ރާއްޖޭގެ ހާރިޖީ ސިޔާސަތާމެދު ލަދު ގަންނަން ޖެހޭ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) އިފްތިތާހުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ދުންޔާ ވިދާޅުވީ، ސަރުކާރަށް ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައި ނުދެވޭ ކަމަށެވެ. އެގޮތުން ސަރުކާރު ތެރޭގައި ވައްކަމާއި ފަސާދައާއި ކޮރަޕްޝަން ގިނަކަން ދުންޔާ ފާހަގަކުރެއްވިއެވެ.

"އަދުލު އިންސާފުގެ ނިޒާމަށް އޮންނަނީ ވަރަށް ބޮޑަށް ނުފޫޒު ފޯރުވާފައި. ކޮރަޕްޝަން ގިނަ." ދުންޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ދުންޔާ ވިދާޅުވީ، ރާއްޖޭގެ ހާރިޖީ ސިޔާސަތު އޮތީ ފެއިލްވެފައި ކަމަށާއި ހާރިޖީ ސިޔާސަތާ މެދު ލަދުގަންނަން ކަމަށެވެ. އަދި ރާއްޖެ މިހާރު މިއޮތީ ބައެއްގެ އަޅުވެތިކަމުގައިކަމަށް ވެސް ދުންޔާ ވިދާޅުވިއެވެ.

"1965 ވަނަ އަހަރު ދިވެހި ރާއްޖެ ހޯދި މިނިވަންކަމެއް ނެތް. އެ އަހަރު ޖުލައި 26 ގައި ރާއްޖެ ކުރި މިނިވަންކަމުގެ މުއާހަދާގެ މަތިން މިއަދު ސަރުކާރުން މިވަނީ ހަނދާން ނެތިފައި. ބޭރުގެ އެއް ގައުމެއްގެ ކިބައިން ސަލާން ޖަހާ ގައުމަކަށް ވެފައި. އަމިއްލަ ފައިމައްޗަށް ތެދުވެ އަމިއްލަ ފުދުންތެރިކަން ހޯދުމުގެ ބަދަލުގައި އަބަދު އެހީއަށް ބަރޯސާ ވާ ގައުމަށް ވެފައި" ދުންޏާ ވިދާޅުވިއެވެ.

މީގެ އިތުރުން ދުންޔާ ވިދާޅުވީ، އެއްވެސް ގައުމަކުން އެދުމެއް ނެތި ވެދުމެއް ނުކުރާނެ ކަމަށެވެ.

ދުންޔާ ވިދާޅުވީ، ރާއްޖޭގައި އަންހެނުންނަށް ސިޔާސީ މަޝްރަހުގައި އިތުރު ފުރުސަތުތަކެއް ފަހިކޮށްދޭން ޖެހޭ ކަމަށެވެ. އަދި އަންހެނުން ބާރުވެރިކުރުވުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.