Close
ޚަބަރު

ޒާހިދު އިސްތިއުފާ ދެއްވުން: ފުއާދު ވިދާޅުވަނީ އެކަންވީ ރަނގަޅަށް ކަމަށް

އަލީ އަފާފު ރަމީޒު

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކޮޕްލައިންސް ބިއުރޯގެ ވެރިޔަކަށް ހުންނެވި މުހައްމަދު ޒާހިދު އެ މަގާމުން އިސްތިއުފާ ދެއްވުމަކީ އެންމެ ރަނގަޅަކަށްވީ ކަމެއް ކަމަށް އެ ކޮމިޝަންގެ މެންބަރު ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.

އެޗްއާރުސީއެމްގެ ކުރީގެ ނައިބު ރައީސް ކަންވެސް ކުރެއްވި ޒާހިދު އެމަގާމުން އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ. އޭނާ އިސްތިއުފާދެއްވާފައި ވަނީ މަޖިލިސް މެންބަރުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

ރާއްޖެ ޓިވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފުއާދު ވިދާޅުވީ މިދިޔަ އަންގާރަ ދުވަހު އީސީގެ މެންބަރުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށް މަޖިލިސް މެންބަރުންގެ ހުރި ކަންބޮޑުވުންތައް ހިއްސާ ކުރެއްވި ކަމަށެވެ. އަދި އެ ކަންބޮޑުވުންތައް އަޑުއެހުމަށްފަހު ޒާހިދު ނިންމެވީ، އެމަގާމުން އިސްތިއުފާދެއްވުމަކީ މިވަގުތު އެންމެ މަސްލަހަތު ހުރި ގޮތް ކަމަށްވެސް ފުއާދު ވިދާޅުވި އެވެ.

"އެބޭފުޅާވެސް ދެކެވަޑައިގަތީ އެންމެ މަސްލަހަތު ހުރި ގޮތަކަށް ވާނީ އެބޭފުޅާ އިސްތިއުފާ ދެއްވިއްޔާ ކަމަށް. އެއިރުން އިލެކްޝަންސްއަށްވެސް މަސައްކަތްތައް އޮމާންކޮށް ގެންދިއުމަށް މަގުފަހިވާނީ. އަޅުގަނޑު ދެކެނީ ރަނގަޅަށް ކަމަށް އެކަންވެސް ވެގެންދިޔައީ،" ފުއާދު ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖޫން، 2017ގައި އެޗްއާރުސީއެމްއަށް އައްޔަންކުރި ޒާހިދު ވަނީ މި ވެރިކަމުގައި މަގާމުން ދުރުކޮށްފަ އެވެ. މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި ޒާހިދު އެ މަގާމުން ދުރުކޮށްފައިވަނިކޮށް ވޯޓާ ގުޅޭ މުހިންމު މަގާމެއްގައި އޭނާ ހުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ބައެއް މެންބަރުންނާއި ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފަ އެވެ.

އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގައި މެންބަރުން ވަނީ ޒާހިދުއާ ގުޅޭ ގޮތުން އީސީގެ ރައީސް އަހުމަދު ޝަރީފުއާ ސުވާލު ކުރައްވައިފަ އެވެ. އަދި މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި މަގާމުން ދުރުކޮށްފައި ހުރި މީހަކު އެފަދަ މަގާމެއްގައި ހުރެ އިންސާފުވެރިކަމާއެކު ކަންކަން ހިނގައިދާނެ ކަމާމެދު ސުވާލު އުފެއްދި އެވެ.

ނަމަވެސް އީސީގެ ރައީސް ޝަރީފު ވިދާޅުވެފައިވަނީ އެ މަގާމުގައި ހުރެގެން ބޭނުން ގޮތަކަށް ކަންކަން ނުކުރެއްވޭނެ ކަމަށާއި ގައުމީ ކޮމްޕެލެއިންސް ބިއުރޯ އިން ކަމެއް ނިންމޭނީ ދެން ތިބޭ އަނެއް ހަތަރު މެންބަރުންގެ ވެސް އާނބަސް ލިބިގެން ކަމަށެވެ.