލަތަކީ އުނދަގޫ ހާލަތެއް ކަމަށާއި، އެހިސާބުން އަރައިގަންނަން ހުރިހާ ކުޅުންތެރިން އެކުގައި ތައްޔާރަށް ތިބި ކަމަށެވެ.