އިލެކްޝަންސް ކޮމިޝަން (އީސީ) ކޮޕްލައިންސް ބިއުރޯގެ ވެރިޔަކަށް ހުންނެވި އެޗްއާރުސީއެމްގެ ކުރީގެ ނައިބް ރައީސް މުހައްމަދު ޒާހިދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ޒާހިދު އެ މަގާމުން އިސްތިއުފާ ދެއްވިކަން އިލެކްޝަން ކޮމިޝަނުން ވަނީ 'ވަން' އަށް ކަށަވަރު ކޮށްދީފަ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖޫން، 2017ގައި އެޗްއާރުސީއެމްއަށް އައްޔަންކުރި ޒާހިދު ވަނީ މި ވެރިކަމުގައި މަގާމުން ދުރުކޮށްފަ އެވެ. މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި ޒާހިދު އެ މަގާމުން ދުރުކޮށްފައިވަނިކޮށް ވޯޓާ ގުޅޭ މުހިންމު މަގާމެއްގައި އޭނާ ހުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ބައެއް މެންބަރުންނާއި ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފަ އެވެ.
އެގޮތުން އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގައި މެންބަރުން ވަނީ ޒާހިދުއާ ގުޅޭ ގޮތުން އީސީގެ ރައީސް އަހުމަދު ޝަރީފުއާ ސުވާލު ކުރައްވައިފަ އެވެ. އަދި މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި މަގާމުން ދުރުކޮށްފައި ހުރި މީހަކު އެފަދަ މަގާމެއްގައި ހުރެ އިންސާފުވެރި ކަމާއެކު ކަންކަން ހިނގައިދާނެ ކަމާމެދު ސުވާލު އުފެއްދި އެވެ.
ނަމަވެސް އީސީގެ ރައީސް ޝަރީފު ވިދާޅުވެފައިވަނީ އެ މަގާމުގައި ހުރެގެން ބޭނުން ގޮތަކަށް ކަންކަން ނުކުރެއްވޭނެ ކަމަށާއި ގައުމީ ކޮމްޕެލެއިންސް ބިއުރޯ އިން ކަމެއް ނިންމޭނީ ދެން ތިބޭ އަނެއް ހަތަރު މެންބަރުންގެ ވެސް އާބަސް ލިބިގެން ކަމަށެވެ.