ތަރައްގީވަމުން އަންނަ ގައުމުތަކުގެ ބޭރުގެ ދަރަނި 2025 ވަނަ އަހަރު ރެކޯޑު މިންވަރެއް ކަމަށްވާ 9.4 ޓްރިލިއަން ޑޮލަރަށް އަރައިފިއެވެ. ވޯލްޑް ބޭންކުން އިއްޔެ ނެރުނު އިންޓަނޭޝަނަލް ޑެޓް ރިޕޯޓު 2026 އިން ދައްކާ ގޮތުގައި، މިއީ 5.5 އިންސައްތައިގެ އިތުރުވުމެކެވެ. އަދި މިއީ 2021 ވަނަ އަހަރަށް ފަހު ދަރަނި އެންމެ ހަލުވިކޮށް އުފުލުނު ފަހަރު ކަމަށާއި، ދައުލަތްތަކުގެ އިދާރާތަކުން ވިއްކި ބޮންޑުގެ އަދަދު ގާތްގަނޑަކަށް 35 އިންސައްތަ އިތުރުވެ، 251 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ.
ވޯލްޑް ބޭންކާ ހަވާލާދީ ބްލޫމްބާގުން މިއަދު ރިޕޯޓުކޮށްފައިވާ ގޮތުގައި، އާމްދަނީ ދަށް ގައުމުތަކުން މިދިޔަ އަހަރު ނެގި އާ ޕްރައިވެޓް ލޯނުތަކަށް އެވްރެޖްކޮށް 8.2 އިންސައްތަ އަދި އާ ބޮންޑުތަކަށް 9.4 އިންސައްތަ ދައްކާފައިވެއެވެ.
މުޅި ދުނިޔޭގެ ތަރައްގީވަމުން އަންނަ ގައުމުތަކުގެ މި އަދަދުތަކުގެ އިތުރުން، ވޯލްޑް ބޭންކުން ދިވެހިރާއްޖެއަށް ހާއްސަކޮށް ނެރެފައިވާ މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް 2026 ރިޕޯޓުގައި ރާއްޖޭގެ ދަރަނީގެ ތަފާސްހިސާބުތައް ވަނީ ހިމަނައިފައެވެ. އެ ރިޕޯޓުގައި ވޯލްޑް ބޭންކުން ބުނެފައިވާ ގޮތުގައި، 2025 ވަނަ އަހަރު ރާއްޖޭގެ ދައުލަތުގެ ދަރަންޏާއި ދައުލަތުން ގެރެންޓީ ދީފައިވާ ދަރަނި ހުރީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 129.7 އިންސައްތައިގައެވެ. މެދުރާސްތާގައި ދައުލަތުގެ ދަރަނި އުފެއްދުންތެރިކަމުގެ ނިސްބަތުން 140 އިންސައްތައަށް ވުރެ މައްޗަށް ދާނެ ކަމަށް ވޯލްޑް ބޭންކުން ވަނީ ލަފާކޮށްފައެވެ.
ވޯލްޑް ބޭންކުގެ ރާއްޖެއާ ގުޅޭ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2025 ވަނަ އަހަރު ބޭރުގެ ދަރަނި އަދާކުރުމަށް 630 މިލިއަން ޑޮލަރު ބޭނުންވިއިރު، 2026 ވަނަ އަހަރު އެ އަދަދު 1.7 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. މިދިޔަ އެޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކާއި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އަދާކޮށްފައިވީ ނަމަވެސް، މި އަހަރުގެ ބާކީ ބައިގައި ބޭރުގެ ދަރަނި އަދާކުރުމަށް ގާތްގަނޑަކަށް 1.0 ބިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް އެ ބޭންކުން ބުންޏެވެ. އަދި ދަރަނީގެ ހިރާސް ބޮޑުވެފައިވާއިރު، މި އަހަރު ރާއްޖޭގެ ކަރަންޓް އެކައުންޓް ޑެފިސިޓް އުފެއްދުންތެރިކަމުގެ ނިސްބަތުން 20.6 އިންސައްތައަށް ފުޅާވާނެ ކަމަށްވެސް ވާރލްޑް ބޭންކުން ލަފާކޮށްފައިވެއެވެ.
ވޯލްޑް ބޭންކު
ވޯލްޑް ބޭންކު
ވޯލްޑް ބޭންކު
ވޯލްޑް ބޭންކު
ކޮމެންޓް