އިންޑިއާގެ އެއާ ވިސްޓާރާ އިން ރާއްޖެ އާއި ދެމެދު ޝެޑިއުލް ދަތުރުތައް ފަށައިފި އެވެ.

އެމްއޭސީއެލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިއްޔެ އިން ފެށިގެން މާލެ އާއި އިންޑިއާގެ މުމްބާއީ އާ ދެމެދު އެއާ ވިސްޓާރާގެ ދަތުރުތައް ފަށާފައިވާ ކަމަށެވެ. އަދި މި އެއާލައިންގެ ފުރަތަމަ ފްލައިޓް އިއްޔެ މެންދުރު 12:25 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވާ ކަމަށްވެސް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ.

އެއާ ވިސްޓާރާގެ ދަތުރުތައް އޮންނާނީ ކޮންމެ ހަފްތާއަކު އާދިއްތަ، ބުދަ އަދި ހޮނިހިރު ދުވަހު އެވެ. ޓިކެޓުގެ އަގު އުޅެނީ ދެކޮޅަށް 244 ޑޮލަރާއި 648 ޑޮލަރާ ދެމެދު އެވެ.

އެއާ ވިސްޓާރާ އަކީ އިންޑިއާގެ ޓާޓާ ގްރޫޕާއި، ސިންގަޕޯ އެއާލައިންސް ހިއްސާވެގެން އުފައްދާފައިވާ އެއާލައިނެކެވެ.

މިއީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ދަތުރުކުރާ ހަތަރުވަނަ އެއާލައިނެވެ.