ފިނި މޫސުމުގެ ތެރޭގައި ގިނަ މެޗުތަކެއް ކުޅެން ޖެހި، ޓީމަށް އުނދަގޫ ދުވަސްތަކެއް ކުރިމަތިވި ނަމަވެސް، އެ ދުވަސްތަކުން އަރައިގަނެވުމުން ވަރަށް ބޮޑަށް ހިތްހަމަ ޖެހިއްޖެ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު، ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ސިޓީން ރޭ ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، އެޓީމުން ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާ ވަނީ 21 މެޗަށް ދިގު ދަންމާލައިފައެވެ. އިނގިރޭސި ފުޓުބޯޅަ ޓީމުތަކަށް އެންމެ ބުރަ ބޮޑު ދުވަސްތައް ކަމަށްވާ ޑިސެންބަރު އަދި ޖެނުއަރީ މަސް މިހާރު ނިމިފައިވާއިރު، ގާޑިއޯލާގެ ސިޓީ އޮތީ ލީގު ތާވަލުގެ އެއްވަނައިގައި ބޮޑު ލީޑެއްގައެވެ. ލީގު ކަޕް އަދި އެފް އޭ ކަޕްގައިވެސް ސަލާމަތުން އޮތްއިރު، ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުންވެސް ޔުނައިޓެޑް ވަނީ މޮޅުވެފައެވެ.
"ފިނި މޫސުމުގެ ދުވަސްތަކަކީ ވަރަށް އުނދަގޫ ދުވަސްތަކެއް. ޓީމުތަކަށް އެތަކެއް މައްސަލަތަކެއް ދިމާވާނެ. އެއީ ބުރަބޮޑު ޝެޑިއުލެއް. އެކަމަކު ސިޓީގެ ކުޅުންތެރިން ދެއްކި ކުޅުމާއެކު މިފަހަރު އެ ބުރަކަމުން ސަލާމަތްވީ ވަރަށް ފުރިހަމައަށް. މިއީ ވަރަށް ބޮޑު ކާމިޔާބެއް،" ގާޑިއޯލާ ބުނެފައިވެއެވެ.
ރޭގެ މެޗުގެ 15 ވަނަ މިނެޓުގައި ޑޮންޑޮންކާ އަތުން ބައިކޮޅަށް ވަން ގޯލާއެކު ސިޓީން ލީޑު ނެގި ނަމަވެސް، 61 ވަނަ މިނެޓުގައި ކޯޑީ ވަނީ ވުލްވްސް އަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މެޗުގެ ފަހު 10 މިނެޓާ ހަމައަށް 1-1 އިން އެއްވަރުވެފައި އޮތް ނަމަވެސް، 80 ވަނަ މިނެޓުގައި ގެބްރިއަލް ޖީސަސް އަދި 90 ވަނަ މިނެޓުގައި ރިޔާދު މަހަރޭޒް ވަނީ ސިޓީއަށް ދެ ގޯލް ޖަހައިދީފައެވެ. އަދި މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް، ގެބްރިއަލް ޖީސަސް ވަނީ އިތުރު ގޯލެއް ޖަހާފައެވެ.
ސިޓީން މޮޅުވުމުގެ ދިގު ސިލްސިލާއެއް ދަމަހައްޓަމުން އަންނައިރު، ދެން ލީގުގައި އެޓީމުން ނުކުންނާނީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު