އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިހާރު ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކުގައި ގިނަ މީހުން ހައްޔަރުކުރި ވަރަކަށް ލިބެނީ ހިތްވަރު ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިދިކޮޅުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ، އިދިކޮޅުން މަގުމައްޗަށް ނުކުތީ، ހަމައެކަނި ޕީޕީއެމް/ޕީއެންސީގެ މެންބަރުންގެ ހައްގުތައް ކަށަވަރުކޮށްދޭން ނޫން ކަމަށާއި އިދިކޮޅުން މަގުމައްޗަށް ނުކުތީ، ހުރިހާ ދިވެހި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދޭން ކަމަށެވެ.
އިދިކޮޅުން މިއަދު ހަވީރުން ފެށިގެން މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާގައި 39 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެކަމަށް އިޝާރާތް ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ، މުޒާހަރާތަކުން ގިނަ މީހުން ހައްޔަރުކުރި ވަރަކަށް ލިބެނީ ހިތްވަރު ކަމަށާއި އިދިކޮޅުގެ އަޒުމަށް ކުޑަވެސް ބަދަލެއް ނާންނަ ކަމަށެވެ.
"މި މަސައްކަތް ހުއްޓުވަން އުޅުނަސް އެކަމެއް ނުކުރެވޭނެ. ގިނަ މީހުން ހައްޔަރުކުރި ވަރަކަށް އަޅުގަނޑުމެންނަށް ލިބޭ ހިތްވަރު ދަނީ ވަރުގަދަ ވަމުން. ހައްޔަރުކުރާ މީހުން އެތަނުން (ހައްޔަރުން) މިނިވަންވާއިރު މާ ހިތްވަރުގަދަ. އެއްގޮތަކަށްވެސް ހައްޔަރުކޮށްގެން މިކަމެއް ނުހުއްޓުވޭނެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ، މިއަދުގެ މުޒާހަރާއިންވެސް ގިނަ ބަޔަކަށް އަނިޔާވެފައިވާ ކަމަށެވެ. އަދި ބައެއް އަންހެނުންނަށް ހިނގައި ނުގަނެވޭ ވަރަށް އަނިޔާވެފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ، އިދިކޮޅުން މިފަހަރު ގެއަށް ވަންނާނީ ސަރުކާރު ހަމަބިމަށް ތިރުކޮށް، ޖަވާބުދާރީ ކުރުވުމަށް ފަހުގައި ކަމަށެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގައި ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާންކޮށް ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ އިރު، އެއްވުންތަކާއި ހަފްލާތަކާއި ޖަލްސާތަކާއި މުޒާހަރާތައް ބޭއްވުން ވަނީ މަނާކޮށްފައެވެ. އަދި މާލޭ ސަރަހައްދުގައި ފަސް މީހުންނަށް ވުރެ ގިނައިން އެއް ނުވެވޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ކަނޑައަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު