މިޔަންމާއަށް ގެނައި ބަޣާވާތް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ މަހުގެ އެއް ވަނަ ދުވަހު ބަޣާވާތަކުން މިޔަންމާގެ ސަރުކާރު ބަދަލުކުރުމާއި ގުޅިގެން އެކަން ކުށްވެރިކުރުމުގައި ބައިނަލްއަގުވާމީ މުޖުތަމައުއާ ދިވެހި ސަރުކާރު ބައިވެރިވާ ކަމަށެވެ. އަދި މިޔަންމާގެ އަސްކަރިއްޔާ އިން އެގައުމުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާ ނޭއްގާނީ އަމަލުތަކާއި އެކަމުގެ ސަބަބުން ކުށެއް ނެތް އާންމުންގެ އެތައް ބައެއްގެ ފުރާނަ ގެއްލެމުންދާތީ ކަންބޮޑުވާ ކަމަށް ބުންޏެވެ.
ފޮރިން މިނިސްޓްރީން އިތުރަށް ވަނީ ގާނޫނާ ހިލާފަށް މިޔަންމާގެ މަދަނީ ސަރުކާރުގެ އޮފިޝަލުންނާއި ހަތިޔާރެއް ނެތި މުޒާހަރާ ކުރަމުން އަންނަ ފަރާތްތައް ހައްޔަރުކުރުން ހުއްޓާލުމަށާއި މިޔަންމާގެ ގާނޫނު އަސާސީން ކަނޑައަޅާފައިވާ ހައްގުތައް ކަށަވަރު ކޮށްދިނުމަށް ވެސް މިޔަންމާ ސަރުކާރަށް ގޮވާލައިފަ އެވެ.
އޭގެ އިތުރުން އިންސާނީ ހައްގުތަކުގެ އަސާސްތަކަށާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި ބަގާވާތަށްފަހު އިއުލާންކޮށްފައިވާ ކުއްލި ހާލަތު އުވާލުމަށާއި އިންތިހާބުގެ ނަތީޖާ ގަބޫލުކޮށް، ވެރިކަމުގެ ބާރުތައް، އިންތިހާބު ކޮށްފައިވާ ނޭޝަނަލް އެސެމްބްލީ އަށް ދޫކޮށްލުމަށް އަދި މިޔަންމާގެ ސިޔާސީ އަދި އިޖުތިމާއީ ހަމަޖެހުން ދެމެހެއްޓުމަށް ވެސް ގޮވާލާފައިވެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ، މިޔަންމާގެ ރައްޔިތުން ޑިމޮކްރަސީއަށް ކުރަމުން އަންނަ މަސައްކަތުގައި ރާއްޖެއިން އޮތީ އެގައުމާއެކުގައި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު