ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ 8،000 އަށްވުރެ ގިނަ މުވައްޒަފުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 8،800 އެއްހާ މީހުންނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށެވެ. އެއީ އެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ 30 އިންސައްތައެވެ.
މީގެ އިތުރުން މިނިސްޓްރީން ބުނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ހުރިހާ މުވައްޒަފުންނަށް އެންމެ ފުރަތަމަ ވެކްސިން ދިން ގައުމަކަށް ރާއްޖެ ވުން ގާތް ކަމަށެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު ރާއްޖޭގެ ރިސޯޓުތަކުގައި 44،954 މުވައްޒަފުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ރާއްޖޭގައި ވެކްސިން ޖަހަން ފަށާފައިވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުއެވެ. އޭގެ ފަހުން މިއަދާ ހަމައަށް ރާއްޖޭގައި ވަނީ، 138،000 އަށްވުރެ ގިނަ މީހުން ވެކްސިން ޖަހައިފައެވެ.
ރާއްޖޭގައި ޖަހަމުން އަންނަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް-19 "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިންގެ 200،000 ޑޯޒް އިންޑިއާ އިން ވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ.
އެ ވެކްސިންގެ އިތުރުން ރާއްޖެއަށް 10،000 ޑޯޒްގެ ސައިނޯފާމް ވެކްސިން ގެނެސްފައިވާ އިރު، ޗައިނާ އިން ވެސް ރާއްޖެއަށް 200،000 ޑޯޒްގެ ވެކްސިން ހަދިޔާކުރުމަށް ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު