ކުރީގެ ރައީސް އަބުދްﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުން ހިންގި 7000 ފްލެޓް މަޝްރޫއުން ފްލެޓު ލިބިފައިވާ ކަމަށް ބައެއް ފަރާތްތަކަށް ދޫކޮށްފައިވާ ލިޔުމަކީ، ސަރުކާރުގެ ނިޝާން ޖަހާފައިވާ ލިޔުމެއް ނަމަވެސް، މުދަލުގެ މައްޗަށް މީހެއްގެ ހައްގު ގާނޫނީ ގޮތުން އޮތްކަން ދަލީލު ކޮށްދޭ ލިޔުމެއް ނޫން ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.
އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މިހެން ވިދާޅުވީ، ފުލެޓް ދިންގޮތާމެދު ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމުން، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ހާޒިރުކޮށް، މެންބަރުން ކުރެއްވި ސުވާލު ތަކުގެ ތެރެއިން، ފްލެޓް ލިބުނުކަމަށް، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ދޫކުރި ލިއުމުގެ ގާނޫނީ ސައްހަ ކަމާބެހޭގޮތުން ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އޭޖީ ވިދާޅުވީ، އެ ލިއުމަކީ ޝަރުތުގެ މައްޗަށް ބިނާކޮށް ފައިވާ ލިއުމެއް ކަމަށެވެ. އެހެންކަމުން އެ ލިއުމުގައި ބުނާ ޝަރުތުތައް ބެލުމަށްފަހު ޝަރުތު ފުރިހަމަނުވާނަ އެލިއުން ބާތިލް ކުރުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
އޭޖީ ވިދާޅުވީ، ދައުލަތުން ދޫކުރާ ލިއުމެއްގައި ދައުލަތުގެ ނިޝާން ޖަހާފައި އޮތް ނަަމަވެސް، އެ ލިއުމަކީ ގާނޫނީ ގޮތުން ބަނދެވޭ ބަނދެވުންތަކެއް އުފައްދާ ލިއުމަކަށް ވާނީ އެ ލިއުމުގައި ބަޔާންކޮށްފައި އޮންނަ ވާހަކަ ތަކުން، އަދި އެ ލިއުމުގައި ބަޔާންކޮށްފައި އޮންނަ އިލްތިޒާމު ތަކަކުން ކަމަށެވެ.
"ފްލެޓް ލިބުނުކަމަށް ދޫކޮށްފައިވާ ލިއުމަށް ބަލާއިރު އެ ލިއުމުގައި އެބަ ބުނޭ ލިއުން ހަވާލު ކުރެވުނަސް ފްލެޓް އެއްބަސް ވުމުގައި ސޮއި ކުރަންޖެހޭނެ ވާހަކަ، އަދި އެބަ ބުނު އެއްބަސް ވުމުގައި ސޮއި ކުރުމުގެ ކުރިން އެމީހަކު ދީފައިވާ މައުލޫމާތު ފްލެޓް ލިބުމުގެ ޝަރުތަކާ ދިމާވޭތޯ، ނުވަތަ އެ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށް ޓަކައި އިތުރަށް ބަލަންޖެހޭ ކަންކަން އެބަހުރި ފާހަކަކޮށްފަ، އެހެން ކަން ހުރިއިރު، އެބަބުނޭ އިތުރަށް ބަލާ ކަންކަމުގެ ތެރޭގައި 30 އޭޕްރީލް 2018 އާ ހަމައަށް 600 އަކަފޫޓުގެ ނުވަތަ އެއަށްވުރެން ބޮޑު ގޯއްޗެއް، ފުލެޓެއް، ނޫނިއްޔާ ރޯހައުސްއެއް ލިބިފައިވާ ފަރާތެއް ކަމަށް ވަންޏާ، އެ ޖެހޭނެއޭ ސަރުކާރަށް ދޫކޮށްލަން އަދި ހަމަ އެ ލިމުގައި އެބަ ބުނޭ ދެމަފިރިން ލިސްޓަށް ހޮވިފައިވާ ހަލާތެއްގައި ދެމަފިރިންގެ ތެރެއިން، ދަރިން ތިބިނަމަ އެ ދަރިން ބަލާ ފަރާތައް އިސްކަންދޭނެ ވާހަކަ، ދަރިން ނެތްނަމަ ދެމަފިރިންގެ ހާލަތަށް ބަލައިފަ ހައުސިން މިނިސްޓްރީން ފްލެޓްދޭނެ ފަރާތެއް ކަނަޑައަޅާނެ ކަމަށް،" އޭޖީ ރިފްއަތު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ފްލެޓްދިންކަމުގެ ލިއުމުގައި އެކަންތައްތައް އެގޮތަށް ހުރުމުން، އެ މައުލުމާތުތައް ސާފުނުކޮށް ހަމައެކަނި ދައުލަތުގެ ނިޝާން ޖަހާފައި އޮންނަ ލިއުމަކަށް ބަލައިގެން ފްލެޓް ދެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"އެއީ ގާނޫނީގޮތުން އިލްތިޒާމެއް އުފައްދަންވާ، އަދި ހައްގެއް އުފަން ކުރުވަންވާނެ ލިއުމެއް ކަމަކަށް ގަބޫލެއް ނުކުރަން،"
އޭޖީ ވިދާޅުވީ، އެ މޭރުމުން މަތީ ކޯޓުތަކުގެގަޒިއްޔާތައް ވެސް ނިންމާފައިވާ ކަމަށެވެ.
އެގޮތުން މީހެއްގެ ކިބައިގައި ހުރުން ލާޒިމުވާ ޝަރުތު ފުރިހަމަ ނުވަންޏާ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ދަށުން ފްލެޓް ނުލިބޭނެ ކަމަށް 2017 ވަނަ އަހަރު ސުޕްރީމްކޯޓުން ނިންމާ ފައިވާ ނިންމުމެއް އޭޖީ ފާހަގަ ކުރެއްވިއެވެ.
ކުރީގެ ބަންޑާރަނައިބު އިބްރާހީމް ރިފްއަތު
ކުރީގެ ބަންޑާރަނައިބު އިބްރާހީމް ރިފްއަތު
ކުރީގެ ބަންޑާރަނައިބު އިބްރާހީމް ރިފްއަތު