މިއަހަރުގެ ޓޯކިޔޯ އޮލިމްޕިކްސް އަށް ރާއްޖޭން ދާނެ ހަ އެތުލީޓަކު އެތުލެޓިކްސް އެސޯސިއޭޝަނުން ޝޯޓްލިސްޓް ކޮށްފިއެވެ.
ޝޯޓްލިސްޓް ކޮށްފައިވަނީ ފިރިހެން ތިން ދުވުންތެރިންނާއި އަންހެން ތިން ދުވުންތެރިންނެވެ. ފިރިހެން ދުވުންތެރިންގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އަހުމަދު ނަޖްދާން އަބްދުﷲ އަދި އިބާދުﷲ އާދަމް އެވެ. އަންހެން އެތުލީޓުންނަކީ އައިޝަތު ހިމްނާ ހަސަން، އައިޝަތު ޝަބާ ސަލީމް އަދި މަރިޔަމް ރޫޔާ އަލީއެވެ.
ހިމްނާ ނޫން ހުރިހާ ދުވުންތެރިންގެ ނަން ހިމަނާފައިވަނީ 100 މީޓަރުގެ ރޭހުގައެވެ. ހިމްނާ ހިމަނާފައިވަނީ 400 މީޓަރު ރޭހުގައެވެ. ޝޯޓް ލިސްޓުގެ ތެރެއިން އޮލިމްޕިކްސްއަށް ދާނެ އެތުލީޓުން އިއުލާން ކުރާނީ އަދި ފަހުގެ ތާރީހެއްގައެވެ.
މިދިޔަ އަހަރު ބާއްވަން އޮތް އޮލިމްޕިކްސް މިއަހަރަށް ފަސްކުރީ ކޮވިޑް-19ގެ ނުރައްކަލާ ހެދިއެވެ. މިހާރު އޮތް ގޮތުން މިއަހަރުގެ އޮލިމްޕިކްސް އޮންނާނީ ޖުލައި 23 އިން އޮގަސްޓު އަށް ވަނަ ދުވަހުގެ ނިޔަލަށެވެ.
އެންމެ ފަހުން ބްރެޒިލްގެ ރިއޯގައި 2016 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސްގައި ރާއްޖޭގެ ފަރާތުން ވާދަކުރީ ދެ ދުވުންތެރިއެކެވެ. ސާއިދުގެ އިތުރުން އުއްމީދީ ދުވުންތެރިޔާ އަފާ އިސްމާއިލް އެފަހަރުގެ އޮލިމްޕިކްސްގައި ވާދަކޮށްފައިވާއިރު، ސާއިދު ވަނީ ފުރަތަމަ ބުރުން ޖާގަ ހޯދައި ތާރީހީ ކާމިޔާބެއް ހޯދައިފައެވެ. ޕްރިލިމިނަރީ ބުރުން ސާއިދު އެއްވަނަ ހޯދައިފައިވާއިރު، ސާއިދަކީ އެފަހަރުގެ އޮލިމްޕިކްސްގެ ޕްރިލިމަރީ ބުރު ފަހަނައަޅައި ދިޔަ ދެކުނު އޭޝިއާގެ ހަމައެކަނި އެތުލީޓެވެ.
ސާއިދު ވެފައިވަނީ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ގޭމްސްގެ ޕްރިލިމިނަރީ ބުރެއް ފަހަނައަޅައި ދިޔަ ދިވެހި ދެވަނަ އެތުލީޓަށެވެ. އެ ޝަރަފު މީގެ ކުރިން ހޯދާފައިވަނީ، 2012 ވަނަ އަހަރުގެ ލަންޑަން އޮލިމްޕިކްސްގެ ފުރަތަމަ ބުރުން ޖާގަ ހޯދި އަޒްނީމް އަހުމަދު (އައްޒަ) އެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު