ދެހާސް ސައުވީސް ވަނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކުރިން ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) ސިޔާސީ ޕާޓީއަކަށް ވެދާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޑީއެންއޭ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ވަން ޕްލަސްގެ "ވަަން އެކްސްކްލޫސިވް" ޕްރޮގުރާމުގައި ޑީއެންއޭ ސިޔާސީ ޕާޓީއަކަށް ބަދަލުކުރުމުގެ ވިސްނުމާ މެދު ސުވާލުކުރުމުން އުމަރު ވިދާޅުވީ، ދިވެހިރާއްޖެއަށް މިހާ ހިސާބަށް ސިޔާސީ ޕާޓީތަކުން ގެނެސްދިން މާހައުލަކީ ވަރަށް ޓޮކްސިކް، ވަރަށް ޒަހަރު އެކުލެވިގެންވާ މާހައުލެއް ކަމަށްވާތީ، ކުރިން އުފެއްދި ފަދައިން އަނެއްކާވެސް އައު ޕާޓީއެއް ނުއުފައްދަން ވެގެން ޑީއެންއޭ ޕާޓީއަކަށް ބަދަލުކުރުމުގެ ވިސްނުން ނުގެންގުޅޭ ކަމަށެވެ.
"ޑީއެންއޭ އަކީ ސިޔާސީ ހަރަކާތެއް. އަޅުގަނޑުމެން މި ގަސްތު ކުރަނީ ޑީއެންއޭގެ ފަރާތުން ސިޔާސީ އެކިއެކި މަސައްކަތްތައް ކުރަން. އަދި ރިޔާސީ އިންތިހާބުގައި ވާދަވެސް ކުރަން. އިންޑިޕެންޑެންޓް ކެންޑިޑޭޓަކު ނެރެގެން. ޑީއެންއޭ ޕާޓީއަކަށް ބަދަލުކުރުމުގެ ވިސްނުމެއް އަދިއެއް ނެތް،" އުމަރު ވިދާޅުވިއެވެ.
އުމަރު އިތުރަށް ވިދާޅުވީ، ޑީއެންއޭ ޕާޓީއަކަށް ބަދަލުކުރުމުގެ ވިސްނުން ރިޔާސީ އިންތިހާބާ ހަމައަށް ނެތް ނަމަވެސް، ފަހަރެއްގައި މަޖިލިސް އިންތިހާބާ ހަމައަށް އަންނަ އިރުގައި އެ ހިޔާލު ގެނެސްދާނެ ކަމަށެވެ.
ދާދި ފަހުން ޑީއެންއޭ އިން ވަނީ 2023ގެ ރިޔާސީ އިންތިހާބުގައި އެ ހަރަކާތުގެ ފަރާތުން ކެންޑިޑޭޓެއް ނެރުމަށް، އެކަމަށް ކުރިމަލުމަށް ފުރުސަތު ހުޅުވާލައިފައެވެ. ނަމަވެސް ޑީއެންއޭ އަކީ ސިޔާސީ ޕާޓީއަކަށް ނުވާތީ، އެ ހަރަކާތުގެ ތާއީދާއެކު ނުކުންނަ ކެންޑިޑޭޓު ވެގެންދާނީ އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓަކަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު